ޖަރުމަން ފެންވަރުގެ ހޮސްޕިޓަލެއް ހަދައިދިނުމުގެ ވައުދާއެކު ގާސިމް ވިދާޅުވީ ވޯޓުދޭންވީ އިހުލާސްތެރި ކެންޑިޑޭޓަށް ކަމަށް

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ޖަރުމަން ފެންވަރުގެ މިލިޓަރީ ހޮސްޕިޓަލެއް ހަދައިދީ، ސަލާން ޖަހަން ނުޖެހޭ ގޮތަށް ހައްދަވައިދެއްވާނެ ކަމަށާއި ފުށިދިއްގަރު ފަޅު ހިއްކައި، ސިޓީއެއްގެ ފެންވަރަށް ތަރައްގީކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭން ނިންމާލުމުގެ ގޮތުން މާލޭގައި މިއަދު ކުރިއަށްގެންދިޔަ ހިނގާލުމުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އެމްޑީޕީ އަދި ޕީޕީއެމް ވެސް ފެއިލްވެފައިވާ ކަމަށާއި ވެރިކަމަށް ގެންނަން ޖެހޭނީ އިހުލާސްތެރިޔަކު ކަމަށެވެ. އަދި އެބޭފުޅަކީ އޭނާ ކަމަށް ގާސިމް ވިދާޅުވިއެވެ.
"އާސަންދައަށް ސިޓީ ލީމާ، އެމްޑީޕީއަށް ސޮއިކުރުމުން އެންސްޕާ އިން އެމީހަކަށް 40،000 އަދި 50،000 ރުފިޔާ ވެސް ލިބޭ. ނަމަވެސް އެހެން ބަޔަކު ސޯޝަލް މީޑިއާގައި ޖެހެނީ ސަލާން ޖަހަން. ރައްޔިތުންގެ މަޖިލިސް މެންބަރެއް ކައިރިއަށް ދިޔައީމާ ލިބެނީ ހަމައެކަނި ދެކޮޅު ޓިކެޓު. އަޅުގަނޑުގެ ވެރިކަމެއްގައި ޖަރުމަން ފެންވަރުގެ މިލިޓަރީ ހޮސްޕިޓަލެއް ހަދައިދޭނަން. ދެން ސަލާން ޖަހާކަށް ނުޖެހޭނެ. ޖަރުމަނުން ބޭސް ވެސް ގެނެސްދޭނަން. ފުށިދިއްގަރު ފަޅު ހިއްކައި، ސިޓީއެއްގެ ފެންވަރަށް ތަރައްގީކޮށްދޭނަން،" އޭނާ ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މަސައްކަތްކުރައްވަނީ އަމިއްލަ ތަނަވަސްކަމަށް ނޫން ކަމަށާއި މަސައްކަތްކުރައްވަނީ ދިވެހި ރައްޔިތުންގެ ތަނަވަސްކަމާއި ހަމަޖެހުމަށް ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކުށްކުރައްވާފައިވާތީ، އެމަނިކުފާނު ވެސް ފެއިލްވެފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
"ޕީޕީއެމްގެ މީހުން ހީކުރައްވަނީތޯ ޔާމީން ކުށެއް ނުކުރައްވައޭ. އެއީ ވަރަށް ބޮޑު ކުށް ހީއެއް. އަހުމަދު އަދީބު، ޔާމީންގެ ގެއަށް ވެއްދެވީ ރަނގަޅު ފައިސާއެއް ނޫންކަން އަމިއްލައަށް ވަނީ އިއުތިރާފުވެފައި. އަނިޔާވެރިނުވެއޭ ވިދާޅުވާ އިރު، އެންމެން ޖަލަށް ލެއްވި. ވޯޓު ދޭންވީ އިހުލާސްތެރި މީހާއަށް. އެމީހަކީ އަޅުގަނޑު،" އޭނާ ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ އެމްޑީޕީ އަދި ޕީޕީއެމް ވެސް ބޮޑު ޕާޓީއަކަށް ހަދައިދިނީ ޖުމްހޫރީ ޕާޓީން ކަމަށާއި އެ ޕާޓީތަކުން ކޮންމެ ފަހަރަކު ވެރިކަމަށް އަންނަނީ ސަލާން ޖަހައިގެން ޖުމްހޫރީ ޕާޓީގެ އެހީތެރިކަމާއެކު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ