ކައުންސިލަށް ނުވާ ނަމަ، ގާނޫނު ބަދަލުކޮށްގެން ވިޔަސް ގުރައިދޫން ގޯތި ދޭނަން: ރައީސް

ކ. ގުރައިދޫ - މި ރަށުގައި ހިއްކާފައިވާ ބިމުން ކައުންސިލަށް ގޯތި ނުދެވޭ ނަމަ، ގާނޫނަށް ގެންނަން ޖެހޭ ބަދަލެެއް ގެނެސްގެން ވިޔަސް މި ރަށުގެ ރައްޔިތުން އެދޭ ގޮތަކަށް ސަރުކާރުން މި ރަށުން ގޯތި ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ އެ މަނިކުފާނު މިއަދު ގުރައިދޫ ދާއިރާއަށް ކުރައްވަމުން ގެންދަވާ 'އުފާވެރި އަމާން ރާއްޖެ' ކެމްޕޭން ދަތުރުފުޅުގައި ކ. ގުރައިދުއަށް ވަޑައިގެން މި ރަށުގައި ބޭއްވި ކަންމަތީ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - ރައީސްގެ ވާހަކަފުޅުގައި، މިހާތަނަށް ގުރައިދޫ ކައުންސިލުން ގޯތި ދޫކޮށްފައި ނުވާތީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި ކައުންސިލަށް އެކަން ނުކުރެވޭ ކަމަށްވާ ނަމަ، ސަރުކާރުން ގާނޫނު ބަދަލުކޮށްގެން ނަމަވެސް އެކަން ކޮށްދޭނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.
"ސަރުކާރުން އެ އޮތީ ބޮޑު ބިމެއް ހިއްކައިދީފައި. ރައްޔިތުން މި ރަށުން ބޯހިޔާވަހިކަން ބޭނުންވޭ، ގޯތި ބޭނުންވޭ. ގޯތި ނުދެވެންވީ އެއްވެސް ސަބަބެއް މި ރަށަކު ނެތް މިހާރު،" އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ އެކަން ކައުންސިލަށް ނުކުރެވޭ ކަމަށް ވަންޏާ، ގެންނަން ޖެހޭ ބަދަލެއް ގެނެސްގެން ނަމަވެސް، ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް، ގުރައިދޫ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭނަމޭ." 
ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ، ގުރައިދުއަށް ހާއްސަކޮށް މެނިފެސްޓޯގައި ހިމަނާނެ އިތުރު ބައެއް ބައެއް ކަންކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. އެއީ:
ފްލެޓާއި ރޯހައުސް އެޅުން 
ޒުވާނުންގެ އިޖުތިމާއީ މަރުކަޒު ޒަމާނީ ވަސީލަތްތަކާ އެކު ފުރިހަމަކޮށްދިނުން 
ރަށުގެ ނެރު ކަނޑައި ބޭރުތޮށި ރަނގަޅަށް ބޭނުންކުރެވޭ ގޮތް ހެދުން
އެނގުން މުހިންމު - ދައުލަތުގެ ބަޖެޓުން 85 މިލިއަން ރުފިޔާ ހަރަދުކޮށްގެން، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ، ގުރައިދޫގެ ބިން ހިއްކުމުގެ މަސައްކަތް ސެޕްޓެމްބަރު 2021ގައި ވަނީ ނިންމާފަ އެވެ. މި މަޝްރޫއުގެ ދަށުން 15 ހެކްޓަރުގެ ބިން ގުރައިދުއަށް އިތުރުކޮށްފައިވެ އެވެ.
ގުރައިދޫ ކައުންސިލްގެ މެޖޯރިޓީ އޮންނަނީ އިދިިކޮޅު ޕީޕީއެމް އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ