އެވާހަކަ ވިދާޅުވަން މިއަދު ޞަޙާބީއަކު ދުނިޔެއަކު ނެތެވެ! އެކަމަކު އެތަކެތި މިސްކިތްތަކުގައި އަންނަނީ ބަހަމުންނެވެ! ލިބޭނީ ބަލައިދިއަ މީހަކަށެވެ!

ޒަމާން ފަސްވުމަކީ މީސްތަކުން މިސްކިތާއި ނުވަތަ އަޅުކަމާއި ދުރުހެލިވާން އޮތް ސަބަބަކަސް ނުވި ނަމަވެސް އެކަން ހިނގަމުން އަންނަނީ އެގޮތަށެވެ. އެކަން ފެށިފައިވަނީ ޞަޙާބީންގެ ޒަމާނުގައެވެ. ވީމާ މިއަދު އެކަން އިތުރަށް ބޮޑުވާނެކަން ޤަބޫލުކުރަންވާނެއެވެ. ނަމަވެސް އެކަން އެގޮތަށް ވުމަށް ރުހި ތިމާވެސް އެގޮތަށް ޢަމަލުކުރާނަމަ ސުވަރުގެ ވަދެވޭނީ ކިހިނަކުން ހެއްޔެވެ؟  
މީސްތަކުން ބާޒާރުމަތީގައި އެންމެ ގިނަވީ ވަގުތަކު އެއް ދުވަހު އަބޫ ހުރައިރަތުގެފާނު ބާޒާރަށް ވަޑައިގެން ވިދާޅުވިއެވެ. "މީސްތަކުންނޭވެ! މިސްކިތުގައި ވަރަށް ބައިވަރުތަކެތި އެބަ ބަހައެވެ. ރަސޫލް (ﷺ) ސުވަރުގެ ވަޑައިގެންނެވި އިރު މީސްތަކުންނަށް ބަހަން ދޫކުރައްވާފައިވާ ތަކެއްޗެވެ. 
އެހިސާބުން އެންމެން ދުއްވައިގަތީ މިސްކިތަށެވެ. ފިހާރަތައް ބަންދުކޮށްފައި ވިޔަފާރިވެރިން ވެސް ދުވީ މިސްކިތަށެވެ. ގޮސް ބެލިއިރު މިސްކިތަކު އެފަދަ އެއްވެސް ކަމެއް ނުހިނގައެވެ. އެއްވެސް އެއްޗެއް ބަހާ މީހަކު ނުއުޅެއެވެ.  
އައިރުޅީގައި އެންމެން އެކުގައި ގޮސް އަބޫ ހުރައިރަތުގެފާނާއި ބައްދަލުކުރުމުން ވިދާޅުވީ ކުރު ޚުޠުބާއެއް ފަދަ ބަސްކޮޅެކެވެ.  
ފުރަތަމަ ސުވާލު ކުރެއްވީ މިސްކިތުން ފެނުނީ ކޮން ތަކެއްޗެއް ކަމާއިމެދުގައެވެ.  
ޖަވާބުގައި މިސްކިތުން އެމީހުންނަށް ފެނުނީ "މުޞްޙަފާއި އިސްލާމް ދީނުގެ ކަންކަން" ކަމަށް ދެންނެވުމުން ވިދާޅުވިއެވެ. "މީސްތަކުންނޭވެ. އެއްވެސް ރަސޫލް ބޭކަލަކު ދުނިޔެ ދޫކުރައްވާއިރު ތިއަބައިމީހުން މިސްކިތުން ހޯދަން މިއަދު ތިއަ ދިއަ ފަދަ އެއްވެސް އެއްޗެއް ދޫކުރައްވަވާފައި ވަނިކޮށް ނުފެންނާނެއެވެ. ދޫކުރައްވަވާފައި ވާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ކުރަންވީ ކަންކަމެވެ. އެކަންކަމުގައި ޘާބިތުވެއްޖެ ނަމަ ސުވަރުގެ ލިބޭނެ ކަންކަމެވެ. އެކަން ކުރާނެ ގޮތުގެ އިރުޝާދެވެ.  
ވީމާ ތިއަބައިމީހުންނަށް މިސްކިތުން މިއަދު ތިއަ ފެނުނީ ތިއަބައިމީހުންނަށް ބަހަން ރަސޫލް (ﷺ) ދޫކުރެއްވެވި ތަކެއްޗެވެ. ދެދުނިޔޭގެ ސަލާމަތްކަން ލިބިގަތުމަށްޓަކައި ތިއަބައިމީހުން ލިބިގަންނަންވީ ތަކެއްޗެވެ. 
މިހައި އަވަހަށް ތިއަބައިމީހުން އެކަންކަން ހަނދާން ނެތެމުން ދާތީ އަހަރެން މިކުރި ކަމަކީ ތިއަބައިމީހުންނަށް އެކަން ހަނދާންކޮށްދިނުމެވެ. ގިނަގިނައިން މިސްކިތަށް ގޮސް ރަސޫލް (ﷺ) ދޫކުރެއްވެވި ތަކެތި ލިބިގަނެ އެކަމުން ފައިދާ ލިބިގަންނަ ބައަކަށްވާށެވެ! ސުވަރުގެ ލިބުން އޮތީ އެތަކެތި ލިބިގަތްވަރަކުންނެވެ." 
 
- އިމާމް ޢުމަރު ސުލައިމާނުގެ ދަރުސަކުން
 
 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ