މައްކާގައި ބާއްވާ ޤުރްއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފި

މައްކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤުރްއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފިއެވެ.
މިފުރުސަތު ހުޅުވާލާފައިވަނީ "ކިންގް ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް ކޮމްޕެޓިޝަން ފޮރ ދަ މެމޮރައިޒޭޝަން، ރެސިޓޭޝަން އެންޑް އިންޓަރޕްރިޓޭޝަން އޮފް ދަ ހޮލީ ޤުރުއާން“ މުބާރާތުގައެވެ. ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ބުނިގޮތުގައި، މުބާރާތުގެ 2 ކެޓެގަރީއެއްގައި، ކޮންމެ ކެޓެގަރީއަކުން ބައިވެރިއަކު (ޖުމުލަ ދެ ބައިވެރިން) ބައިވެރިކުރުމުގެ ފުރުޞަތު ވަނީ ލިބިފައެވެ.
- ދިވެހި ރައްޔިތެއް ކަމުގައިވުން
- ފިރިހެނެއް ކަމުގައިވުން
- ރާއްޖޭގެ މަޝްހޫރު ޤާރީއެއް ކަމުގައިނުވުން
- ހިޖްރީ ގޮތުން ޢުމުރުން 25 އަހަރު ފުރިފައިވާ މީހަކު ކަމުގައިނުވުން
- ކުރީގައި މި މުބާރާތުގައި ބައިވެރިވެފައިވާ ފަރާތެއް ކަމުގައިނުވުން ހިމެނެއެވެ.
މި މުބާރާތުގައި ބައިވެރިވެވޭ ކެޓެގަރީތަކާއި ކެޓެގަރީއަށް ޚާއްޞަ ޝަރުތުތަކުތެރޭގައި، ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއިއެކު ހިތުން ކިޔަވަން އެނގުން ހިމެނެއެވެ. މި ކެޓެގަރީގައި ބައިވެރިވާ ފަރާތްތަކަކީ ޤުރުއާން ހިތުދަސްކޮށް ސަނަދު ހާސިލުކޮށްފައިވާ ފަރާތަކަށްވުމާއިއެކު ތަޖުވީދުގެ ޙުކުމްތަކާއެކު ކިޔަވަން އެނގޭ ފަރާތަކަށް ވާންޖެހޭނެއެވެ.
އަދި ހަމައެހެންމެ، ވިދިވިދިގެން ޤުރުއާނުގެ 15 ފޮތް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމުގެ ކެޓެގަރީގައި ބައިވެރިވެވޭނީ ޤުރްއާންގެ 15 ފޮތް ތަރުތީބުން ހިތުދަސްކޮށްފައިވާ ފަރާތްތަކަށެވެ.
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ބުނިގޮތުގައި މި މުބާރާތަށް ކޮންމެ ކެޓެގަރީއަކުންވެސް ބައިވެރިއަކު ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް އެ މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުގައި ކަމަށެވެ. އަދި ފެނުމުން މަޙުރޫމުވެފައިވާ ފަރާތެއް، ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ ފަރާތެއް، ނުވަތަ އުމުރުން 17 އަހަރު ނުފުރޭ ކުޑަކުއްޖަކު މިމުބާރާތަށް ދިޔުމަށް ހޮވިއްޖެނަމަ އެ ފަރާތަކާއެކު ބެލެނިވެރިޔަކު ގެންދިޔުމުގެ ހުރިހާ އިންތިޒާމެއް މުބާރާތް ބާއްވާ ފަރާތުން ހަމަޖައްސަވާނެ ކަމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން އިތުރަށް ބުންޏެވެ. 
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން  ޖޫން 11 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅަންޖެހޭ ފޯމު ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހަޅަން ޖެހޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ