ކުރާ މަސައްކަތަށް އަގުދޭން ނުލިބޭ ނިކަމެތިންނަށް ﷲ އަށްޓަކާ ކޮށްދޭ މަސައްކަތުން ކުރާނެ ފައިދާ މާބޮޑުވާނެ!

ދުނިޔޭގައި ހުރެ ދެގޮތަކަށް އާމްދަނީ ހޯދިދާނެއެވެ. އެއްގޮތަކީ ލިބޭ އާމްދަނީ ވަޤުތުން އަތަށް ލިބުމެވެ. ދެވަނަ ގޮތަކީ އެތައް ގުނައަކަށް އިތުރުވެ ޤިޔާމަތް ދުވަހު ތިމާއަށް ލިބުމެވެ. ޤިޔާމަތް ދުވަހު ތިމާއަށް ފައިދާކުރާނެ ގޮތަށް ކުރާ ކަންކަމުގެ ސަބަބުން ދުނިޔޭގައިވެސް އެމީހަކަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. ވީމާ އަހުރެންގެ މިނަޞީޙަތްކޮޅު އަޑުއަހާށެވެ!  
ﷲ ތަޢާލާ ތިބާއަށް ހެޔޮ ގޮތް މިންވަރުކުރައްވަވައިފިނަމަ އެއީ ތިބާ އެކަނި އުފާކޮށްލައި މަޖާކުރުމަކަށް ނޫނެވެ. އެއީ ތިބާ އިމްތިޙާން ކުރެއްވެވުމަށްޓަކައެވެ. ﷲ ތަޢާލާ ތިބާއަށް ނިޢުމަތް ދެއްވެވުމަށްފަހު އެހިސާބުން ތިބާ ދޫކޮށެއް ނުލައްވަވަތެވެ. އެނިޢުމަތުގެ ބޭނުން ތިބާ ހިފާ ގޮތް ބައްލަވައިވޮޑިގެންވެއެވެ.  
ވީމާ ވީހާ ގިނަ ބައަކަށް ތިބާގެ ފަރާތުން ހެޔޮކަން ފޯރުކޮށްދޭން މަސައްކަތްކުރާށެވެ. ތަނަވަސްކަން ދެއްވަވައިފިނަމަ ޙާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިވެދޭށެވެ. ޢިލްމެއް ދެއްވަވައިފިނަމަ ވީހާ ގިނަ ބައަކަށް ފަތުރާށެވެ. މަސައްކަތެއް ދަސްވެއްޖެނަމަ އެހެން މީހުންނަށް އެހީތެރިވެދީ ތިމާއަށް އެނގޭ މަސައްކަތް އެހެން މީހުންނަށް ކޮށްދޭށެވެ. 
މަސައްކަތް ކޮށްދިނުމުގައި ދެގޮތެއްވެއެވެ. ފުރަތަމަ ގޮތަކީ އުޖޫރައަށް މަސައްކަތްކޮށްދިނުމެވެ. ކޮންމެ މީހަކީވެސް ދިރިއުޅެން ޚަރަދުތަކެއް ކުރަންޖެހޭނެ މީހެކެވެ. ވީމާ އެ ޚަރަދުތައް ހޯދުމަށްޓަކައި އުޖޫރައަށް މަސައްކަތްކުރުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެކެވެ. ކޮންމެ މީހަކަށްވެސް އެންމެ ޙަލާލް ފައިސާއަކީ އެމީހާގެ އަމިއްލަ އަތުންކުރާ މަސައްކަތުން ހޯދާ ފައިސާކަމަށްވާތީއެވެ.  
ނަމަވެސް ވިސްނާލަން ޖެހޭނެ ކަމެއް އެބަ އޮވެއެވެ. އެއީ އުޖޫރަދޭނެ ފައިސާ އަތުގައި ނެތް މީހަކު ކަމެއްކޮށްދިނުމަށް އެދިއްޖެނަމަ އެމީހަކަށް ފުރަގަސް ނުދިނުމެވެ. އެކަންކޮށްދިނުމަށް އެދުނީ ދަތިޙާލުގައި ހުރި މީހަކުނަމަ ވަޤުތު ހޯދައިގެންވެސް އެމީހަކަށް އެކަމެއް ކޮށްދީފިނަމަ ﷲ ތަޢާލާ ދެއްވަވާނެ އުޖޫރަ މާބޮޑުވާނެއެވެ. އެކަމުން ކުރާނެ ފައިދާވެސް މާބޮޑުވާނެއެވެ!
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ