މި ހަފުތާގައި ރާއްޖޭގެ ސިޔާސީ މަސްރަހު އަލުން ބައްޓަން ކުރާނެ: އުމަރު

މިހަފުތާއަކީ ރާއްޖޭގެ ސިޔާސީ މަސްރަހު އަލުން "ޝޭޕްކުރާނެ" ހަފުތާއެއް ކަމަށް، މިދިޔަ ހަފުތާގައި ހޯމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.
"ހަފުތާ" އޮންލައިން ނޫސް ލޯންޗުކުރަން ސަލްސާ ރޯޔަލް ރެސްޓޯރެންޓުގައި ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ މި ހަފުތާއަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގިނަ ކަންތައްތަކެއް ހިނގަމުންދާ ހަފުތާއެއް ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން އުމަރު ނެންގެވީ ބިމު އަޑީގައި ހުންނަ ފަށަލަތައް އެކަތި އަނެކައްޗާ ޖެހި ފަޅައިގެންދާ ދިއުމެވެ.
"އެގޮތުން މިހަފުތާއަކީ ވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެފަދަ ދުވަސްތަކެއް،" އޭނާ ވިދާޅުވި އެވެ. "މުޅި ދުނިޔެ އުފެދިފައި އޮންނައިރު އޭގެ މައި މެދުގައި ހުންނާނެ ޓެކްޓޯނިކްސް ޕްލޭޓްސް ކިޔާ އެއްޗެއް. ވަރަށް ބޮޑު ހިލަތަކެއް. ގާތްގަނޑަކަށް މީގެ ހަތް ނުވަތަ އަށް ހިލަ. ހިލައިގެ މައްޗަށް ދުނިޔެ އުފެދިފައި މި ހުންނަނީ. ހިލައެއްގެ ދުރުމިނަކީ ގާތްގަނޑަކަށް ކޮންޓިނެންޓެއް. ބައެއް ފަހަރަށް މި ހިލަތައް މޫވްކުރޭ. މޫވްކުރީމަ ދުނިޔެއަށް މި އަންނަނީ އާތްކުއޭކް ކަހަލަ އެއްޗެއް. މިހަފުތާއަކީ ރާއްޖޭގެ ޓެކްޓޯނިކްސް ޕްލޭޓްސްތައް ވެސް މޫވްކުރާ ހަފުތާއެއް. ދިވެހިރާއްޖޭގެ ސިޔާސީ ޓެޓްރޯނިކް ސްލޭޝްތައް މޫވްކުރުމުން ދިވެހިރާއްޖޭގެ ސިޔާސީ މައިދާން އަލުވް ޝޭޕްކުރާނެ މިފަހަރު."
"ހަފުތާ" ނޫސް ލޯންޗުކޮށްދެއްވުމަށްފަހު އުމަރު ވާހަކަދައްކަވަނީ.--މިހާރު ފޮޓޯ:މުހައްމަދު ޝަރުހާން
އުމަރު އެ އިޝާރާތް ކުރެއްވީ ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ ބޮޑު ކޯޅުންގަނޑަށެވެ. މި މައްސަލަތައް ފެންމަތިވާން ފެށީ ޕްރައިމަރީއަކާ ނުލައި ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ ޓިކެޓް ދިނުމާއި ޓޫރިޒަމްގެ ބޭނުންތަކަށް އިއުލާނުކުރުމެއްނެތި ރަށްތައް ދޫކުރާ އިސްލާހެއް އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ. އެއަށްފަހު ޕާޓީ ވަނީ ވަރަށް ބޮޑަށް ރޫޅި ބައިބައި ވެފަ އެވެ.
އެ އިސްލާހާ ދެކޮޅަށް ވޯޓުލުމަށް ޕީޖީ މެމްބަރުންނަށް މައުމޫން ދެންނެވިއަސް އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ފިޔަވައި ހުރިހާ މެމްބަރުން ވަނީ އިސްލާހު ފާސްކުރަން ވޯޓު ދެއްވައިފަ އެވެ.
އުމަރު ހުންނެވީ މައުމޫންގެ އަރިހުގަ އެވެ. އެކަމަކު ކުރިން މައުމޫން އަރިހު އުޅުއްވި ވަރަށް ގިނަ ބޭފުޅުން މިހާރު ފެންނަނީ ރައީސް ޔާމީންގެ އަރިހުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ނޫސްތައް ވުޖޫދުގައި އޮތުމަށް ބައެއްގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. ނަމަވެސް އެއް ވިޔަފާރިވެރިއަކަށް ބަރޯސާވުމުގެ ބަދަލުގައި ގިނަ ވިޔަފާރިތައް ޝާމިލްކޮށްގެން ނޫސްތައް ހިންގުމަށް އުމަރު ބާރު އެޅުއްވި އެވެ. އަދި މީޑިއާތައް ނުފޫޒުން އެއްކިބާވުމަށް ވެސް އުމަރު ގޮވާލެއްވި އެވެ.
ހަބަރު ފަތުރާ ނޫހެއްގެ ގޮތުގައި "ހަފުތާ" މަޖައްލާ އެންމެ ފުރަތަމަ ނެރެން ފެށީ 1970 ވަނަ އަހަރު އަހުމަދު ޒާހިރު (ސީނާ ޒާހިރު) ގެ އެޑިޓަރު ކަމުގަ އެވެ. ނަމަވެސް މި އޮންލައިން ނޫހަކީ ސީނާ ޒާހިރާ އެއްވެސް ގުޅުމެއް އޮތް ނޫހެއް ނޫނެވެ. ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ތިން ފަރާތެއް ގުޅިގެން އުފެއްދި މި ނޫހުގެ އަމާޒަކީ ވަކި ފަރާތަަކަށް ބުރަވުމެއްނެތި ހަމަހަމަކަމާއެކު ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުން ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ