އުތުރަށް ކަނޑުގަދަވެ، ރީނދޫ ސަމާލު ނެރެފި

އުތުރުގެ އަތޮޅުތަކަށް ކަނޑުގަދަވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފިއެވެ. މެޓް އޮފީހުން މިއަދު ބ. އަތޮޅުން ފެށިގެން އެންމެ އުތުރަށް ރީނދޫ ސަމާލު ނެރެފައިވަނީ 14:00އިން 18:00އަށެވެ. އެ އޮފީހުން ވަނީ އެ ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ. https://x.com/MetMaldives/status/1980918408532390064 މެޓް އޮފީހުން ވަނީ ކުރިއަށް އޮތް 24 ގަޑިއިރު މާލެ ސަރަހައްދަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ. އެހެންނަމަވެސް ދެކުނަށް މޫސުން ރަނގަޅުވާނެ ކަމަށް އެ އޮފީހުން ލަފާކޮށްފައިވެއެވެ. މިދިޔަ އާދިއްތަ ދުވަހު މެޓް އޮފީހުން ވަނީ މި ހަފުތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި, އަލިވާން ފަށާނީ އަންނަ ހުކުރު ދުވަހުގެ ފަހުން ކަމަށް ލަފާކޮށްފައެވެ. ފާހަގަކުރެވޭ ގޮތުގައި، މޫސުން ގޯސްވެ، މިދިޔަ ހަފުތާގައި ވަނީ ކަނޑުމަތީގެ ދެ ހާދިސާއެއް ހިނގާފައެވެ. އެގޮތުން މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ކޮޅުވެއްޓިއެއް ބަންޑުންޖަހާލުމުގެ ސަބަބުން ދިވެއްސަކާއި ދެ ބިދޭސީން މަރުވެފައިވެއެވެ. އެއަށްފަހު، ބުރާސްފަތި ދުވަހު ބޯޓެއް ދިޔަވެ، އަޑިއަށް ގޮސްފައިވެއެވެ. އެ ބޯޓުގައި ތިބި މީހުން، އެމްއެންޑީއެފުން ވަނީ ސަލާމަތްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ