ޖުންޖުލާ 7

"ގިނަގިނައިން ޒިކުރުކުރުމުން ނުބައި ކަންތައްތަކުން ދުރުވެ ޝައިތާނާގެ ވަސްވާސްތަކުން ސަލާމަތްވާނެއެވެ. އަދި ހެއްދެވި ފަރާތާއި އޮންނަ ގުޅުން ވަރުގަދަވެ އީމާންކަން އިތުރުވާނެއެވެ. ކޮންމެ މަަސައްކަތެއްގައި އުޅުނަސް ޒިކުކުރާށެވެ. އެއީ ގިޔާމަތް ދުވަހު ސަލާމަތްވާނެ އެންމެ ހެޔޮ އެއް އަމަލެވެ." *** "އަދި ހިޖާބުވެސް އަޅައިފިން....ސިނަމަން ރޯލްއަކާއި ވައްތަރީ..ފޯ ޔޯ އިންފޮމޭޝަން..." އޭނަ އެ ޖުމްލަ ފޮހެލާފަިއ އަނެއްކާ ޓައިޕްކޮށްލިއެވެ. "ޝޯލްދެކެ ލައިކްވޭތަ؟ ފްރެންޑެއްް އަހައިގެން.." އޭނަ އަނެއްކާވެސް އެމެސެޖް ފޮހެލިއެވެ. އެންމެފަހުން ހިޖާބު އަޅުވާފައިއިން ބުޅަލެއްގެ މީމްއެއް ފޮނުވައިލީ އެއްވެސް ސުރުޚީއެއް ނެތިއެވެ. ހެނދުުގެ ވަގުތުތައް ދިޔައީ އާދަޔާ ޚިލާފަށް ހިމޭންކޮށެވެ. އެހާ ހިމޭންވުމަކީވެސް ކޮންމެވެސް ތޫފާނެއް އަންނަން އުޅޭކަމުގެ ނިޝާނެކެވެ. ހޮސްޕިޓަލުގެ ހުސްވަގުތު ހޭދަކުރާ ކޮޓަރީގައި ކޮފީއެއް ބޯން އިން އާރިކްއަށް ހީވީ ހިމޭންކަންވެސް އޭނައާއި ދިމާލަށް ފުންމައިގެންފާނެހެންނެވެ. އެވަގުތު އޭނަގެ ފޯނު ދިއްލެންފެށިއެވެ. "އާރިކް މަރުވީތަ؟ ނޫނީ ޖަނިޓާގެ ކްލޯޒެޓަށްވަދެ މެޑިޓޭޓްކުރަނީ؟" އަލާނާ ވައިބާކޮށްލިއެވެ. "އަހަރެން ކޮފީބޮމުން ދުޢާވެސް އެބަކުރަން.. އަލާނާގެ އުދަގޫތަކުން ކެތްތެރިކަން ދެއްވުމަށް އެދި..."އާރިކް ފަހު ލަފުޒުތައް ފޮހެލިއެވެ. "ތިބުނީ ދެ ހޮބީކަން އެނގޭ.." އިރުކޮޅެއްނުވަނީސް އަލާނާ ވަދެގަތްއިރު އިސްތަށިގަނޑުގައި އަވި އައިނު ހަރުކޮށްލާފައި ކޯޓުގެ ގޮށްތައް ނައްޓާލައިގެން ހުރެ ފަރި ހިނގުމެއްގައެވެ. މެޑިކަލް ސީރީޒްއަކަށް ތައްޔާރުވެގެން އައިފަދައެވެ. "އަހަރެން ޑިސައިޑްކޮށްފިން."އަލާނާ ދަބަސް މޭޒުމައްޗަށް ދޫކޮށްލިއެވެ. "ޕްލީޒް ނޫން.."ޢާރިކް އިސްއުފުލާބަލާވެސް ނުލިއެވެ. "ތިއީ....."އަލާނާ އޭނައަށް އިޝާރާތްކޮށްލިއެވެ."އޮފިޝަލްކޮށް ހޮސްޕިޓަލުގައި ހުރި އެންމެ ސިއްރުވެރި ފިރިހެނާ..." "ތި ލަގަބު ގަބޫލުކޮށްފިން..." އޭނަގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އޭނަ ހީކުރީ ކޮންމެވެސް އެހެން ބޮމެއް ވައްޓާލަން އައިހެންނެވެ. "އަހަންނަށް ސެޓްފިކެޓެއް ނޫނީ ހަނދާނީ ފިލާއެއް ކަހަލަ އެއްޗެއް ލިބޭނެ؟" "ނޫން..."އަލާނާ ހީގަތެވެ." ސުވާލުކުރުން ކުރިއަށް އޮތީ..ތަހުގީގުގެ ބައި.." އަލާނާ އިށީނީ ކުރިމަތީގައި ހުރި ސޯފާސެޓްގައެވެ. އަދި ލޯ ހަނިކޮށްލަމުން ވާހަކަދައްކަންފެށިއެވެ. "މައްސަލައަކީ ޑޭޓެއްނުކުރޭ..ފްލާޓެއްވެސް ނުކުރޭ...ބޭރަކަށް ނުދޭ...އޮފް ދުވަހެއްވިއްޔާ ގެއްލޭ....އަދި ހަމަ ވަލީވެރިއެއް އެރުވިގެން ހުންނަހެން މާމައާއެކު ދިރިއުޅެނީ......އެކްސްޕްލެއިން....." "އަހަންނަކީ މުސްލިމަކަށްވީމަ...ދީނަށް އުޅެން މަސައްކަތްކުރާތީ..." "އޯކޭ ފެއާ....އެކަމަކު އެހެންވިޔަސް ހަމަ ވަރަށް ވިއާޑް..." "ތިއީ ތިހާވަރުން މިސްޓްރީއަކަށް ހަދައިގެން އެކަމާއި ބޯ ގޮއްވާވަރުގެ ކަމެއްނޫން އަލާނާ..އެއަށް ކިޔަނީ އިންޓްރޮވާޝަން..."އޭނަ ކޮފީ ކޯވަރެއް ބޯލިއެވެ. "ތިއީ ތަޅުލާފައިވާ ޑައިރީއެއްގެ އިންސާނީ ވާޝަން..ކޮންމެވެސް ދުވަހަކުން އަހަރެން އެ ޑައިރީ ހުޅުވާނަން..."އަލާނާ ގެ ނަޒަރު އޭނަގެ މޫނުން ކައްސާނުލައެވެ. "ޓެޓަނަސް ޝޮޓް ޖަހައިގެން ހުރިކަމަށް އުއްމީދުކުރަން. އެހެން ހުޅުވާއިރު ހަމަ ޒަޚަމްވެދާނެތީ މިހެން ބުނީ............." އެސުވާލުގެ ޖަވާބު އަލާނާއަށް ނުދެވެނީސް ނަރުސްކުއްޖަކު އެ ކޮޓަރީގެ ދޮރު ހުރަސްކޮށްލާފައި ހަޅޭއްފަޅޭއްޖަހަމުން ހޭ ކަނޑާލާފައިދިޔައެވެ."ކާކު މި ހޮސްޕިޓަލަށް ބުޅަލެއް ވެއްދީ؟" އެކުއްޖާގެ ހަޅޭކުގެ އަޑާއި އެބުނި ޖުމްލައިން އާރިކް ގަނޑުވާގޮތްވިއެވެ. "ނޫން....."އޭނައަށް ބުނެވުނެވެ. "ޔެސް....."ޢަލާނާ ހިނިއައެވެ." އާރިކްގެ ބުޅާ ދޯ އެއީ..." ނިކްސަން ހޯލުން "ކެޓްވޯކްގެ" ފުރިހަމަ ހިނގުމުގައި ދިޔައީ އަމިއްލަ ތަނެއްހެން ހީވާގޮތަކަށް ނިގޫ ކޮޅަށް ޖަހާލައިގެން ލޯ ބޮޑުކޮށްގެންއޮވެއެވެ. އެސޮރުގެ ހަޔާތުގެ އެންމެ ހަނދާނީ އެއް ވަގުތުކޮޅެވެ. އާރިކްގެ ދަބަސްތެރެއަށް އެރިގެން ހޮސްޕިޓަލަށް ސިއްރުން އެތެރެވިގޮތަށް ނަރސްސްޓޭޝަން ފާސްކުރުމުގައި އަވަދިނެތި އޮވެފައިގޮސް ވަނީ މެޑިކަލް ކާޓެއްގެ ދަށަށެވެ. އާރިކްއަށް ނިކްސަންއާއި ހަމަޔަށް ފޯރިއިރު އެސޮރު ޖެނީފާގެ ކޮޓަރިއަށް އެތެރެވިއެވެ. ޖެނީފާވެސް ހައިރާންކަމުގެ ނަޒަރަކުން ބަލަން އިނީ އެސޮރު ކުލިދައްކާތަނެއްހެން އެނދަށް އަރާ ވެޑުވިގަތްގޮތުންނެވެ. "ނަފްސާނީ އެހީއަށް ޖަނަވާރެއް ގެނައީތަ؟" ޖެނީފާ ބުމަ އަރުވައިލިއެވެ." އަހަރެން ނަފްސާނީގޮތުން ހަލާކުވިޔަސް ތީގައި އަތްލާވަރަށް ބޮޑުވަރެއްނުވޭ....." "ނޫން..މިއީ އެކަހަލަ ކަމެއްނޫން......ސިއްރުން މިތަނަށް ވަނީ.."އާރިކް ނިކްސަން އުރައިލަމުން އަތުގެ ތެރެއަށް ލިއެވެ. "އެސޮރުގެ ނަމަކީ ނިކްސަންތަ؟" ޖެނީފާ ލޯ ކުޑަކޮށްލިއެވެ. "އާނ..ކިހިނެއް އެނގުނީ؟"އޭނަ ހައިރާންވިއެވެ. "އެއީ އާރިކް ބުޅަލަކަށް ނަމެއް ކިޔަންޏާ ކިޔާނެ ޒާތުގެ ނަމެއް...ތަންކޮޅެއް ގޮތްބޮޑު އެމެރިކަން....." ޖެނީފާ ތެދުވެގެން ގޮސް ކުޑަދޮރު ކައިރީގައި ހުއްޓުނެވެ. ވާރޭގެ ތިކިތައް ކުޑަދޮރުގައި ބީހިލަނީ ހިތްގައިމު މިއުޒިކެއްހެންނެވެ. އިރުގަނޑެއްނުވަނީސް ވާރޭގެ ބޮޑެތި ތިކިތައް ފުރާޅަށް އޮއްސައިގަތް އަޑު ތަނުގައި ގުގުމައިލިއެވެ. ވާހަކައަކާއެކު ރަޖާ ލައިގެން އޮނަންނަ އެންމެ އަރާމު ދުވަހެކެވެ. މާހައުލު ނުތަނަވަސްވާއިރަށް ވާރޭ އަންނަނީ ކީއްވެކަމެއް ނޭގެއެވެ. "އެނގޭތަ؟އާރިކްގެ އުމުރުގައި އަހަރެންވެސް ބުޅަލެއް ގެންގުޅުނިން.." "އޯ......" "އަހަރެން ބަލިވެއިންކަން އެނގުނު ހަފްތާގައި ބުޅާ ގެއިން ދިޔައީ...." ވާރޭގެ އަޑު ފިޔަވާ އެހެން އަޑެއްނީވެއެވެ. "އަހަރެން އާރިކް ދޫކޮށްފައި ދިޔަ ދުވަސް ހަދާން އެބަހުރިތަ؟" އޭނަގެ ސިކުނޑީގެ ކޮންމެވެސް ދިމާލެއްގައި އުތުރިއަރައިގަތީ ވަޅުލާފައިވީ ހަނދާނެކެވެ. "އަހަރެން....ފަސް އަހަރު؟" "ހަ އަހަރު..."ޖެނީފާ ބުނެލިއެވެ."އެއީވެސް ހަމަ މިހެން ބޯކޮށް ވާރޭ ވެހުނު ދުވަހެއް...ފެހިކުލައިގެ ވާރޭކޯޓެއްލާފައި ޕްލާސްޓިކް ލަންޗްބޮކްސްއެއް ހިފައިގެން އެ ފިހާރައިގެ ބޭރުގައި ހުރި ގޮނޑިއެއްގައި އިންދާ.............." އެއާއެކު އޭނަގެ ހަނދާނަށް ވަރަށް ރީތިކޮށް އެ މަންޒަރު ފެންނާންފެށިއެވެ. އެތައް ރެއަކު ހަމަ އެ ހުވަފެން ފެނިގެން ހޭލެވޭއިރަށް ހަނދާނުން ތަފްސީލު ކައްސައިލައެވެ. ވާރޭ އޮއްސައިލީ ގަދަ ވަޔާއެކު ތޫފާނެއްފަދައިން ރޯނު ނަކަތުުގެ ގަދަކަން ދުނިޔެއަށް ދައްކައިލަމުންނެވެ. ކުޑަ ފިރިހެންކުއްޖަކު އެ ގޮނޑީގައި އިންއިރު ޗައްޕަލްުގެ ދަށުގައި ދެމެމުން ދިޔައީ ވާރޭގެ ކޯރެކެވެ. އޭނަގެ އަތުގައ ވިދާ ފެހިކުލައިގެ ލަންޗްބޮކްސްއެކެވެ. "މަންމާ...." "ފަސްވަރަކަށް މިނިޓުން އެނބުރި އަންނާނަން...."މަންމަ އޭނަގެ އިސްތަށިގަނޑުގައި ބޮސްދިނެވެ. އެއަށްފަހު ދާން ހިނގައިގަތްގޮތަށް ވާރެއާއި ތޫފާންގެ ތެރެއަށް ގެއްލުނެވެ. އިންތިޒާރުގައި އެތައް އިރެއްވީފަހުން ހީކަރުވައިގަނެގެން ތުރުތުރުއަޅާންފެށިއެވެ. ވަޔާއެކު އޭނަ އެއްލާލަފާނެހެން ހީވި ވަގުތު އައެވެ. ބިރުވެރިކަމާ އެކަނިވެރިކަން ވަށާލިއެވެ. ގުގުރީގެ ބާރުއަޑާއެކު އެކުޑަ އަތްތިލައިން ކަންފަތުގައި އަތް އަޅައިލެވުނުއިރު މޭގަނޑުވެސް އަނގަޔަށް އަންނަވަރުވިއެވެ. ފިހާރައިން ނިކުތް ފިރިހެނަކު އޭނައަށް ބިސްކޯދާއި ޖޫސްޕެކެޓެއްދިނެވެ. އޭނަ އެތެރެއަށް ވަންނަން އިންކާރުކުރިއެވެ. ފަސްމިނިޓްފަހުން މަންމަ އަންނާނެކަމަށް ވައުދުވެފައިވާތީ އިތުބާރުކުރެވުނުލެއް ބޮޑުކަމުންނެވެ. އޭނަ ފެންނަން ނެތިއްޔާ މަންމަ ކަންބޮޑުވެދާނެތީއެވެ. މަންމަގެ ޚަބަރެއްނުވުމުން އޭނައަށް ރޮވެންފެށިއެވެ. ގަޑިއެއްހާއިރުފަހުން އެ ފިރިހެންމީހާ ކޮންމެވެސް ބަޔަކަށް ގުޅައިގެން އެމީހުން އޭނަ ބަލާ އައެވެ. އޭނަ މަގާއި ދިމާލަށް ބަލަމުން ރޮމުން ދިޔައީ މަންމަ ނުފެނިގެންނެވެ. އޭރުވެސް މަންމަ ދިން ލަންޗްބޮކްސްގައި ދެއަތުން ހިފަހައްޓައިގެންނެވެ. ލޮލުން އޮހެމުން ދިޔަ ކަރުނަތައް ވާރެއާއިއެކުވަމުން ދިޔައިރު އެހެން މީހަކަށް އެކަމެއް ނޭގުނެވެ. އާރިކް މާޒީގެ ތެރެއިން ނުކުމެ އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ. "އާރިކް....އަހަރެން އަމިއްލަ ނަފުސަށް ވައުދުވިން އެނބުރި އަންނަން... އަސްލު އަހަރެން އެނބުރި އައިން......" އާރިކް ނިކްސަން ތަޅުންމަތީގައި ބޭއްވުމުގެ ފައިމަތީގައި އޮށޯވެގެންއޮތްއިރު ޖެނީފާއަށް ލޯ އަމާޒުވެފައިވިގޮތުން އެ ވާހަކަތައް ދޭހަވާފަދައެވެ. ނޫނީ އިހުސާސްކުރެވެނީއެވެ. "ކީއްވެ ނައީ؟" "އަހަންނަށް ޑްރަގް ފެނުނީ.."ޖެނީފާ ހިތިގޮތަހަށް ހީލިއެވެ. "އަހަރެން އުމުރަށްވެސް އިންތިޒާރުކުރީސްކަން ނޭގޭ..." "އަހަންނަށް އެނގޭ...އެހެންވެ އެކަން އިތުރަށް ގޯސްވީ..."ޖެނީފާ ވޭޕަށް ދަމައިލިއެވެ."އަހަރެން މިއީ ސަލާމަތްކުރާވަރުގެ މީހެއްތަ؟" "ސަލާމަތްވުމެއްނޫން......އެންމެނަށްވެސް ލައްވާފައިވޭ ރަހުމަތް.." "އަހަންނަކީ ކާކުކަން އެނގޭނަމަ އާރިކް ތިހެން ވާހަކަދައްކަން ނާންނާނެ.....ރުޅިގަދަކަމުން ބުއްރާސްޖަހާ މީހެކޭވެސް މީހުން ކިޔާ..."ޖެނީފާ ހިނިގަނޑެއް ޖަހައިލިއެވެ."ތިހާ ހެޔޮވާން އުޅެނީ ކީއްވެ؟މިއީ މީހުން ހެޔޮވާވަރުގެ މީހެއް ނޫން...." އޭނަ މަންމަދެކެ ލޯބިވާން ގަދައަޅާ މަސައްކަތްކުރަނީ އެކަމަށް ﷲ ތައާލާ އަންގަވާފައިވާތީއެވެ.މަންމަގެ ލޯތްބަށް އެންމެ ބޭނުންވީ ވަގުތު އޭނަ އެއްލައިލުމަކީ އޭނަގެ ޟަމީރު މާފުދޭން ބޭނުންވިކަމެއްނޫނެވެ. ނަމަވެސް ހިތުގައިވި ތަގުވާއާއި މާމަގެ ބާރު އެޅުމާއި ނަސޭހަތުގެ ސަބަބުން މަންމައަށް އޯގާތެރިވާން މަސައްކަތްކުރަނީއެވެ. ހިތުގައި އެބުނާފަދަ ލޯތްބެއް ނެތެވެ. ނަމަވެސް މައިމީހާއާއިމެދު ރަގަޅަށް އަމަލުކުރުމަކީ އާޚިރަތުގައި ދިންނަވާފާނެ އަމަލެކެވެ. މައިމީހާ ތިމާއާއި ދޭތެރޭ އަމަލުކުރިގޮތެއް މުހިއްމެއްނުވާނެއެވެ. އޭގެ ބަދަލުގައި ދަރިންނަށް އޮތީ އެމީހުންނަށްވީ އެންމެ ރަގަޅަށް މައިންބަފައިންނާއިމެދު އަމަލުކުރުމެވެ. އެއާއެކު އޭނަގެ ލޮލަށް ސޫރަވީ ބައްޕަ ފުރުގާންއެވެ. އޭނަ ބައްޕައާއިމެދުވެސް އަމަލުކުރަނީ ބީރައްޓެއްސެއްފަދައިންނެވެ. ފޯނުން ގުޅިޔަސް ޖަވާބެއްނުދެއެވެ. އެއީ ކުށުގެ އިސްފަރާތެވެ. *** އާރިކް ބޭރަށް ނިކުމް ނިކްސަން ދަބަހަށް ލާން އުޅެނިކޮށް އަލާނާއަށް ފެނުމުން ދުވެފައި އައީ ހޭ ކަނޑާލާފައެވެ. އަދި އުކުޅުގައި އަތް ވިއްދައިލިއެެވެ. "އޯކޭ އެކަމަކު ތިއީ މި ހަފްތާގައިވެސް ފެނުނު އެންމެ ވިއާޑް މަންޒަރު، ދެން ފެނުނީ ފިރިހެންކުއްޖަކު އަމިއްލަ ފައި ސައިކޯއެނެލައިޒްް ކުރިތަން..." "ވެލްކަމް ޓު މައި ވޯލްޑް..." "އެހެންވިއްޔާ ސިއްރުތައް ކިޔާދޭންވީނު..." "މިއަދަކު ނޫން.." "އެހެންވިއްޔާ ކޮންމެގޮތެއް ހަދާފައިވެސް އެކަން ހޯދާނަން.." "ގުޑް ލަކް... ފޮރުވަން ވަރަށް މަސައްކަތްކޮށްފައިވާނީ..." ނިކްސަން ވަރުގަދަގޮތަކަށް "މިއާވް"ލައްވައިލިއެވެ. ސަމާލުަކަން ހޯދަން މަސައްކަތްކުރިފަދައެވެ.. *** އާރިކް ހިނގާފައި ދިޔައީ ތަންކޮޅެއް ހަނިމަގަކުންނެވެ. ދެފަރާތުގައި ބޯ ގަސްތަކެވެ. ޖޮގްކުރާ މަދު މީހަކު ފިޔަވާ އެމަގު އޮތީ ފަޅަށެވެ. އެކަނިވެރި މާހައުލުން އުފާ ލިބިގަންނަމުން ދަނިކޮށް ފަހަތުން ގޮވައިލި އަޑު އިވުމާއެކު އޭނައަށް ލޯ މަރައިލެވުނެވެ. "أَعـوذُ بِاللهِ......" "ހޭ ގުޑް މޯނިން.......އެރީކް......ހަމަ ޝޮކަކަށްދާވަރުގެ ކަމެއް އަހަންނަށް އެނގިއްޖެ.." "އަހަރެންގެ ފޯނު ހެކްކުރީތަ؟" އާރިކް ބުމަ އަރުވައިލިއެވެ. އޭނަ ފިޔަވަޅުތައް އަވަސްކޮށްލިއެވެ. ވީހާވެސް ދުރުމިން ބަހައްޓަންވެގެންނެވެ. "އެއަށްވުރެ މާ މޮޅުކަމެއް....ޕޭޝަންޓުގެ ރިކޯޑުން އާރިކްގެ މަންމަގެ ނަން ފެނުނީ...." "އޯ،..ކުރިން ނުދަންނަންތަ؟" "އާނ....ހަމަ އުދަގޫ ޕޭޝަންޓެއްކަމަށް ހީކުރީ...އެއީ....ޔޯ މަމް؟އެއީ ހަމަ ޕްލޮޓް ޓްވިސްޓެއް....ޖެނީފާގެ ފަރާތުން އާރިކްވެސް އަހަރެންދެކެ ރުޅި އަންނަ ބައި ވާރުތަކޮށްފައިހެން ހީވަނީ...." "ނުދެނެހުރިން.." "އަހަންނަށް ނުލާހިކު ރީތި ނަމެއްކިޔާފައި އޮތްވާ ޖެނީފާ އެ ނަން ބަދަލުކޮށްފި...ހުލިހުލިސާ.....އެއީ އަރަބިނަމެއްތަ؟ އަލާނާ ކިޔަން ހަނދާނެއް ނުހުންނަކަމަށްވަނީ.....ހުލި ކިޔަން އެބަ އެނގޭ..." "ޖަޕާނު ނަމަކާއި ވައްތަރީ...." އާރިކް އެތެރެއިން ހީލި ނަމަވެސް މޫނުމަތިން އެކަމެއް ނުދައްކައެވެ. އަލާނާގެ ހުނުމުގެ އަޑާއެކު އެދިމާލުން ބުޅަލެއް ވޫސްލާފައި ދުއްވައިގަތްތަން ފެނުނެވެ. *** އާރިކްއާއި އަލާނާގެ ގުޅުމަށް އެއްވެސް ވަރެއްގެ ކުރި އެރުމެއް ލިބުނުތޯ ސަބްރާ އަހައިލުމުން އަލާނާ ބުނީ އަދި އުޅެވެނީ އެކުވެރިކަމުގެ މަރުހަލާ ފެށިގެންކަމަށެވެ. އެހިތާއި ހަމަޔަށް ފޯރަން އަހަރުތަކެއްވެސް ނަގާފާނެއެވެ. ގަނޑުފެން ވިރުވައިލަން ފަސޭހައެއްނުވާނެއެވެ. އާރިކް ކެފޭގައި އިންދާ އަލާނާ އަމިއްލައަށް ދައުވަތު ދީގެންގޮސް ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ. އޭނަގެ ލާޓޭއަށް ސަމުސާލައިގެން ގިރަންފެށިއެވެ. "ސޯ...ކިހިނެއް ވީކެންޑް؟" "އެމޭޒިން...އަހަރެން ސޫރަތުލް ފާތިހާ ކިޔައިފިން...ދެފަހަރު...އެކަމަކު غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ނުބައިކޮށް ޕްރޮނައުންސްކުރެވުނު...ލައިކް ހަތްފަހަރު...." އަލާނާގެ މޫނު ދިއްލުނެވެ. "ގްރޭޓް..އެއީ ވަރަށް ހިތްގައިމު ސޫރަތެއް..އޭގެ މާނަ ވިސްނައިގެން ކިޔަވައިފިއްޔާ ފެއިތް ވަރުގަދަވާނެ...." "އެނގޭތަ؟ ގުރުއާންގެ ފެށުމުގެ ކްރެޑިޓްވެސް އެސޫރަތަށް ލިބުނީ....ލައިކް އިންސާނިއްޔަތުކަމަށް ޕްރިއޮރިޓީ........" "ކުރިން ތިހެން މީހަކު ފާތިހާ ސޫރަތް ޑިސްކްރައިބްކުރި އަޑުނާހަން..."އޭނަ އެސްފިޔަޖަހައިލިއެވެ. "އަހަންނާއެކު އުޅުނީމަ ދަސްވާނެ..."އަލާނަ އެއްލޯ މަރައިލިއެވެ."އަހަންނަކީ ސްޕިރިޗުއަލް މެޓަފޯސްގެ ނެޓްފްލިކްސް.." "އިސްލާމް ދަސްކުރަން ބޭނުންވީ ކީއްވެތަ؟" "ޝައުގުވެރިކަން...ފަހަރެއްގައި ފަސްވަގުތު ނަމާދުކުރާ އަދި ޓާކިޝް ޑްރާމާއަކުން ނުކުތްހެން ހީވާ ކަހަލަ ޒުވާނަކަށް ކްރަޝްއެއް އޮތީމަހެން ހީވޭ..." "ހާދަ އޮޕެންކޮށް ތިބުނީ......." "އަހަރެން އަބަދުވެސް ދެފުށް ފެންނާނެ..."އޭނަ އިތުރަށް އާރިކް އިމްޕްރެސްކުރާހިތްވިއެވެ."އަހަރެން ދުޢާއެއް ދަސްކޮށްފިން..ސަބަބަކީ ހަމަ ކޮންމެކަމެއްގައި ދުއާކުރަން އާރިކްބުނީމަ....بِسْمِ اللَّهِ الرَّحْمَنِ الرَّحِيم ..ޔާ ﷲ....ބްލެސް ދިސް ބިރިޔާނީ އެންޑް މޭކް އިޓް ސްޕައިސީ..." "ތިއީ އަސްލު ދުޢާކުރާ ގޮތެއްނޫން...އެކަމަކު މަޖަލަކަށް ހަދައިގެން ނޫނީ މީހަކު ބުނީތީ ގޮތްދައްކަން ކުރާކަމެއްނޫން.. އަހަރެމެން ކޮންމެ ކަމެއްގައި އެދެންޖެހެނީ ހެއްދެވި ފަރާތަށް...އެފަރާތުގެ މަތިވެރިކަން ހިތަށް ގެނެސްގެން...ކާއިނާތު ހައްދަވާފައިވާގޮތާއިމެދު ފިކުރުހިންގައިލީމަ ވިސްނޭމީހަކަށް އެނގޭނެ. އަމިއްލަ ނަފުސައިމެދުވެސް ވިސްނައިލާ...އެހެންވެ އިލްމު އުނގެނެން އޮންނަނީ. ތަންދޮރުއޮޅުން ފިލާވަރަކަށް ވިސްނޭނެ.............."އާރިކް ވިސްނާދިނެވެ. "ކޮންމެ ކަމަކަށް ދުޢާކުރަން އޮވެއެއްނު......އެހެންވީމަ މިހެން ދުއާކުރީ..ޖޯކަކަށް ނޫން...ސީރިޔަސްކޮށް......" "ޔޫ ނޯ އަލާނާ....އަހަރެން ތިކުރާ ބުރަ މަސައްކަތަށް އެޑްމަޔާކުރަން..އެހެން މީހަކަށް ވެ ޕްރިޓެންޑް ކުރާކަށް ނޫޅޭ...ހަމަ އެކަނި...މަސައްކަތްކުރަނީ...އެއީ ހަމަ ވަރަށް ބެސްޓްކަމެއް..ދުޢާކުރަންވީ ކޮންމެ ކަމެއްގައި....." އޭނަ ބުނެލިއެވެ. "ވެއިޓް....ތިބުނަނީ އަހަރެން ރޫހާނީގޮތުން ކިއުޓްއޭ؟" "އެކަހަލަގޮތަކަށް.."އޭނަ ހީލިއެވެ. "ގުޑް..ސަބަބަކީ އަންނަ ހަފްތާގައި މިއުޅެނީ ބަގަރާ ސޫރަތްފަށަން....އަހަރެން ތިން ހައިލައިޓާސްވެގެން ގަނެފިން....." "އަލްހަމްދުލިﷲ...."އޭނައަށް ބުނެވުނެވެ. *** އަލާނާގެ ކޮޓަރީގައި ހުރި އެލާމް ގަޑި ވަގުތު ޖެހުމާއެކު އަޑުގަދަކުރިއެވެ. އަލާނާ އަތްދަމާފައި ބޮނޑިއެއް އެޅިއެވެ. "ދަރިޔާ ހެޔޮނުވާނެ ހުއްޓާލާ....އަޑު އެބައިވޭ..." "އިރު ނާރާނީސް އަހަންނަށް ތެދުވެވުނީ ކިހިނެއްތަ؟" އަޖޫޒެއްހެން ގުދުވެގެން އޮވެ ހިނގަމުން ގޮސް އޭނަ ފްރިޖް ހުޅުވައިލިއެވެ."އޯކޭ ޑޮކްޓަރ އަލާނާ. ކަންނެތްކަން ފިލުވައިލާ.....އެންމެ ފަހު ކެއުންކަމަށް ހީކޮށްފައި އަވަހަށް ކާންފަށާ....އެންމެ ފަނަރަމިނިޓް..މިވަރަށް ކާއިރުވެސް އެންމެ ތަންކޮޅެއްވެސް ފަލަނުވޭ.....މިއީވެސް އަޖައިބެއް...." އޭނަ އަވަސްއަވަހަށް ކަދުރުކޮޅަކާއި ޓޯސްޓަކާއިއެކު ފެނުކައްކާފައި އޮތް ބިހެއް އަދި ޕީނަޓް ސަމުސަލަކުން ނާސްތާ ކުރަންފެށިއެވެ. "ބެލެންސްޑް ޑައިޓް..ޕްރޮޓިން ޕެކްޑް އެންޑް ޕްރޮފެޓިކް...މިވަރުން ވާނެ." ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ