ރައުދު ރާއްޖެއިން ބޭރަށް ފުރިކަމަށް ބުނެ ފަތުރަނީ ދޮގެއް: ފުލުހުން

ހ. ފެންޓެނޯއީ ގޭގެ މަތިން، ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި އޭނާއާއެކު އެވަގުތު އެގެއަށް ވަދެ އުޅުނު ރައުދު އަހުމަދު ޛިލާލް ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެއްކެވޭ ވާހަކަތަށް ފުލުހުން ދޮގުކޮށްފި އެވެ.މިއަދު ހަވީރު މީޑިއަތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ރައުދު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައި ނުވާ ކަމަށާއި އޭނާ ފުރުން މަނާކުރުމުގެ އަމުރު އަދިވެސް ދެމި އެބައޮތް ކަމަށް ފުލުހުން ބުންޏެވެ."ރައުދު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް، ރައުދު ފުރުން މަނާކުރުމުގެ އަމުރު އަދިވެސް ދެމި އެބައޮތް،" ފުލުހުން ފޮނުވި މެސެޖުގައި ބުންޏެވެ.މި މައްސަލައާއި ގުޅިގެން އުމުރުން 22 އަހަރުގެ ރައުދު އެ މައްސަލައިގައި ހައްޔަރު ކުރި ނަމަވެސް، މިހާރު ވަނީ ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލާފައިވަނީ އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ހުށަހެޅުމުން، އެ އޮފީހުން ދަންނަވައިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.އޭނާގެ މައްޗަށް މިހާރު ދައުލަތުން ވަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އުފުލައިފަ އެވެ.އޭނާގެ މައްޗަށް އުފުލި ދައުވާ ސާބިތުވެއްޖެނަމަ އަންނާނީ އެއް މަހާއި ހަ ދުވަހުގެ ހުކުމެކެވެ. މިހާތަނަށް ރައުދު ވަނީ ބަންދުގައި 34 ދުވަސް ހޭދަކޮށްފަ އެވެ. އެހެންކަމުން، އޭނާގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް ބަންދުގައި ހޭދަކުރަންޖެހޭނީ ދެ ދުވަހެވެ.ރައުދުގެ މައްޗަށް ހެކީގެ ގޮތުގައި ހުށަހަޅާފައި ވަނީ ފުލުހުންނާއި ހެކިންގެ ބަޔާނުގެ އިތުރުން ފޮޓޯ ރިޕޯޓާއި ސީން އޮފް ކްރައިމްސް އޮފިސާސް ރިޕޯޓު އަދި އިތުރު ބައެއް ހެކި ގަރީނާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ