ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ ނުނިމި އޮތަސް އިންތިހާބީ ރައީސް މުހައްމަދު މުއިއްޒު ހުވާ ކުރުމަށް ހުރަހެއް ނެތް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ކުރިއަށް ނުގެންދެވުމުން އެމްޑީޕީން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ.
އެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމުގައިވަނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލައެއްގައި ނައިބު ރައީސަށް ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވާ ހާލަތްތަކުގައި މަޖިލީހުގެ ގަވާއިދުގެ ދަށުން ރިޔާސަތު ބެލެހެއްޓޭ މެމްބަރުން ރިޔާސަތުގައި ތިބެގެން މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.
އެމްޑީޕީން ބުނެފައިވަނީ އެ މައްސަލަ ނުނިމެނީސް އިންތިހާބީ ރައީސަށް މަގާމުގެ ހުވާ ނުކުރެއްވޭނެ ކަމަށެވެ. ނަމަވެސް ހުކުމުގައިވާ ގޮތުން އިތުބާރު ނެތްކަމުގެ މައްސަލަ ނުނިމި އޮތުމަކީ އިންތިހާބީ ރައީސް މަގާމުގެ ހުވާކުރައްވަން ހުރަސް އެޅޭނެ ސަބަބެއް ނޫނެވެ. އަދި މަޖިލީހުގެ ގަވާއިދުގައި ވެސް އެގޮތަށް އެކަން ބަޔާންވެފައި ނެތް ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު މުހައްމަދު އިބްރާހިމެވެ.
ނަޝީދު މައްސަލަ ނުނިމުނަސް, މުއިއްޒު ހުވާކުރަން ހުރަހެއް ނެތް: ސުޕްރީމް ކޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ