ދެމެހެއްޓެނިވި ގޮތެއްގައި ނުކުރެވޭނެ ގޮތަކަށް ހަމައެކަނި ނަމެއްގައި ކަމެއް ފަށަން ބޭނުންފުޅު ނޫންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ރ. ދުވާފަރުގައި ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މަސްވެރިންގެ ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ މެނިފެސްޓޯގައި ބަޔާންކޮށްފައި ހުރި ބައެއް ކަންކަމަކީ ފުރަތަމަ ދުވަހުން ފެށިގެން އެކަމަށް މަސައްކަތްކުރާ ކަންތައްތައް ކަމަށެވެ. އަދި ބައެއް ކަންކަމަކީ ރާއްޖޭގެ އިޤްތިޞާދު އެކަމަކަށް ފައްކާވުމުން ކުރެވެންހުރި ކަންތައްތައް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ބޭރުގެ ބައެއް ލޯނުތަކާ ގުޅިފައި ހުރި މަޝްރޫޢުތައް ވެސް ހުރި ކަމަށާއި، ކޫއްޑޫގައި ކުރާ މަސައްކަތާއި، އެހެން ބައެއް ތަންތަނުގައި ފެށިފައި ހުރި ނުވަތަ ފަށަންހުރި މަސައްކަތްތައް ހިމެނޭހެން، ބޭރުގެ އެކިއެކި ފައިނޭންސްތަކާއި، ފައިނޭންޝަލް އެސިސްޓެންސްތަކާ ގުޅިފައި ހުރި ކަންކަން ފުރިހަމަކުރުމަށް ވަރަށް ގިނަ ދުވަސްތަކެއް ނަގާފައިވާ ކަމަށެވެ. މިއީ ސަރުކާރުން ވަކި ކަމެއް ގޯސްކޮށް ކޮށްގެން ނުވަތަ އަޅައިނުލައިގެން ވާ ގޮތެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެއީ ހަމަ އެ އޮންނަ ޑިއު ޕްރޮސެސްއިން ކުރިއަށްދާ ކަންކަން ކަމަށާއި، އެފަރާތްތަކުން 'ސްޓެޕް ބައި ސްޓެޕް' ކުރިއަށް ގެންދިޔުމުން ނިމޭ ކަންތައްތައް ކަމަށް ރައީސް ވިދާޅުވިއެވެ.
މިގޮތުން ބައެއް އައިސް ޕްލާންޓްތަކާއި، ބައެއް ފެކްޓްރީތަކާއި، އެހެނިހެން ބައެއް ކަންކަން ފެށުމުގައި ލަސްތަކެއް އައި ނަމަވެސް، މިހާރު ހުރިހާ ކަމެއްހެން އެ މަރުޙަލާތައް ނިމި ޢަމަލީ މަރުޙަލާއަށް ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގިނަ މަޝްރޫޢުތައް މިހާރު ވަނީ ޢަމަލީ މަސައްކަތަށް މޮބިލައިޒްކުރެވި، މަސައްކަތް ފަށައިގަތުމާ ހިސާބަށް ގޮސްފައިކަން ފެނިވަޑައިގަންނަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ބައެއް ކަންކަމަކީ ސަރުކާރުން ވެސް ވަރަށް ގިނަ ޚަރަދުތަކެއް ކޮށްގެން ކުރިއަށް ގެންދާ ކަންކަން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، އެކި ކަންކަމަށް އެކި ދުވަސް ނަގަނީ މި ސަބަބަށްޓަކައި ކަމަށެވެ. އެއީ އެއްގޮތަކަށް ވެސް މަސްވެރިކަމުގެ މި އިންޑަސްޓްރީއަށް ފަރުވާކުޑަކޮށްގެން ނުވަތަ އަޅައިނުލައިގެން ވާ ކަމެއް ނޫން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ބައެއް ކަންކަމުގައި ގިނަ ވަގުތު ނަގަނީ އެކަމުގައި އިޤްތިޞާދީ ގޮތުން ކުރިއަށް ގެންދަންހުރި ކަންކަމާއި، އިޤްތިޞާދު ކުރިއަރައިގެންދާ ގޮތަށް ވިސްނައިގެން ކުރަންޖެހޭ ކަންކަން ކަމަށްވުމުން ކަމަށް ރައީސް ވިދާޅުވިއެވެ.
ޖުމްލަކޮށް މަސްވެރިކަމުގެ އިންޑަސްޓްރީގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ވެސް ފާހަގަކުރާ ކަންކަމަށް ވަރަށް ސަމާލުކަންދީގެން އީޖާބީ ގޮތެއްގައި ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، ކުރިއަށް އޮތްތާ ވެސް އެގޮތުގައި ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އުފާވެރި ޚަބަރުތަކަކީ އެކަމެއް އިޚްލާޞްތެރިކަމާއެކީގައި ފުރިހަމަކުރުމާއެކީގައި ލިބިގެންދާނެ ކަންކަން ކަމަށާއި، ހަމައެކަނި ނަމެއްގައި އިޢުލާނުކޮށްލާކަށް، ނުވަތަ ފަށާކަށް، އެކަމެއް ދެމެހެއްޓެނިވި ގޮތެއްގައި ނުކުރެވޭނެ ގޮތަކަށް ރައީސް ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވިއެވެ. ރައީސްގެ ބޭނުންފުޅަކީ ޙަޤީޤީ މާނައިގައި މަސްވެރިކަމުގެ އިންޑަސްޓްރީއަށް ކުރިއެރުން ލިބިގެންދިޔުން ކަމަށް ވެސް އެމަނިކުފާނު ވަނީ އިތުރަށް ވިދާޅުވެފައެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
ދެމެހެއްޓެނިވި ގޮތެއްގައި ނުކުރެވޭނެ ގޮތަކަށް ނަމެއްގައި ކަމެއް ފަށަން ބޭނުމެއްނޫން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ