1 ކޮޓަރީގެ ފްލެޓް ދޫކޮށްލާ ގޮތަށް އަލުން ފްލެޓަށް ލެވޭ ގޮތް ހަދަން ވިސްނާނަން: ރައީސް

މީގެ ކުރިން އެއް ކޮޓަރީގެ ފްލެޓު ލިބިފައިވާ މީހުންނަށް، އެ ފްލެޓު ދޫކޮށްލާ ގޮތަށް އެހެން މަޝްރޫއަކުން ފްލެޓަށް ހުށަހެޅޭ ގޮތް ހަދަން ވިސްނާނެ ކަމަށާއި އެކަމަށް ރަނގަޅު ހައްލެއް ގެނެސްދޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިިހިނެއް؟ - ރައީސް މިހެން ވިދާޅުވީ، މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ތާޖުއްދީން ސްކޫލްގައި މިރޭ ބޭއްވި ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ބައެއް މީހުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
މިރޭގެ ބައްދަލުވުމުގައި ބައެއް މީހުން ވަނީ، މީގެ ކުރިން ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން އެއް ކޮޓަރީގެ ފްލެޓެއް ލިބިފައިވާތީ އަލަށް ހުޅުވާލާ އެއްވެސް މަޝްރޫއަކަށް ކުރިމަތިނުލެވޭ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އޭގެ ތެރެއިން އެކަކު ބުނީ، އޭނާ ކުރިން އެއް ކޮޓަރީގެ ފްލެޓަކަށްލީ އެ ނޫން އެއްވެސް ގޮތެއް ނެތިގެން ކަމަށާއި މިހާރު 10 އަހަރުގެ ފިރިހެން ކުއްޖަކާއި މަންމައަކު ބަލަމުންދާ އެކަނިވެރި މަޔަކަށްވާތީ އެއަށް ވުރެ ބޮޑު ތަނެއް ދިރިއުޅުމަށް ބޭނުންވާ ކަމަށެވެ.
އެކަަމަކު މި ސަރުކާރުން އާންމުކޮށްފައިވާ އުސޫލުން ވެސް ފްލެޓެއް އޮތުމުން، ދެ ކޮޓަރި ނުވަތަ ތިން ކޮޓަރީގެ ފްލެޓަކަށް ކުރިމަތިލުމުގެ ހައްގު އުނިވާ ކަމަށް އޭނާ ބުންޏެވެ.
"ލިބިފައިވާ ތަން ކުރިން ވެސް ބޭފުޅަކު ބުނިހެން ދޫކޮށްލާ ގޮތަށް ނަމަވެސް، ފްލެޓާއި ބިމަށް ކުރިމަތިލެވޭނެ ގޮތް ހައްދަވައިދެއްވާ. އެއީ ބިމާ ބެހޭ ގާނޫނުން ވެސް ކުޑަ ތަނެއް ދޫކޮށްލަން ޝަރުތުކުރާކަށް ހުރަސް ނާޅާ ކަމަށް ބަޔާންކޮށްފައިވޭ،" އޭނާ ބުންޏެވެ.
ބުނީ ކީކޭ؟ - އެކަމާ ބެހޭ ގޮތުން ރައީސް ވިދާޅުވީ، އެކަމަކީ މީގެ ކުރިން ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުންތަކުގައި ވެސް ފާހަގަކޮށްފައިވާ ކަމެއް ކަމަށާއި އެކަމަށް "ސިރީއަސްކޮށް" ވިސްނަމުން ގެންދަވާ ކަމަށެވެ.
ރައީސް ވިދާޅުވީ:
އެއް ކޮޓަރީގެ ފްލެޓު ދޫކޮށްލާފައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން އަލުން ފްލެޓަށް ހުށަހެޅޭނެ ގޮތް ހެދުމަށް، އީޖާބީ ގޮތެއްގައި ރަނގަޅު ހައްލެއް ގެނެސްދޭން ސަރުކާރުގެ ތެރެއިން މިހާރު އެކަން އަންނަނީ ބަލަމުން
ކުރިއަށް އޮތް ދުވަސްތަކުގައި އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމާފައި ރައްޔިތުންނަށް ހާމަކޮށްދެއްވާނަން
"އެ ކަންތައް ވެސް އަޅުގަނޑު ބޭނުން. އަޅުގަނޑަށް އެނގޭ އެކަމުގައި ހުރި ގޮންޖެހުންތައް. އެހެންވީމާ އެއް ކޮޓަރީގެ ފްލެޓު ދޫކޮށްލާފައި ގޯއްޗަށް ކުރިމަތިލުން އެކަމަށް ހަމަ ރަނގަޅު ހައްލެއް ގެނެސްދޭނަން،" ރައީސް ވިދާޅުވި އެވެ.
ރޭގެ ބައްދަލުވުމުގައި ވެސް ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ގިނަ ކަންބޮޑުވުންތަކެއް އާންމުން ފާޅުކުރި އެވެ. އެ ހުރިހާ ކަންބޮޑުވުންތަކަށް ޖުމްލަ ގޮތެއްގައި ރައީސް ރޭ ވެސް ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން މާާލޭގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ހައްލުކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ