ބިހިތަކުގައި ތަތްކުރާ ޕެޗް އެކި ޑިޒައިންތަކަށް
މޫނުމަތީގައި ބިއްސެއް ނެގުމަކީ ކޮންމެ މީހަކު ވެސް ވަރަށް ފޫހިވާ ކަމެކެވެ. މި ބިހިތަކަށް ޚާއްސަކޮށް ހުންނަ ޕެޗްތައް ނުވަތަ ސްޓިކާތަކަކީ އާ އެއްޗެއް ނޫނެވެ. ނަމަވެސް މިފަހަކަށް އައިސް މި ސްޓިކާތަކުގެ މަގުބޫލުކަން ވަނީ އިތުރުވެފައެވެ. އަދި ޚާއްސަކޮށް ތަފާތު ޑިޒައިންތަކަށް ހަދާފައި ހުންނަ ސްޓިކާތަކުގެ މަގުބޫލުކަން ޒުވާނުންގެ ތެރޭގައިވަނީ އިތުރުވެފައެވެ. ގިނަ ފަހަރަށް މޫނުގައި ބިހި ނެގުމުން މި ބިހިތަކުގައި ނިޔަފަތިން ކޮށްޓުމަކީ އާންމުކޮށް ކުރެވޭ ކަމެކެވެ. އެހެން ހެދުމުން ދެން އެ ބިހި ވާނީ ލަކުނަކަށެވެ. އެއާ ޚިލާފަށް ބިހިތަކަށް ޚާއްސަ ޕިމްޕަލް ޕެޗް އެޅުމުން އެ ބިހި އަމިއްލައަށް އަޑިއަށް ގޮސް ލަކުނު ލުމުގެ ފުރުސަތު ކުޑަވާނެއެވެ. މި ޕެޗްތައް ބޭނުންކުރުމުން، އިންފެކްޓު ވުމުގެ ފުރުސަތު ވެސް ކުޑަވާނެއެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި ސްކިންކެއާއަށް ޚަރަދު ކުރާ މިންވަރު ވަނީ އިތުރުވެފައެވެ. އެއާއެކު ޕިމްޕަލް ޕެޗް ފަދަ ތަކެއްޗަކީ އާންމު އެއްޗެއްސަށް ވަނީ ވެފައެވެ. ނަމަވެސް މި އާދައިގެ ސްޓިކާ މިހާރު ވަނީ ޑިޒައިންތަކަށް ބަދަލުވެ، މަގުބޫލުކަން ބޮޑުވެފައެވެ. ތަފާތު އެކި ވައްތަރުގެ މަލާއި މޭވާގެ އިތުރުން ކާޓޫން ކެރެކްޓަރުތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ސްޓިކާތައް މިހާރު ބޭނުން ކުރާ މިންވަރު މިވަނީ އިތުރުވެފައެވެ. މޫނުގައި ނަގާ ކޮންމެ ބިއްސަކަށް މިހާރު ބޭނުން ކުރަން ފަށާފައިވަނީ މިފަދަ ޑިޒައިންތަކުގެ ޕެޗްތަކެވެ. ބޭރަށް ދާއިރު އެ މީހެއްގެ ހެދުމާ މިފަދަ ސްޓިކާ ގުޅުވާލައިގެން ބޭނުން ކުރާ މިންވަރު ވެސް މިހާރު ވަނީ އިތުރު ވެފައެވެ. މިއީ ޓްރެންޑުތަކަށް ބަލާއިރު ހަމުގެ ދުޅަހެޔޮކަމަށް ރަނގަޅު ޓްރެންޑެކެވެ. އެހެންވީމާ މިކަމާ މައްސަލަ ޖައްސައި އުޅޭ މީހުން މަދެވެ. އަދި ޚާއްސަކޮށް ޒުވާނުންނާއި ފުރާވަރު އުމުރުގެ ކުދީންގެ މެދުގައި މި ޓްރެންޑް މަގުބޫލު ވެފައިވުމަކީ މިކަމާ ގުޅޭގޮތުން ނުރުހުން ފާޅުކުރާ މިންވަރު ކުޑަވާ ސަބަބަކަށް ވެދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ