މުދަލު ޒަކާތާއި ފިތުރު ޒަކާތް ދެއްކުން ލާޒިމުކުރާ ބިލު ތަސްދީގުކޮށްފި މުދަލު ޒަކާތާއި ފިތުރު ޒަކާތް ދެއްކުން ލާޒިމުކުރާ ބިލު ތަސްދީގުކޮށްފި

މުދަލު ޒަކާތާއި ފިތުރު ޒަކާތް ދެއްކުން ލާޒިމުވާ މީހުންގެ ޝަރުތުތައް ބަޔާންކޮށް، އެ މީހުންގެ މައްޗަށް ޒަކާތް ދެއްކުން ލާޒިމު ކުރާ ޒަކާތު ގާނޫނުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.
ފިތުރު ޒަކާތާއި މުދަލު ޒަކާތް ދައްކަންޖެހޭ މީހުންނާއި އެ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ އިތުރުން އެ ޒަކާތުގެ ބެހެނިވެރިން ވެސް އެ ބިލުގައި ތަފުސީލުކޮށް ވަކިވަކީން ލިޔެފައިވެ އެވެ.
އެ ބިލުގައި ވާގޮތުން ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އާއި މުދާ ބެހުން ހިމެނޭހެން ޒަކާތާބެހޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ އިސްލާމިކް މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.
ރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމުގައި އިސްލާމިކް މިނިސްޓަރަށާއި ޒަކާތު ހައުސްއަށް ލަފާ ދިނުމާއި އެ ނިޒާމު ހިނގާ ގޮތް ބެލެހެއްޓުމަށްޓަކައި ޒަކާތު ކައުންސިލުގެ ނަމުގައި ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެއް އުފައްދަން އެ ބިލުގައި ހިމަނާފައިވެ އެވެ.
އެ ކައުންސިލުގައި ހިމެނެނީ:
އެ ބިލު ގާނޫނަކަށްވުމާއެކު އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އައި މޯލްޑިވްސް ޒަކާތު ހައުސް، އެ މިނިސްޓްރީގެ ދަށުން ވީއްލި ސަރުކާރުގެ ވަކި އިދާރާއަކަށް މިއަދުން ފެށިގެން ބަދަލުވާނެ އެވެ.
އަދި، މާލިއްޔަތު ގާނޫނުގެ ދަށުން ހަދައި އިސްލާމިކް މިނިސްޓްރީން ބަލަހައްޓަމުން އައި ޒަކާތު ފަންޑު ވެސް ޒަކާތު ހައުސްގެ ދަށަށް މިއަދުން ފެށިގެން ބަދަލު ވާނެ އެވެ. އެ ބަދަލާއެކު ޒަކާތު ފަންޑުގައި ހުންނަ ފައިސާ އިންވެސްޓު ކުރުމުގެ އިހުތިޔާރު ވެސް މޯލްޑިވްސް ޒަކާތު ހައުސްއަށް ލިބޭނެ އެވެ.
އެ ބިލުގައި ވާގޮތުން ޒަކާތު ހައުސްއާ މަތިކޮށްފައިވާ ބައެއް ޒިންމާތަކާއި މަސްއޫލިއްޔަތުތައް ލޯކަލް ކައުންސިލްތަކާ ހަވާލު ކުރެވޭނެ އެވެ.
އެގޮތުން ކައުންސިލްތަކުގެ އިހުތިސާސް ހިނގާ ދާއިރާތަކުގައި ޒަކާތް ނެގުމާއި ޒަކާތް ބެހުމުގައި ޒަކާތު ހައުސްއަށް އެހީތެރިވުމާއި ޒަކާތު ހައުސްއިން ހަދާ ގަވާއިދުތައް ލާމަރުކަޒީ އުސޫލުން ތަންފީޒު ކުރުމުގައި ކައުންސިލްތަކުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށް އެ ބިލުގައި ލިޔެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ