"ހަވީރު" އިދާރާއަށް ދިނީ ޓެރަރިސްޓް ހަމަލާއެއް: ހަވީރު މީޑިއާ ގުރޫޕް

އިއްޔެ "ހަވީރު" އޮފީހުގައި ބަޔަކު ރޯކޮށްލުމަކީ ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް މިހާރު ކުރިމަތިވަމުންދާ ނުރައްކާތަކުގެ ތެރެއަށް އިތުރުވި ހާދިސާއެއް ކަމަށް ހަވީރު މީޑިއާ ގުރޫޕުން ބުނެފި އެވެ. އެއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހަވީރުގެ ފްރޮންޓް އޮފީހުގައި އަލިފާން ރޯކޮށްލި މީހާ ފާރު މަތިން ފިލައިގެން ދަނިކޮށް ފެނިފައިވާ ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވާތީ އެއީ ބަޔަކު ގަސްދުގައި ހަވީރު އާއި ހަވީރު މީޑިއާ ގުރޫޕަށް ގެއްލުން ދިނުމަށާއި ރާއްޖޭގެ ނޫސްވެރިކަމަށް ބިރުދެއްކައިގެން ހުރަސް އެޅުން ކަމަށް ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.
ހުޅުޖެހި މީހާ ބޭނުންކުރި ތޮތްޕަކާއި ދަބަހެއް އެ ހިސާބުން ވަނީ ފެނިފަ އެވެ.
ހަވީރު މީޑިއާ ގުރޫޕުން ބުނީ، މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެފަދަ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް އެޅޭ ހުރަސްތައް ގިނަވާނެ ކަމަށެވެ. އަދި އެކަމާމެދު ނުހަނު ހިތާމަކުރާ ކަމަށެވެ.
"ހަވީރު ޕްރޮންޓް އޮފީހުގެ އިތުރުން އެ އިމާރާތުގައި ހަވީރުގެ ޗާޕްބައި ލޯމާފާނާއި ހަވީރު ނިއުސް ރޫމާ އިދާރީ ކަންކަން ވެސް ހިންގާ، އެހެންކަމުން މިއީ ހަވީރު މީޑިއާ ގުރޫޕަށް އަމާޒުކުރި ޓެރަރިސްޓް އަމަލެއް ކަމަށް މި ކުންފުނިން ދެކެން،" ބަޔާނުގައިވެ އެވެ.
މި މައްސަލަ ވަރަށް ސީރިއަސްކޮށް ބަލައި، އަވަސް ފިޔަވަޅުތަކެއް އަޅަން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ހަވީރު މީޑިއާ ގުރޫޕުން ވަނީ ގޮވާލާފަ އެވެ. އެފަދަ ކުށްވެރިން ހޯދައި، އަދަބު ނުދެވިއްޖެނަމަ މިފަދަ ހާދިސާތައް އިތުރުވުމުގެ ފުރުސަތު އޮތް ކަމަށް ވެސް އެ ކުންފުނިން ގަބޫލުކުރާ ކަމަށް ވަނީ ބުނެފަ އެވެ.
"މި ހާދިސާއިން ދައްކައިދެނީ ރާއްޖޭގެ މީޑިއާތަކަށާއި ނޫސްވެރިންނަށް ކަމާބެހޭ ފަރާތްތަކުގެ ހިމާޔަތް އިންތިހާއަށް ބޭނުންވާ ކަމެއް،" ބަޔާނުގައި ބުނެފައިވެ އެވެ.
ހަވީރު މީޑިއާ ގުރޫޕުން މިހެން ބުނެފައިވާއިރު، ހަވީރު އޮފީހުގައި ރޯކޮށްލާފައިވަނީ އެތަނުގެ އޮޑިޓަށް ހުރަސް އެޅުމުގެ ގޮތުން ކަމަށް ހަވީރު ނިއުސް އެޖެންސީގެ ތިން ހިއްސާދާރުން ކަމަށްވާ އަބްދުﷲ ފާރޫގު ހަސަނާއި މުހައްމަދު ނައީމް އަދި އިބްރާހިމް ރަޝީދު މޫސާ ވަނީ ވިދާޅުވެފަ އެވެ.
ފާރޫގާއި ނައީމް އަދި ރަޝީދު މޫސާ އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ ހާދިސާއަކީ އޮޅުމެއް ނެތް ގޮތުގައި އެ ބޭފުޅުންނާމެދު ބަޔަކު ގެންގުޅޭ ރުޅިވެރިކަމުގެ ނަތީޖާ ކަމަށެވެ. އަދި އެފަދަ އަމަލުތަކުން ދޭހަވަނީ، ހަވީރުގެ ވިޔަފާރީތަކުން އެ ބޭފުޅުންނަށް އޮތް ހައްގު ދީގެން ކުރިއަށް ދާން ބައެއްގެ ހިތްތައް ނުރުހުމުގެ ނަތީޖާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ