'ސްޕިރިޓް'އަށް ފަހު 'ކަލްކީ'އިން ވެސް ދީޕިކާ ވަކިވެއްޖެ
މިދިޔަ އަހަރު ރިލީޒްކޮށް ބޮކްސް އޮފީހުގައި ވެސް ބޮޑު ކާމިޔާބީއެއް ހޯދި އިންޑިއާގެ ހުރާފީ ސައިންސް ފިކްޝަން ފިލްމު "ކަލްކީ: 2898 އޭޑީ"ގެ ދެވަނަ ފިލްމުން ބަތަލާ ދީޕިކާ ޕަދުކޯން ވަކިވެއްޖެއެވެ. އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވެސް ރަސްމީކޮށް އެކަން އިއުލާނުކޮށްފައިވާއިރު ފިލްމުން ދީޕިކާ ވަކިވުމާ ގުޅިގެން ބަތަލާގެ ސަޕޯޓަރުންނަށް ވެސް ވަނީ ވަރަށް ބޮޑު މާޔޫސްކަމެއް ލިބިފައެވެ. ދީޕިކާގެ ކެރިއަރުގެ އެންމެ ވަރުގަދަ އެއް ފިލްމީ ޕްރޮޖެކްޓު ކަމަށްވާ "ކަލްކީ: 2898 އޭޑީ"އިން ބަތަލާ ވަކިވިކަން އިއުލާނުކޮށްފައިވަނީ މަޝްހޫރު ފިލްމު ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ފިލްމު "ސްޕްރިޓް"އިން ބަތަލާ ވަކިވިކަން އިއުލާނުކުރުމާ ގުޅިގެން ކުރިމަތިވި ފާޑުކިއުންތަކުގެ އަޑު މަޑުވެފައިވަނިކޮށެވެ. ދީޕިކާ އަލަށް ސޮއިކުރި ފިލްމުގެ ލީޑް އެކްޓަރު އައްލޫ އަރުޖުން އަދި ޑައިރެކްޓަރު އެޓުލީ--ފޮޓޯ/އިންޑިއާފޯރަމްސް ފިލްމު "ކަލްކީ: 2898 އޭޑީ" ގެނެސްދިން ވިޖަޔަންތީ މޫވީސްއިން ދީޕިކާ ފިލްމުން ވަކިވިކަން އިއުލާނުކޮށް ނެރުނު އެކްސް މެސެޖުގައި ބުނެފައިވަނީ، ވަރަށް ދިގު ރާސްތާއެއް ކަޑައްތުކުރުމަށް ފަހު ފުރަތަމަ ފިލްމުގައި އެ ޓީމާ އެކު މަސައްކަތްކުރި ބަތަލާ ދީޕިކާ ފިލްމު "ކަލްކީ: 2898 އޭޑީ"ގެ ދެވަނަ ބައިން ނުފެންނާނެ ކަމަށެވެ. އެއީ, ވަރަށް ފުންކޮށް ވިސްނުމަށް ފަހު ނިންމި ނިންމުމެއް ކަމަށާއި "ކަލްކީ: 2898 އޭޑީ" ކަހަލަ ފިލްމަކަށް 'ކޮމިޓްމަންޓް'އަށް ވުރެ ބޮޑަށް ބޭނުންވާ މުހިންމު ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ. ދީޕިކާ ފިލްމުން ވަކިވި ސީދާ ސަބަބު ބަޔާންކޮށްފައި ނެތްއިރު ބައެއް މީޑިއާ ރިޕޯޓުތަކުން ބުނެފައިވަނީ ބަތަލާ ފިލްމު ދޫކޮށްލީ މައިގަނޑު ދެ ސަބަބާ ހެދި ކަމަށެވެ. އެއީ، ފިލްމުގެ ޝޫޓިން ކުރިއަށްދާ ދުވަސް ދުވަހު ދުވާލަކު ހަތް ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ނުކުރުމާއި ފިލްމުގެ ފުރަތަމަ ބައިން އާމްދަނީގެ ގޮތުގައި ލިބުނު އަދަދަށްވުރެ 25 އިންސައްތަ ބޮޑުކޮށް "ކަލްކީ: 2898 އޭޑީ"އިން ދޭން ޑިމާންޑުކުރުމެވެ. މަސައްކަތުގެ ވަގުތުކުޑަކޮށް ފިލްމަށް ބޮޑު އަގެއް ހުށަހެޅުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ބަތަލާއަށް އަންނަނީ އަމާޒުވަމުންނެވެ. ފިލްމު "ކަލްކީ: 2898 އޭޑީ"އަކީ އެ ފިލްމުގެ ގޮތުން ގިނަ ވަގުތު ޝޫޓިންގައި އުޅެންޖެހޭ ފިލްމަކަށް ވާތީ ވިޖަޔަންތީ މޫވީސްއިން ބަތަލާއަށް ލަގްޒަރީ ވެނިޓީ ވޭންއެއް ހަމަޖައްސަން ހުށަހެޅި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ފިލްމުގެ ލީޑް އެކްޓަރު ޕްރަބާސްއަށް ވުރެ ބޮޑު އަގެއް ދީޕިކާ ޑިމާންޑުކުރުމާ ގުޅިގެން ދެ ފަރާތުން މަޝްވަރާ ކުރެވުނު ނަމަވެސް ބަތަލާ ފިލްމުން ވަކިވާން ޖެހުނީ ހުށަހެޅި ޑިމާންޑުތަކަށް އެއްބަސްވުމަކަށް ނާދެވުމުންނެވެ. ދީޕިކާގެ ކުރިއަށްހުރި ފިލްމީ ޕްރޮޖެކްޓްތަކުގެ ތެރޭ އެކްޓަރު ޝާހްރުކް ޚާންގެ ބޮޑު ބަޖެޓު ފިލްމު "ކިންގް" އަދި ތަމަޅަ ޑައިރެކްޓަރު އެޓުލީ އުފައްދާ ސައިންސް ފިކްޝަން ފިލްމު ހިމެނެއެވެ. މިހާރު އަހަރެއްވީ އަންހެން ކުއްޖަކު އޮތް ދީޕިކާ ވަނީ ދަރިފުޅު ލިބުނު ފަހުން ފިލްމީ މަސައްކަތްތަކަށް ވަގުތު ދިނުމުގައި ވަކި މިންގަނޑެއް ހަމަޖައްސައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތް ކުރުމަށް ނިންމާފައެވެ. ބަތަލާގެ މި ނިންމުމަށް ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން މައިންނަށް ވެފައިވާ ގިނަ ފިލްމީ ތަރިން އަންނަނީ ތާއީދުކޮށް ވާހަކަދައްކަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ