މީޑިއާ ކޮންޓްރޯލް ބިލު ބޭރުކުރަން ތާއީދުނުކުރަން، އެ ނޫން ހުށަހެޅުންތަކަށް ހައްލު ލިބޭނެ: މިނިސްޓަރު

މިވަގުތު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އޮތް "މީޑިއާ ކޮންޓްރޯލް ބިލު" ބޭރުކުރަން ތާއީދުނުކުރައްވާ ކަމަށާއި، އެ ބިލު ބޭރުކުރުން ނޫން، ނޫސްވެރިންގެ ބާކީ ހުށަހެޅުންތަކަށް ރިއާޔަތްކޮށް، ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ކަމަށް، މީޑިއާތައް ބަލަހައްޓަވާ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު މިރޭ ވިދާޅުވެއްޖެއެވެ. ސަރުކާރާ ގާތް ގުޅުމެއް ބާއްވަވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ދެވަނަ ފަހަރަށް ހުށަހެޅުއްވި މީޑިއާ ބިލުގައި ނޫސްވެރިން ކޮންޓްރޯލްކުރަން ގިނަ މާއްދާތަކެެއް ހުރިކަމަށް ބުނެ ނޫސްވެރިންނާއި މީޑިއާތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެންވެ، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ނޫސްވެރިން ގޮވައިލަމުން އަންނަނީ މި ބިލުގެ މަސައްކަތް ކުރިއަށް ނުގެންގޮސް، މަޖިލީހުން ބޭރުކޮށްލުމަށެވެ. އެހެން ގޮވައިލަމުން ދަނިކޮށް މަޖިލީހަށް މި ބިލު ބަލައިގަނެ، މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ. ކޮމިޓީ މަރުހަލާގައި ބިލު އޮއްވައި، ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބިލު ފާސްކޮށް ތަސްދީގުކޮށްފިނަމަ ނޫސްވެރިކަން މީގެ ވިއްސަކަށް އަހަރު ކުރިން އޮތް ހާލަތަށް ސޮއްސައިލާނެ ކަމަށް ބައެއް ނޫސްވެރިން ބުނަމުންދިޔަ ނަމަވެސް، ނޫސްވެރިކަން ފަހަތަށް ނުދާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ. މި ބިލުގެ ސަބަބުން ނޫސްވެރިކަމަށް އަންނާނީ ކުރިއެރުން ކަމަށާއި، މިހާރުގެ ސަރުކާރުން މަސައްކަތްކުރަނީ ވެސް ނޫސްވެރިން ކުރިއެރުވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. "އޭޖީ ގާނޫނީ ދާއިރާއަށް ލޯބި ހުންނާނެ ގޮތަށް އަޅުގަނޑުގެ ހިތުގެ އަޑިން ހަމަ ލޯބިވާނެ ރާއްޖޭގެ ނޫސްވެރިކަން ދެކެ، އަޅުގަނޑު ހަމަ އެ ބަލާފައި، ކިޔާފައި، މި ދަންނަވަނީ ރާއްޖޭގެ ނޫސްވެރިކަމެއް ނުދާނެ ފަހަތަކަށް، ރާއްޖޭގެ ނޫސްވެރިކަން ރަނގަޅު ޕްރޮޕާ ޗެނަލުން ދާނީ،" ނޫސްވެރިއެއްގެ ތަޖުރިބާ ވެސް ހުންނެވި މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ގިނަ ނޫސްވެރިން ބިލު ބޭރުކުރަން ގޮވައިލަމުން އައީ، އޭގައި ހުރި ވާހަކަތަކަށް ރަނގަޅަށް ނުބަލާ ކަމަށެވެ. އެގޮތުން ބިލުގައި ހުރި ބައެއް ވާހަކަތަކަކީ އަކުރުން އަކުރަން މިހާރު އަމަލުކުރަމުން އަންނަ ގާނޫނުތަކާއި ގަވައިދުތަކުގައި ވެސް ހުރި ބައެއް ވާހަކަތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހަމައެއާއެކު ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓު އަމިއްލަ މީޑިއާތަކަށް ކަނޑައަޅުއްވައި ދޭ މާލީ އެހީއަށް އެދުމުގެ ފުރުސަތު ސަރުކާރުން މިދިޔަ މަހުގެ ފަހުކޮޅު ހުޅުވާލި ހުޅުވާލުމަށް އިޝާރާތްކުރައްވައި މިނިސްޓަރު ވިދާޅުވީ، އެއިރެއްގައި އޮންނަ ސަރުކާރެއްގައި އެސްއޯއީތަކުން ސްޕޮންސަރު ނުލިބިދާނެތީ ނޫސްތަކުން ދެން ކަންބޮޑުވާން ނުޖެހޭނެ ކަމަށެވެ. މީގެ އިތުރުން ސަރުކާރުން ދޭ މާލީ އެހީގެ ސަބަބުން އަމިއްލަ ނޫސްތައް ވާނީ ބާރުވެރި ކަމަށާއި، އެގޮތުން ޖާގަ ނެތް މީޑިއާތައް ހިންގުމަށް ޖާގަ ލިބި، ނޫސްވެރިން ކިޔަވާނެ ފުރުސަތު ވެސް ފަހިވެގެން ދާނެ ކަމަށް، މިނިސްޓަރު ވިދާޅުވިއެވެ. "މީޑިއާ ކޮންޓްރޯލް ނުކުރާނަން އަޅުގަނޑުމެން ، 15-20 އަހަރު ފަހަތަކަށް ނުދާނެ، އޭތި [މީޑިއާގެ މުސްތަގްބަލު] އަޅުގަނޑަށް ފެންނަނީ ރޯޝަންކޮށް އުޖާލާކޮށް،" މިނިސްޓަރު ވިދާޅުވިއެވެ. ފާހަގަކުރެވޭ ގޮތުގައި ސަރުކާރުގެ ފަރާތުން ވަނީ، ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު ނޭޅުން ހިމެނޭހެން، މީޑިއާ ކޮންޓްރޯލް ބިލަށް އިސްލާހުތަކެއް އިއްޔެ ހުށަހަޅައިފައެވެ. އެގޮތުން ބަންޑާރަނައިބުގެ އިދާރާއިން ވަނީ ޖުމްލަ 14 އިސްލާހެއް އެ ބިލަށް ހުށަޅައިފައެވެ. ހުށަހަޅާ އިސްލާހުތަކަށް ބަލާއިރު، ވަކިވަކި ނޫސްވެރިންނާ މެދު ފިޔަވަޅު އެޅޭ ގޮތަށް އޮތް މާއްދާ އުނިކުރުމަށާއި މީޑިއާތަކުގެ އެޑިޓަރުންނަކީ ކޮމިޝަނުން ކަނޑައަޅާ ޝަރުތުތަކެއް ފުރިހަމަވާ ބައެއް ކަމުގައި ހަމަޖެއްސުމަށް ބިލަށް މާއްދާއެއް ހުށަހަޅަން އެ އޮފީހުން ވަނީ ނިންމާފައެވެ. އިތުރަށް އެ ބިލަށް ހުށަހެޅި އިސްލާހުތަކަކީ: ބިލުގައި ހިމަނާފައިވާ އާންމު ނިޒާމާއި ގައުމީ ސަލާމަތާއި އިލްކެޓްރޯނިކް މިޑިއާގެ މާނަކުރުން އިތުރަށް ތަފްސީލުކޮށް ހިމެނުން ކޮމިޝަންގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި، އެކޮމިޝަނުގެ ލަފަޔާއެއްކޮށް ބަޖެޓުން ކޮންމެ އަހަރަކު ވެސް ކޮމިޝަނަށް ވަކި މިންވަރެއް ކަނޑައަޅަން ވާނެ ކަމަށް ބަޔާންކޮށް މާއްދާއެއް ހިމެނުން ކޮމިޝަނަށް ހުށަހަޅާ ޝަކުވާއެއް ނުވަތަ މައްސަލައެއް ބަލަން ނިންމައިފިނަމަ، އެ މައްސަލައިގެ ތަހުގީގު ކޮމިޝަނުން ގާއިމުކުރާ ވަގުތީ އެޖުޑިކޭޝަން ކޮމިޓީން ކުރާ ގޮތަށް ހަމަޖައްސައި، އެ ކޮމިޓީއާ ގުޅޭ އުސޫލުތައް ބިލުގައި ހިމެނުން ބިލުގެ 44ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތެދު މައުލޫމާތު ހާމަކުރުމުގެ ޒިންމާއަށް މިންގަނޑުތަކެއް އިތުރުކުރުން 42 ވަނަ މާއްދާގައިވާ 'ޚިޔާލު ތަފާތުވެފައިވާ މައްސަލައެއްގައި މައުލޫމާތު ހާކުރުމުގެ މިންގަނޑު' އުނިކޮށް، 'އާންމު މަސްލަހަތާ ގުޅޭ މައްސަލަތަކުގައި މައުލޫމާތު ހާމަކުރުމުގެ މިންގަނޑު' ބިލުގައި ހިމަނައި، ތަފްސީލުކުރުން ބިލުގެ 39 ވަނަ މާއްދާގައިވާ މީޑިއާގެ ސުލޫކީ ހަމަތަކުގެ ތެރޭގަުއ ތެދު މައުލޫމާތު ހާމަކުރުމުގެ އިތުރަށް އިންސާފުވެރިކަމާއި ހާމަކަންބޮޑު ގޮތެއްގައި ޚަބަރާއި މައުލޫމާތު ގެނެސްދިނުން ހިމެނުން 41 ވަނަ މާއްދާގައިވާ މީހުންގެ އަމިއްލަ މައުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކުގެ ތެރޭގައި އެކި ފަރާތްތަކުގެ އަމިއްލަ މިނިވަން ކަމުގެ ދާއިރާގެ ތެރެއަށް ނުހައްގުން ވަދެގެން ނުވާނެ ކަމަށް އޮތްއޮތުން ބަދަލުކޮށް، އެފަދަ މައުލޫމާތެއް ނިސްބަތްވާ ފަރާތުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް އިހުތިރާމު ކުރުމަކީ މައުލޫމާތު ހާމަކުރުމުގެ މިންގަނޑު ކަމުގައި ބެލުން ހަމައެހެންމެ، ކޮމިޝަނަށް މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައާއި ކޮމިޝަނުގެ ރައީސް އައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރެއް ނުހިމެނޭ ގޮތަށް ބިލުގެ ތިން މާއްދާއެއް ވެސް ހުށަހަޅައި، އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން އިދާރީ ފިޔަވަޅެއްގެ ގޮތުން، ވަގުތީގޮތުން މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލް ކުރުމުގެ ބާރު ކޮމިޝަނަށް ލިބިދީފައިވާ މާއްދާ އުނިކުރުމަށް ވެސް ވަނީ ހުށަހަޅައިފައެވެ. މީޑިއާ 'ކޮންޓްރޯލް' ބިލާ ގުޅިގެން ރާއްޖޭގެ ނޫސްވެރިންނާއި ބައިނަލްއަގުވާމީ ނޫސްވެރިންގެ ޖަމިއްޔާތަކުގެ އިތުރުން ރާއްޖޭގެ އެޗްއާރުސީއެމްއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއީ ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަތަކާ ހިލާފު މާއްދާތަކެއް މި ބިލުގައި ހިމެނޭ ކަމަށް ބުނެއެވެ. މި ބިލަކީ ސަރުކާރާ އެއްވެސް ގުޅުމެއް ނެތް ބިލެއް ކަމަށް ފުރަތަމަ ސަރުކާރުން ބުނި ނަމަވެސް ޕީއެންސީގެ މަޖިލިސް މެންބަރުން ވެސް ވަނީ މި ބިލުގެ ދިފާއުގައި ވާހަކަދައްކަވައިފައެވެ. އެ ފާޑުކިޔުންތައް އަމާޒުވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއީ ޕްރޯ މީޑިއާ ސަރުކާރެއް ކަމަށް ވިދާޅުވެ، ބިލް އިސްލާހުކުރާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ