އަނަނިޔާ މިހާރު ބައްޕަގެ ލަފައެއް ނުހޯދާ

ބޮލީވުޑްގެ އެންމެ އުންމީދީ ބަތަލާއިންގެ ތެރޭ ހިމެނޭ އަނަނިޔާ ޕާންޑޭ ފިލްމީ ދާއިރާގެ ކަންކަމުގައި ބައްޕަ ޗަންކީ ޕާންޑޭގެ ލަފަޔާ މަޝްވަރާ މިހާރު ނުހޯދާ ކަމަށް ބުނެފިއެވެ. ފިލްމު "ސްޓޫޑަންޓް އޮފް ދަ އިއާ 2"އިން ފިލްމީ ދާއިރާއަށް ތައާރަފުވި ބަތަލާ މިހާތަނަށް ކެރިއަރުގެ ގިނަ ކަންކަން ނިންމަނީ މައިންބަފައިންނާ ވެސް މަޝްވަރާކުރުމަށް ފަހު ކަމަށް މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ. އެގޮތުން، 2022 ވަނަ އަހަރު ދަރުމާ ޕްރޮޑަކްޝަންސްއިން ގެނެސްދިން ފިލްމު "ލައިގާ"އިން ފުރުސަތު ލިބުމުން އެންމެ ފުރަތަމަ ވެސް އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރީ ކުރީގެ އެކްޓަރު ބައްޕަ ޗަންކީއާ ކަމަށް އަނަނިޔާ ވަނީ ބުނެފައެވެ. ކަރަން ޖޯހަރު ޕްރޮޑިއުސްކުރި ފިލްމު "ލައިގާ" އަކީ ބޮޑު ބަޖެޓަކުން އުފެއްދި ކޮމާޝަލް ފިލްމަކަށްވުމުން އެ ފިލްމަށް ސޮއިކުރަން ކޮންމެ ވެސް ވަރަކަށް ޖެހިލުންވި ކަމަށް އަނަނިޔާ ވަނީ ބުނެފައެވެ. ބަތަލާ އަނަނިޔާ ޕާންޑޭ ފިލްމު "ލައިގާ"ގެ ކޯ-ސްޓާ ވިޖޭ ދެވެރަކޮންދާއާ އެކު--ފޮޓޯ/ކޮއިމޮއި ނަމަވެސް، ފަހު ވަގުތު ފިލްމަށް އެއްބަސްވީ ބައްޕަ ޗަންކީގެ އެދުމުގެ މަތިން ކަމަށާއި ނަމަވެސް ފިލްމަށް ކުރިމަތިވި ނާކާމިޔާބީއާ އެކު ވަރަށް ބޮޑަށް މާޔޫސްކަން ލިބުނު ކަމަށް 26 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން ފިލްމީ ކެރިއަރުގައި ނިންމަންޖެހޭ ކަންކަމާ ގުޅޭގޮތުން ބައްޕަ ޗަންކީގެ ލަފަޔާ މަޝްވަރާ ހޯދުން ހުއްޓާލާފައިވާ ކަމަށް އަނަނިޔާ ވަނީ ބުނެފައެވެ. މީޑިއާއަށް ޗަންކީ ދީފައިވާ އިންޓަވިއުއެއްގައި މިކަމާ ގުޅިގެން ބުނެފައިވަނީ އޭނާއަކީ ތަންކޮޅެއް ކުރީގެ ވިސްނުން ހުންނަ މީހަކަށް ވާތީ މިހާރުގެ ޒުވާން އެކްޓަރުންނަށް ކަންކަމުގައި ލަފާ ދިނުމަކީ ދަތި ކަމެކެވެ. ޗަންކީ ކުޅުނު ފިލްމުތަކާ ބަލާފައި މިހާރު އިންޑަސްޓްރީއިން ފެންނަ ފިލްމުތަކުގެ ވާހަކައާ ވައްޓަފާޅި ވެސް ވަރަށް ބޮޑަށް ތަފާތު ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. މިސާލަކަށް ދާދި ފަހުން އަނަނިޔާ ކުޅުނު ސީރީޒް "ކޯލް މީ ބޭ"އާ ބެހޭގޮތުން ސުވާލުކުރިނަމަ އެ ސީރީޒަށް ސޮއިނުކުރުމަށް އޭނާ ލަފާ ދޭނެ ކަމަށް ޗަންކީ ވަނީ ބުނެފައެވެ. ފިލްމު "ލައިގާ"އަށް ކުރިމަތިވި ނާކާމިޔާބީއާ އެކު ޗަންކީގެ ފަރާތުން ވެސް އެއްވެސް ޕްރެޝަރެއް ދަރިފުޅަށް ނުކުރާ ކަމަށާއި ނަމަވެސް ފިލްމުތަކާ ގުޅޭގޮތުން އެއްޗެއް އަހަން ބޭނުންނަމަ އެ ފުރުސަތު އަދިވެސް އަނަނިޔާއަށް އޮންނާނެ ކަމަށް ޗަންކީ ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ