މެމްބަރު އިސްމާއީލް، ރައީސް ނަޝީދަށް: ރީތި ގޮތަކީ އަވަހަށް އެއް ފަރާތް ވެލުން

އެންމެ ރީތި ގޮތަކީ، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އަވަހަށް އަމިއްލައަށް އެއް ފަރާތް ވެލުން ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހްމަދު ވިދާޅުވެއްޖެއެވެ.
މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވެވަޑައިގެންފިނަމަ، އެކަނި ގޮސް ގޭގައި އޮންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، އެކަމާ ގުޅޭ ޚަބަރެއްގެ ސްކްރީންޝޮޓް ހިއްސާ ކުރައްވައި، މެމްބަރު އިސްމާއީލް ވިދާޅުވީ އެމްޑީޕީގެ އަސާސީ ޤަވައިދު ލާޒިމް ކުރާ ނިންމުމެއް އެ ޕާޓީގެ އާންމު މެމްބަރުން ނުކުމެ، ވަކި ގޮތަކަށް ނިންމައި، އެ ނިންމުމާ ގުޅިގެން ޕާޓީން އިންތިޒާމް ކުރާ ހަރަކާތްތަކުގައި ބައިވެރި ނުވެ، ބޮޑާ ހާކާ މީހުން ޕާޓީގެ އިސް މަޤާމުތަކުގައި ތިބުމަކީ ލަދުވެތި ކަމެއް ކަމަށެވެ.
”ރީތި ގޮތަކީ އަވަހަށް އަމިއްލައަށް އެއް ފަރާތްވުން.“ މެމްބަރު އިސްމާއީލްގެ ޓްވީޓުގައިވެއެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓު މިދިޔަ ހުކުރު ދުވަހުގެ ރޭ، ރަސްމީކޮށް ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފައެވެ. އަތޮޅުތެރެއިން އެމްޑީޕީގެ ގިނަ މެމްބަރުން ގެނެސްގެން، ކާނިވާ ސަރަހައްދުގައި ބޭއްވި އެ ޖަލްސާގައި ރައީސް ނަޝީދާއި، އެ މަނިކުފާނުގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ އެެއްވެސް މެމްބަރަކު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
މިދިޔަ މަހު 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދާ ވާދަކުރައްވައި ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް ޞާލިޙެވެ. ޕްރައިމަރީގައި ރައީސަށް 61 ޕަސެންޓް ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ނަޝީދަށް ލިބިވަޑައިގަތީ 39 ޕަސެންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ