ރަކުލްގެ ދެމަފިރިން ރާއްޖޭގައި

ބޮލީވުޑްގެ މަގުބޫލު ދެމަފިރިން ކަމަށްވާ ރަކުލް ޕްރީތް ސިންގްއާއި ކުރީގެ އެކްޓަރު އަދި ފިލްމު ޕްރޮޑިއުސަރު ޖެކީ ބަގްނާނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ. ރަކުލް ވަނީ ފިރިމީހާ ޖެކީއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ކަމަށް ބުނެ, ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ބަތަލާ ރާއްޖެއައީ ގާތް އެކުވެރިންގެ ގްރޫޕަކާ އެކު ކަމަށާއި މިއީ ލޯބިވާ މީހުންނާއި ގާތް ރަހުމަތެރިންނާ އެކު ހަމަހިމޭން މާހައުލަކަށް ދާން ބޭނުންވާ މީހުންނަށް އެންމެ ރަނގަޅު މާޙައުލު ކަމަށް ބުނެ، ރާއްޖޭގެ ރީތި ކަމަށް ރަކުލް ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ރަކުލް އަދި ފިރިމީހާ ޖެކީ ޖޯލި މޯލްޑިވްސްގައި ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/އިންސްޓަގްރާމް ދާދި ފަހުން ރިލީޒްކޮށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ފިލްމު "ދޭ ދޭ ޕިޔާރު ދޭ 2"ގެ ބަތަލާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ރ. އަތޮޅުގައި އޮންނަ ލަގްޒަރީ ރިސޯޓެއް ކަމަށްވާ ޖޯލި މޯލްޑިވްސްގައެވެ. ރަކުލް ވަނީ ޖޯލި މޯލްޑިވްސްގެ ހިތްގައިމު މަންޒަރުތައް ދައްކުވައިދޭ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ރަކުލް ވަނީ މީގެ ކުރިން ވެސް އެކި ފަހަރުމަތިން ފިރިމީހާ ޖެކީއާ އެކު ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ދެކުނު އިންޑިއާގެ ފިލްމުތަކުގައި ވެސް މަސައްކަތް ކުރަމުން އަންނަ ބަތަލާ ރަކުލްގެ ކެރިއަރުގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭ "ޔާރިޔާން"، 2019 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ދޭ ދޭ ޕިޔާރު ދޭ"، "ރަންވޭ 34" އަދި "ޑޮކްޓަ ޖީ" ހިމެނެއެވެ. ބަތަލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭ "އިންޑިއަން 3" އަދި "ޕަތީ ޕަތުނީ އޯރު ވޯ ދޯ" ހިމެނެއެވެ. ޖެކީއާއި ރަކުލް ކައިވެނިކޮށްފައިވަނީ ދިގު މުއްދަތެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު މިދިޔަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ