'ބީއެމްއެލްގެ ސިސްޓަމް އަޕްގްރޭޑް ނިމެނީ؛ ދެން ހިދުމަތް މެދުނުކެނޑޭނެ'

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސިސްޓަމް އާކިޓެކްޗާ ޕްލޭންކޮށް، އަޕްގްރޭޑް ކުރުމުގެ މަސައްކަތް 2026ގެ މެދުތެރޭގައި ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން ކާމިޔާބުވުމުން އެއް ގޮތަކަށް ވެސް ހިދުމަތް މެދުނުކެނޑޭނެ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ބާސެލޯ ނަސަންދުރައިގައި ރޭ ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ ވަނީ ބާއްވާފަ އެވެ. އެ ޖަލްސާގައި ހިއްސާދާރުންނަށް، ހިއްސާގެ ފައިދާގެ ގޮތުގައި 55ރ.ގެ މަގުން ޖުމްލަ 296 މިލިއަން ރުފިޔާ ބަހަން ވަނީ ފާސްކޮށްފަ އެވެ.
ބުނީ ކީކޭ؟ - އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އެ ބޭންކުގެ އަމާޒަކީ ކަސްޓަމަރުން އެންމެ ފުރަތަމަ އިހުތިޔާރުކުރާ ބޭންކަށް ވުން ކަމަށެވެ.
ޝަރީފް ވިދާޅުވީ އެކަން ހާސިލުކުރުމަށްޓަކައި ކަސްޓަމަރުން ބޭނުންވާ ގޮތަށް ހިދުމަތް ދިނުމަށް އިސްކަން ދެމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ޑިޖިޓަލައިޒޭޝަންގެ މަސައްކތްތަކާއި ހިދުމަތުގެ ފެންވަރަށް ބަދަލު ގެނައުމަށް މިދިޔަ އަހަރު ކުރި މަސައްކަތްތަކުން ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ރަނގަޅު ކުރެވުނު ކަމަށެވެ.
"ނަތީޖާއެއްގެ ގޮތުން ފާއިތުވި އަހަރު ކަސްޓަމަރުން
ހުށަހަޅާ ޝަކުވާގެ އަދަދު ވަނީ ދަށްކުރެވިފައި،" ޝަރީފް ވިދާޅުވި އެވެ.
ތަފްސީލު - އެހެންނަމަވެސް ޝަރީފް ވިދާޅުވީ ބީއެމްއެލްގެ ހިދުމަތްތައް އިތުރަށް ރަނގަޅު ކުރުމަށްޓަކައި އަދިވެސް ކުރަންޖެހޭ ގިނަ
ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން މާލީ މުއާމަލާތްތަކުގެ %99 އަށްވުރެ ގިނަ މުއާމަލާތް ޑިޖިޓަލްކޮށް ކުރެވޭއިރު، އޭނާ ވިދާޅުވި ގޮތުގައި ހިނދުކޮޅަކަށް ވެސް ހިދުމަތް މެދުކެނޑުމަކީ ކަސްޓަމަރުންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ.
"އެވަރެޖްކޮށް
ސިކުންތަކު ގާތްގަޑަކަށް 7 މުއާމަލާތްވަރު ކުރެވޭއިރު، ކިތަންމެ ކުޑަ
ހިނދުކޮޅަކަށް ނަމަވެސް، މެއިންޓެނެންސް ބޭނުމަށް ކަމުގައި ވިޔަސް، ސިސްޓަމް
އައުޓޭޖަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.
"އެހެންކަމުން
އެއްވެސް އިރަކު ހިދުމަތް މެދުނުކެނޑޭނެ ފަދައިން އަޅުގަނޑުމެންގެ ސިސްޓަމް
އާކިޓެކްޗާ ޕްލޭން ކުރެވި އަޕްގްރޭޑް ކުރުމުގެ މަސައްކަތް 2026 ގެ މެދުތެރޭގައި
ނިންމުމަށް މިދަނީ މަސައްކަތްކުރެވެމުން."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ