ކަރަންޓް ކޭބަލް ބުރިކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް؛ އާއްމުންނަށްވެސް ބޮޑެތި ގެއްލުންލިބޭ: ފަހުމީ

ކަރަންޓު ކޭބަލްތައް ބުރިކޮށް ވަގަށް ނެގުމަކީ އެކަން ކުރާ ފަރާތްތަކަށް އިންތިހާއަށް ނުރައްކާތެރި އަދި އާންމު ރައްޔިތުންނަށް ގެއްލުން ލިބޭ ކަމެއްކަމަށްސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވެފައިވަނީ މަޖީދިއްޔާ ސްކޫލް ސަރަޙައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކުގެ ތެރެއިން އެއް ކޭބަލް ބުރިކޮށް، ނެގުމަށްފަހު އަނެއް ކޭބަލް ބުރިކުރުމަށް މަސައްކަތްކޮށްފައިވާ މައްސަލައަކާ ގުޅިގެންނެވެ.
މި މައްސަލަ ވަނީ މިއަދު ހެނދުނު 6:12 ގައި ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.
Advertisement
ފަހުމީ ވިދާޅުވީ މިފަދަ އަމަލުތަކުގެ ސަބަބުން ސްޓެލްކޯއަށް ލިބޭ ގެއްލުމުގެ އިތުރުން އާންމު ރައްޔިތުން ކަރަންޓުގެ ޚިދުމަތުން މަޙުރޫމްވެ، ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.
އަދި މިފަދަ އަމަލުތައް ހުއްޓުވުމަށްޓަކައި މިކަން ކުރާ ފަރާތްތަކާއި، ވަގަށް ނަގާފައިވާ މިފަދަ ތަކެތި ގަންނަ ފަރާތްތައް ހޯދައި ޤާނޫނީ ގޮތުން އެފަދަ ފަރާތްތަކާއި މެދު އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ކަމާއި ބެހޭ ފަރާތްތަކުން އަޅަމުން ގެންދިއުމަކީ ސްޓެލްކޯގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ވިދާޅުވިއެވެ.
މިއީ މިކަން ކުރާ ފަރާތްތަކަށް އިންތިހާއަށް ނުރައްކާއޮތް ކަމަކަށް ވާއިރު، އަދި މިކަމުގެ ސަބަބުން ސްޓެލްކޯއަށް ލިބޭ ގެއްލުމުގެ އިތުރުން އާންމު ރައްޔިތުން ކަރަންޓުގެ ޚިދުމަތުން މަޙުރޫމްކުރެވި، ލިބެމުންދާ ގެއްލުންތަކުން ސަލާމަތް ކުރުމަށްޓަކައި މިފަދަ އަމަލުތައް ކުރާ ފަރާތްތަކާއި، މިކަން ކުރާ ފަރާތްތަކަށް ހިތްވަރަކަށް ވާގޮތަށް، ވަގަށް ނަގާފައިވާ މިފަދަ ތަކެތި ގަންނަ ފަރާތްތައް ހޯދައި ޤާނޫނީ ގޮތުން އެފަދަ ފަރާތްތަކާއި މެދު އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ކަމާއި ބެހޭ ފަރާތްތަކުން އަޅަމުން ގެންދިއުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް.
ހުސައިން ފަހުމީ
ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަޙުޤީޤުކުރަމުންދާ ކަމަށެވެ.
މީގެ ކުރިންވެސް މިފަދަ މައްސަލަތައް ތަކުރާރުކޮށް ފެންމަތިވަމުންދާކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ