އަހަރެމެންގެ ކަށިތައް ބަލިކަށިވާން ފަށަނީ ހީކުރާ ވަރަށް ވުރެ މާ ޒުވާން އުމުރުގަ އެވެ. ނަމަވެސް، ކާނާގެ ތެރޭގައި ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ހިމަނައިގެން ކަށިތައް ދުޅަހެޔޮކަންމަތީ ދެމެހެއްޓުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް އެބައޮތެވެ. ކަށީގެ ދުޅަހެޔޮކަން ބިނާވެފައިވަނީ ކުޑަކުދިންގެ އުމުރާއި ޒުވާން އުމުރުގައި ކަށިތައް ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތުގެ މައްޗަށެވެ.
އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ސައުތްހެމްޕްޓަންގެ ޕްރޮފެސަރެއް ކަމަށްވާ ކޭޓް ވޯޑް ވިދާޅުވާ ގޮތުގައި، އުމުރުން ދުވަސްވާއިރު ކަށިތަކުގެ ދުޅަހެޔޮކަން ބިނާވަނީ ޒުވާން އުމުރުގައި ކަށިތަކުގައި ރައްކާކުރެވޭ މާއްދާތަކުގެ މައްޗަށެވެ.
ދުނިޔޭގެ ސިއްހީ ތަފާސްހިސާބުތަކަށް ބަލާއިރު، ކަށި ފީވުމުގެ ބަލި ނުވަތަ އޮސްޓިއޯޕޮރޯސިސް ޖެހިފައިވާ ގާތްގަނޑަކަށް 500 މިލިއަން މީހުން ދުނިޔޭގައި އެބަތިއްބެވެ. މިއީ ކަށިތައް ތުނިވެ، ފަސޭހައިން ބިންދައިގެންދާ ގޮތްވާ ބައްޔެކެވެ.
ރޯޔަލް އޮސްޓިއޯޕޮރޯސިސް ސޮސައިޓީގެ ތަޖުރިބާކާރު ޖޫލީ ތޮމްޕްސަން ވިދާޅުވާ ގޮތުގައި، މިއީ ގިނަ ފަހަރަށް އެއްވެސް އަލާމާތެއް ފެނުމެއް ނެތި ކަށިގަނޑެއް ބިންދައިގެން ދިއުމާ ހަމައަށް ދާންދެން ނޭނގި ހުންނަ ބައްޔެކެވެ.
ހާއްސަކޮށް އުމުރުން 55 އަހަރުން މަތީގެ މީހުންގެ އުނަގަނޑުގެ ކަށިގަނޑު ބިންދައިގެން ދިއުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. މިފަދަ ހާދިސާތަކަށްފަހު ނިއުމޯނިއާ ނުވަތަ ހާޓް އެޓޭކް ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެ، އުމުރުން 60 އަހަރުން މަތީގެ މީހުންގެ ތެރެއިން 30 ޕަސެންޓު މީހުން އެއް އަހަރު ތެރޭގައި މަރުވާކަން ފާހަގަކުރެވެ އެވެ.
ކަށިތައް ވަރުގަދަކުރުމަށް އެންމެ މުހިންމީ ކެލްސިއަމް، ވިޓަމިން ޑީ އަދި ޕްރޮޓީން އެކުލެވޭ ކާނާއެވެ. ކިރާއި ކިރުގެ އުފެއްދުންތަކަކީ ކެލްސިއަމް އިން މުއްސަނދި ތަކެއްޗެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކިރުގެ ބާވަތްތަކާއި ޕްރޮޓީން ގިނައިން ބޭނުންކުރުމުން އުމުރުން ދުވަސްވީ މީހުން ވެއްޓުމުގެ ފުރުސަތު 11 ޕަސެންޓު ދަށްވެ، އުނަގަނޑުގެ ކަށި ބިންދައިގެން ދިއުމުގެ ފުރުސަތު 46 ޕަސެންޓު ކުޑަވެއެވެ. ނަމަވެސް ކަށި ވަރުގަދަކުރުމަކީ ހަމައެކަނި ކިރު ބުއިމެއް ނޫނެވެ.
ކިރުގެ ބާވަތްތަކުގެ އިތުރުން ސޯޔާ ބީންސް އާއި ޓޯފޫ އަކީ ކެލްސިއަމް ގިނަ އަދަދަކަށް އެކުލެވޭ ބާވަތްތަކެވެ. ސޯޔާގައި ހިމެނޭ އައިސޯފްލޭވޯންސްގެ ސަބަބުން ކަށީގެ ބޯމިން އިތުރުކޮށްދޭކަން ދިރާސާތަކުން އެނގެއެވެ. މީގެ އިތުރުން ޗިއާ ސީޑްސް އަކީ ކެލްސިއަމްގެ އިތުރުން މެގްނީޒިއަމް އަދި ފޮސްފަރަސް ލިބިދޭ މުހިންމު ބާވަތެކެވެ. މީގައި ހިމެނޭ އޮމެގާ-3 ފެޓްސްގެ ސަބަބުން ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ.
ހިއްކާފައި ހުންނަ މޭވާގެ ތެރެއިން ވައްތީނި އަދި އޭޕްރިކޮޓް އަކީ ވެސް ކެލްސިއަމް އާއި މެގްނީޒިއަމް ލިބިދޭ ބާވަތްތަކެވެ. ދިރާސާއަކުން ދައްކާ ގޮތުގައި ކޮންމެ ދުވަހަކު 50 ގްރާމްގެ ޕްރޫންސް ކެއުމަކީ ކަށިތައް ފީވުން ހުއްޓުވުމަށް އެހީތެރިވެދޭ ކަމެކެވެ. ހަމައެއާއެކު، ރެހި ފަދަ ބާވަތްތަކަކީ ކެލްސިއަމް އާއި ވިޓަމިން ޑީގެ މުއްސަނދި މަހެވެ.
ކަށިތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ކެއުމުގެ އިތުރުން ހަރަކާތްތެރިވެ އުޅުމަކީ ވެސް މުހިންމު ކަމެކެވެ. މަސްތައް ވަރުގަދަކުރުމަކީ ވެއްޓުމުގެ ފުރުސަތު ކުޑަކޮށްދީ، ކަށިތަކަށް ލިބޭ ގެއްލުން ކުޑަކޮށްދޭނެ ކަމެކެވެ. އެހެންކަމުން، ކޮންމެ އުމުރެއްގައި ވެސް ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުމާއި ކަސްރަތު ކުރުމަކީ ދުޅަހެޔޮ ކަށިގަނޑެއް ހޯދުމަށް ކުރެވިދާނެ އެންމެ މުހިންމު މަސައްކަތެވެ.
ކަށި ވަރުގަދަ ކުރުމަށް ބޭނުންކުރަންވީ ކާނާއަކީ މިއީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ