އެސެސްމަންޓަށްފަހު 20 މީހަކު ވާނުވާ ބަންދުން ދޫނުކުރަން ނިންމައިފި އެސެސްމަންޓަށްފަހު 20 މީހަކު ވާނުވާ ބަންދުން ދޫނުކުރަން ނިންމައިފި

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން ފުލުހުން އެސެސްމަންޓް ހެދި 20 މީހަކު ޓެގު އެޅުމަށްފަހު ބަންދުން ދޫނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ނިންމައިފި އެވެ.
ޕީޖީން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފުލުހުންގެ އެސެސްމަންޓް ހެދުމަށް މިހާތަނަށް 121 ގެ ފޯމު ލިބިފައިވާއިރު، އޭގެ ތެރެއިން އެސެސްމަންޓް ހެދި 29 މީހުންގެ ތެރެއިން ޓެގު އެޅުމަށްފަހު ބަންދުން ދޫކޮށްލަން ނިންމީ ނުވަ މީހުންނެވެ.
އަލަށް އެކުލަވާލި އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ދަށުން ޓެގު އެޅުވުމަށްފަހު ދޫކޮށްލަން އެދި މިހާތަނަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 92 މީހެއްގެ އެސެސްމަންޓް ނިމިފައި ނުވާކަން ވެސް ޕީޖީން ވަނީ ހާމަކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގެ އަމުރުތަކުން އެނގޭ ގޮތުގައި ޓެގު އެޅުމަށްފަހު ވާނުވާ ބަންދުން މިހާތަނަށް ދޫކޮށްލި މީހުންގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ މައްސަލަތަކާއި މާރާމާރީގެ މައްސަލަތަކުގައި ހިމެނޭ މީހުންނެވެ.
ޕީޖީ އޮފީހުން ބުނީ، ލުޔަށް އެދި ހުށަހަޅާ ފަރާތްތަކުގެ އެސެސްމަންޓުތައް ލިބޭ ވަރަކުން ލުއިދިނުމަށް ކޯޓަށް ހުށަހެޅެމުންދާނެ ކަމަށެވެ. ލުއި ދޭން ނިންމާފައި ވަނީ ގިނަ ވެގެން 100 ދުވަހަށް ކަނޑައަޅާ ޝަރުތެއްގެ ގޮތުގަ އެވެ.
ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުތުތައް މުރާޖައާކުރުމަށް ކޮންމެ 100 ދުވަހަކުން ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ. އަދި ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުތަކާ މިއިން މީހަކު ހިލާފު ވެއްޖެ ހާލަތެއްގައި، ވަގުތުން އެ މީހަކު އަލުން ބަންދުކުރުމަށް ކޯޓުގައި އެދޭނެ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެ އެވެ.
އައު ނިޒާމުގެ ތެރެއިން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި، މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ބަންދުގައި ތިބި މީހުންނަށް ލުއި ނުދޭނެ ކަމަށް ޕީޖީން ބުންޏެވެ.
މި މަސައްކަތުގެ ސަބަބުން ރިމާންޑު ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ކޮންމެވެސް މިންވަރެއްގެ ހައްލެއް ލިބި، ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭ ވަސީލަތްތަކަށް ހެޔޮ ބަދަލެއް ގެނެވޭނެކަމަށް ޕީޖީން ދެކެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ