ކަރަންޓް ބިލަށް ސްޓެލްކޯއިން މަކަރު ހަދާގޮތް، ސްޓެލްކޯގެ މުއައްޒަފެއްގެ ދުލުން! ކަރަންޓުގެ އެއްވެސް ބާވަތެއްގެ ބޭނުން ނުކުރާ ގެތަކަށްވެސް، ބިލް ކޮށްފައި ވަނީ މަކަރު ހަދައިގެން ބޮޑުކޮށް!

ބިލް ހެދި މުއްދަތުގައި، ޗުއްޓީއަށް ގޮސް، ކަރަންޓުގެ އެއްވެސް ބާވަތެއްގެ ބޭނުން ނުކުރާ ގެތަކުގެ ބިލްތައްވެސް އާންމު މަސްމަހުގެ ބިލަށް ވުރެ ބޮޑުކޮށް، މަކަރު ހަދައިގެން ސްޓެލްކޯއިން ބިލްކޮށްފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.
ބިލް ހެދި މުއްދަތުގައި ކޮންމެވެސް ވަރަކަށް ވާރޭ ވެހުމުގެ އިތުރަށް އެއީ، އާންމު މިންވަރަށްވުރެ ބޮޑަށް ހޫނު މަޑު ދުވަސް ވަރެކެވެ. މާލޭގެ އެންމެންނަށްވެސް ލިބިފައިވަނީ ބޮޑެތި ބިލްތަކެވެ. ސްޓެލްކޯއިން މީޓަރަށް މަކަރު ހަދައި ބިލްތައް ދަނީ ބޮޑު ކުރަމުންނެވެ.
ގޭގައި ނެތް ދެ އާއިލާއަކަށް ސްޓެލްކޯ އިން މަކަރު ހަދައިގެން ދިން ދެ ބިލް
ސްޓެލްކޯއިން އަންމުގެ ބިލްތައް ބޮޑު ކުރުމަށް މަކަރު ހަދާ މައިގަނޑު 2 ސަބަބެއްވެއެވެ.
ސްޓެލްކޯ އަކީ ފައިދާ ވާ ކުންފުންޏެއްކަން ދެއްކުން
ސްޓެލްކޯ އަކީ ފައިދާގައި ހިނގާ ކުންފުންޏެއްކަން ސަރުކާރަށް ދެއްކުމަކީ އެތާގެ އެމްޑީ މަގާމުގައި ގިނަ ދުވަހު ހުރުމަށް މުހިންމު ކަމަކަށް ވެއެވެ. އަދި ރާއްޖޭގައި ފައިދާ ވާ ސަރުކާރު ކުންފުނިތަކުގެ ތެރޭގައި ސްޓެލްކޯ ހިމެނުމަކީ އެތާގެ ވެރިންނަށް މުހިންމު ކަމެކެވެ. އެއީ ރައީސް އަށް އޭނާގެ ގާބިލުކަން ދެއްކުމުގެ ގޮތުންނެވެ. މިކަން ހާސިލް ކުރުމަށް ބިލްތަކުގައި ބޭނުން ނުކުރާ ވަރަށް ކަރަންޓް ބޭނުން ކުރިކަމަށް ސްޓެލްކޯގެ ވެރިން ބޭނުން ވެގެން ހިމަނައެވެ.
ސްޓެލްކޯ އިން ބޮޑު އަގުގައި، ސަޕްލަޔަރުން އަތުން ގަންނަ ތަކެއްޗަށް ނަގާ ކަޓު އޮޑިޓަށް ފޮރުވުން
ސްޓެލްކޯ އަކީ ވައްކަމުގެ ހާއްޔެކެވެ. އަބަދުވެސް، ބޭރުގެ ކުންފުނިތަކުން ގަންނަ ސާމާނުން ކަޓު ނަގައެވެ. އަސްލު އަގަށްވުރެ ބޮޑުކޮށް މިތަކެތި ގަތުމުން، ކުންފުނީގެ ޚަރަދު ބޮޑު ކަމަށް އޯޑިޓް ރިޕޯޓްތަކުން ދައްކާނެއެވެ. އަދި އެފަދައިން ގަންނަ ތަކެތީގެ އަގު ބޮޑުވެގެން ކުންފުންޏަށް ވާންޖެހޭ ފައިދާ ނުވަތަ ވާ ގެއްލުން އާންމުކޮށް ހުންނަ ވަރަށްވުރެ ފައިދާ ކުޑަވާނަމަ، އޯޑިޓުން ގަނެފައިވާ ތަކެތީގެ ހަމަ އަގު ބެލުމަށް އިތުރު އިންސްޕެކްޝަނެއް ހެދުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ކަމަކުން ސަލާމަތް ވުމަށް އަދި ހިންގާފައިވާ ކޮރަޕްޝަންގެ އަގު ރައްޔިތުންގެ އަތުން ބިލްކޮށް ސްޓެލްކޯއިން ނަގައެވެ.
ސްޓެލްކޯ އިން މަކަރު ހަދާ ގޮތް
ސްޓެލްކޯއިން މަކަރު ހަދައިގެން ބޭނުން ނުކުރާ ކަރަންޓް ބޭނުން ކުރާކަމަށް މީޓަރަށް އޮޅުވާލާ ގޮތް ސްޓެލްކޯގެ މުއައްޒަފެއް ދިޔަވަރު ނޫހަށް ވަނީ ކިޔާ ދީފައެވެ. ކަރަންޓް ގިނައިން ބޭނުންވާ، އޭސީ ތަކާއި، ޓީވީއާއި، ދޮންނަ މެޝިން ކަހަލަ ތަކެއްޗަށް ކަރަންޓް ބޭނުންވާ ވަކި ވަރެއް އޮވެއެވެ. ސްޓެލްކޯ އިން ކުރާ ކަމަކީ އެތަކެއްޗަށް ބޭނުންވާ ވަރަށްވުރެ ކުޑަ ތަންކޮޅެއް ދޭ ކަރަންޓު ނުވަތަ ވޯލްޓޭޖް ޖަނެރޭޓަރުތަކުން މަދު ކޮށްލަނީއެވެ. އޭސީ އާއި ދޮންނަމެޝިން ފަދަ ތަކެތި ފަރުމާކުރެވިފައި ވަނީ އެތަކެތީގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދިއުމަށް، އެއަށް ބޭނުންވާ ކަރަންޓް މަތީ އެމްޕިއަރސް އިން ނެގުމެވެ. މިތަކެއްޗަށް ބޭނުންވާ ވަރަށް ވުރެ މަދުކޮށް ކަރަންޓް ދޫކުރުމުން، އިތުރަށް ކަރަންޓް ހޯދުމަށް އެތަކެތި މަސައްކަތް ފަށައެވެ. އޭގެ ބާރު މި ކުރަނީ މީޓަރަށެވެ. ނަތީޖާއަކަށް ވަނީ ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވެފައި ވާ ކަމަށް ދެއްކުން ކަމަށް، މިކަން ސްޓެލްކޯއިން ކުރާކަން އެނގޭ ސްޓެލްކޯގެ މުއައްޒަފެއް ވަނީ ކިޔާ ދީފައެވެ.
ކަރަންޓުގެ ޚިދުމަތްދޭ ކުންފުނިތަކުން މިކަން މިގޮތަށް ކުރުމަކީ ބޭރު ދުނިޔޭގައި ޤާނޫނުން މަނާ ކޮށްފައިވާ ކަމެކެވެ. އަދި މިފަދަ ކަންކަން ހުއްޓުވުމަށް އުސޫލުތަކެއް ހެދި، ވަކި ހަމަތަކެއްގެ ތެރެއިން ވަކި ޑިޕާރޓްމެންޓަކުން ކަރަންޓް ދިނުމުގައި މިފަދަ މަކަރު ހަދަމުންދޭތޯ އާންމުކޮށް ބަލައި ހަދައެވެ. މިއިން އެއްވެސް ކަމެއް ރާއްޖޭގައި ނެތުމުން އެކަމުގެ ބޭނުން ސަރުކާރު ކުންފުނި ސްޓެލްކޯ އިން ދަނީ ކުރަމުންނެވެ.
ފަހުގެ ކޮލިޓީ މީޓަރު ތަކަކީ މި ގޮތަށް ކަރަންޓުގެ ޚިދުމަތް ދޭތަންތަނުން ގެންނަ “ފްލެކްޗުއޭޝަން”ގެ ސަބަބުން މީޓަރު އަވަސް ނުވާހެން ހަދާފައި ހުންނަ މީޓަރު ތަކެކެވެ. ނަމަވެސް ރާއްޖޭގައި ބޭނުން ކުރަނީ މިފަދަ ކޮލިޓީ މީޓަރު ތަކެއް ނޫނެވެ. އަދި އެފަދަ ކޮލިޓީ މީޓަރުތައް ބޭނުން ކުރުންވެސް ސްޓެލްކޯއިން އޮންނަނީ މަނާ ކޮށްފައެވެ. ސްޓެލްކޯ އިން ހުއްދަ ދޭ ވަކި މީޓަރު ތަކެއް ނޫނީ ހަރުކުރުމުގެ ހުއްދައެއް ނޯވެއެވެ.
މީގެ އިތުރުން ބައެއް މަސްމަހުގައި ސްޓެލްކޯއިން ބިލްކޮށްފައި ވަނީ، 100 ޔުނިޓް ހަމަ ނުވަނީސް ޗާރޖް ކުރާ ބޭންޑް ބަދަލު ކޮށްގެންނެވެ. ނަމަވެސް ކަރަންޓަށް ބިލް ކުރާ ގޮތް ރައްޔިތުންނަށް ނޭނގޭތީ، ބިލުން މިފަދަ އެތައް މަކަރެއް ސްޓެލްކޯ އިން ދަނީ ހަދަމުންނެވެ.
ބޭންޑް އޮޅުވާލައިގެން 100 ޔުނިޓް އަށް ނާރަނީސް ބޭންޑް ބަދަލުކޮށް ބިލް ކޮށްފައި
ސްޓެލްކޯއިން މި ގޮތަށް ރައްޔިތުން އަތުން ވައްކަން ކުރާތާ، 15 ވަރަކަށް އަހަރު ވުން އެކަށީގެންވެއެވެ. ނަމަވެސް، މި ގޮތަށް މި ވައްކަން ކުރުން މި ސަރުކާރުން ވަނީ އިންތިހާއަށް އިތުރު ކޮށްފައެވެ. ސްޓެލްކޯގެ ކުރީގެ އަދި މިހާރުގެ އިސް ފަރާތްތަކާއި، ޓެކްނިކަލް ޓީމުގައި ހިމެނޭ ފަރާތްތަކާއި މެދު ތަހުގީގެއް ހިންގަން ޖެހެއެވެ. ނަމަވެސް މި ރާއްޖެއަކީ އިންސާފު އާންމު ރައްޔިތުންނަށް ލިބޭ ތަނެއް ނޫނެވެ. އެހެން ކަމުން އިންސާފު ހޯދަން ރައްޔިތުން މަގުމައްޗަށް ނުކުންނަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ