ޢާއިލާގެ މީހަކަށް މާޔޫސްވާންޖެހޭ ޙާލަތުގަ އަޅާނުލައި ދޫކޮށްލަން ހެޔޮނުވާނެ! އެންމެ ބޮޑު ފަރުވާއަކީ ޢާއިލާ!


ކޮންމެ މީހަކަށްވެސް މާޔޫސްވާންޖެހޭނެ ޙާލަތެއް ކުރިމަތިވެދާނެއެވެ. މާޔޫސްވާންޖެހޭ ފަދަ ކަމެއް މެދުވެރިވާން ޢާންމުކޮށް ޖެހެނީ އެހީތެރިވާން ޖެހޭ މީހުން އެހީތެރިނުވާތީއެވެ. ނުވަތަ ނުވެވޭތީއެވެ. އަދި އެހީތެރިވާންޖެހޭ މީހުންނަށް ސިއްރުކުރެވޭތީވެސް މައްސަލަތައް ކުރިމަތިވެއެވެ. މާޔޫސްވާންޖެހޭ ފަދަ ޙާލަތުގައި ޢާއިލާގެ އެހީތެރިކަން ނުލިބޭކަން ގިނަ ބައަކު ފާހަގަކުރެއެވެ. ނުވަތަ ލިބޭ މިންވަރު ކުޑަކަމުން އަރައިނުގަނެވެނީ ކަމަށްވެސް ބުނެއެވެ. ގިނަ ބައެއްގެ ތަޖުރިބާއިން އެނގޭ ގޮތުގައި ޢާއިލާއިން އެހީތެރިވެދޭނަމަ ހުރިހާ ކަންބޮޑުވުންތަކެއްވެސް ފިލުވައިލެވޭނެއެވެ. ނުވަތަ ބޮޑުތަނުން ކުޑަކުރެވޭނެއެވެ. އިން ޝާ ﷲ
މިފަދަ ޙާލަތެއް ކުރިމަތިވުމުން ބައެއް ޢާއިލާތަކުން ދެކެނީ އެޙާލަތު ކުރިމަތިވީ އޭނާގެ ސަބަބުން ކަމަށާއި އެހެންކަމުން މައްސަލަ ޙައްލުކުރަންޖެހޭނީވެސް އަމިއްލައަށް ކަމަށެވެ. މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. އެޙާލަތުގައި ބަލަންޖެހޭނީ އަނިޔާ ލިބުނު މީހާއަށް ކުރިން ޢަމަލުކުރެވުނު ގޮތާއިމެދަކު ނޫނެވެ. މިހާރު ހުރި ޙާލަތުން އޭނާ ސަލާމަތްކުރެވޭނެ ގޮތަކާއިމެދުގައެވެ. އެޙާލަތުގައި އޭނާ އިތުރަށް ދެރަވާނެ ބަހެއްވެސް ބުނެގެން ނުވާނެއެވެ. ކަމެއްވެސް ކޮށްގެން ނުވާނެއެވެ. އިތުރު ވާހަކަތައް ދައްކަންވާނީ އެޙާލަތުން އަރައިގަނެވުމުންނެވެ.
ދިރިއުޅުމުގައި ދިމާވާ ކަމަކާއި ގުޅިގެން މާޔޫސްވާންޖެހުމެވެ. މިބުނަނީ އެކަނިވެރިވާންޖެހުން ޙަޔާތުގެ ބައިވެރިޔާ މަރުވުން ނުވަތަ ބަލިވުން ފަދަ ޙާލަތެވެ. މިޙާލަތުގައި ޢާއިލާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެއެވެ. އެންމެ ފަސޭހައިން އެޙާލަތުން އަރައިގަނެވޭނީ ޢާއިލާގެ އެހީތެރިކަން ލިބުމުންނެވެ.
ތިރީގައިވާ ޙާދިސާއިންވެސް އެކަން އެނގިލައްވާނެއެވެ.
އަހަރެން ހުކުރު ނަމާދެއްގައި (ޚުޠުބާގައި) ރަސޫލް (ﷺ)ގެ އަނބިކަނބަލުން ޚަދީޖަތުގެފާނު އަވަހާރަވުމުން އިތުރު އެކަލޭގެފާނަށް ލިބިވަޑައިގެންނެވި ފުން ހިތާމަފުޅާއި އެކަންކަމަށް ރަސޫލް (ﷺ) ކެތްތެރިވެވަޑައިގެންނެވި މިންވަރުގެ ވާހަކަ ދެއްކީމެވެ. މުސްލިމުންނަކީ ހިތާމަތައް ކުރިމަތިވާނެ މީހުން ކަމާއި ކެތްތެރިވާން ޖެހޭނެ މިންވަރުވެސް ކިޔައިދިނީމެވެ.
ޚުޠުބާ ނިންމައި ހުކުރުވެސް ނިންމިތަނާ ޒުވާނަކު ބައްދަލުކޮށް މިއަދުގެ ޚުޠުބާއަކީ އޭނާގެ ހަޔާތަށް އަމާޒުކުރެވިފައިވާ ޚުޠުބާއެއް ކަމަށް ބުނުމުން ގާތުގައި ބައިންދާފައި ޚުޠުބާ އޭނާއަށް އަމާޒުވި ގޮތް ބުނެދޭން އެދުނީމެވެ. އެ ހިނދު ވަރަށް އަސަރާއިއެކު އޭނާ ކިޔައިދިނެވެ.
އަހަރެންނަކީ ސްޕެޝަލައިޒްވަމުން އައި ދަރިވަރެކެވެ. ހުރި ކައިވެނިވެސް ކޮށްގެންނެވެ. 2 ދަރިންވެސް ވަނީ ލިބިފައެވެ. އުޅެމުން އައީ ތަޤްވާވެރި އުފާވެރި ދިރިއުޅުމެކެވެ.
އަހަރެންގެ ނަތީޖާއަށް ބަލައި ވަރަށް ބޮޑެތި ހޮސްޕިޓަލުތަކުން ރަނގަޅު ވަޒީފާގެ ފުރުޞަތުތައް އައީ ލިބެމުންނެވެ. އެމެރިކާ ޑޮލަރުން 6 އަދަދުގެ މުސާރަވެސް އައީ ހުށަހަޅަމުންނެވެ. ވަޒީފާއަށް ނުކުންނަންވުމުން ދިރިއުޅޭނެ ރީތި ގެއެއް ގަންނަން ދިއައީ ގެތައް ބަލަމުންނެވެ. ގަންނާނެ ކާރުވެސް ދިއައީ ބަލަމުންނެވެ.
އެއްދުވަހެއްގެ މެންދުރުފަހެވެ. އަހަރެންނަށް ތަންކޮޅެއް އަވަހަށް ގެއަށް ދެވުނު ދުވަހެކެވެ. އާދައިގެމަތިން ސަލާމް ގޮވުމުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އެއީ ޢާންމުކޮށް އަނބިމީހާ ކުދިން ގޮވައިގެން އަރާމުކޮށްލަން ނިދައިލާ ގަޑިއެވެ. އެހެންވެ ކަންބޮޑެއްވެސް ނުވަމެވެ. ހެދުން ބަދަލުކޮށްލައިގެން ސިޓިންގ ރޫމްގައި މަޑުކޮށްލައިގެން އިނދެ ކުރަން ހުރި މަސައްކަތް ކުރަމުން ދަނިކޮށް ކުޑަދަރިފުޅު ރޯ އަޑު އިވިއްޖެއެވެ. ބޮޑު ދަރިފުޅުގެ އަޑުވެސް އިވެންފަށައިފިއެވެ. އަނބިމީހާގެ އެއްވެސް އަޑެއް ނުއިވެއެވެ.
ކުދިންގެ ކޮޓަރިއަށް އަހަރެން ވަނީމެވެ. ބަލައިލިއިރު އަނބިމިހާ އޮތް ގޮތުން ކަމެއް ގޯސްވެއްޖެހެން ހީވެގެން ގޮސް ބަލައިލިއިރު އަނބިމީހާ އޮތީ މަރުވެފައެވެ. ހަށިގަނޑުގެ ފިނިމިނުން މަރުވިތާ ގަޑިއެއްހައިއިރު ވެއްޖެކަންވެސް އެނގުނެވެ. ދެން ކުރެވުނު އިހްޞާޞްތައް ބުނެދޭކަށް ނުއެނގުނެވެ.
ޖަނާޒާގެ ކަންކަން ނިންމާފައި އައިސް ކޮޓަރިއަށް ވަންގޮތަށް ކޮޓަރީގައި ހަފްތާއެއް ހޭދަކުރީމެވެ. ބޭރަށްވެސް ނުނުކުންނަމެވެ. ދަރިންގެ ކަންކަން ބެލެހެއްޓީ މަންމަ އާއި ބޭބެއެވެ. ކުއްޖެއްގެ ގައިގައިވެސް އަތްޖައްސައިލީ 7 ދުވަސްވީ ފަހުންނެވެ.
އެއިރު އަހަރެންގެ އީމާންކަމެއް ނެތެވެ. ނަމާދުކުރާ ހިތްވެސް ނުވާތީ ނަމާދެއްވެސް ނުކުރަމެވެ. ނަމަވެސް ބޭބެ އައީ ނަމާދުކުރަން ބުނަމުންނެވެ. ބޭބެ ބުނަމުން އައި ނަމަވެސް އަހަރެން އިޖާބައެއް ނުދެމެވެ.
މިއަދު ބޭބެ އައިސް ބުނީ ހުކުރަށްދާން ޖެހޭނެ ކަމަށެވެ. އަހަރެން ގޮވައިގެން ނޫނީ ހުކުރަށް ނުދާނެ ކަމަށެވެ. އަހަރެން ބޭބެއަށް އިޖާބަދީ މިއައީ ހުކުރަށެވެ. އެހެންކަމުން ޚުޠުބާ އަޑުއިވުމުން އަސަރުކުރީއެވެ. އިރާދަކުރެއްވިއްޔާ އަހަރެންވެސް ކެތްތެރިވާން މަސައްކަތްކުރާނަމެވެ. ދެން ނަމާދެއް ނުއަޅާނަމެވެ. ކުރިން އުޅުނު ގޮތަށް އުޅޭނަމެވެ.
މީސްތަކުންނޭވެ! ރަނގަޅަށް ވިސްނާށެވެ! އޭނާގެ ބޭބެ ފަދަ ބޭބެއެއް ލިބިއްޖެ ނަމަ، ނުވަތަ އެފަދައިން ނަޞޭޙަތްދޭނެ މީހަކު ލިބިއްޖެ ނަމަ އެމީހަކީ ވަރަށް ބޮޑު ނަޞީބުވެރިއެކެވެ. އެފަދަ މީހުންގެ ބަސް ޤަބޫލުކުރާށެވެ! އަދި ކޮންމެ މީހަކީވެސް އޭނާގެ ބޭބެ ފަދައިން އަޚުންނާއި އުޚުތުންނަށް ނަޞޭހަތްތެރިވެ ތެދުމަގު ދައްކައިދޭން މަސައްކަތްކުރާ މީހަކަށްވާށެވެ!
އޭނާގެ ޙަޔާތް ބަދަލުވެގެން އެދިއައީ އޭނާގެ ބޭބެގެ ސަބަބުންނެވެ. ބޭބެ ގަދަބާރު އަޅައި މަގުދެއްކުމުންނެވެ. އެހެންކަމުން ކޮއްކޮ އޭނާގެ ޙަޔާތުގައި އިތުރަށް ކުރާ ކޮންމެ އަޅުކަމަކުން ﷲ ތަޢާލާ ބޭބެއަށް ވެސް ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ! ކޮއްކޮއަށް ދެއްވަވާ ސަވާބުން އެއްވެސް މިންވަރެއް އުނިކުރެއްވެވުމެއް ނެތިއެވެ. ވީމާ ބޭބެ އެލިބިގަތީ ކޮންފަދަ މަތިވެރި ނަޞީބެއް ހެއްޔެވެ! މަސައްކަތް ކުރަންވީ އެފަދަ މަތިވެރި ނަޞީބު ލިބިގަތުމަށެވެ.
--"މަރސިފުލް ސަރވަންޓް"ގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ