އަންނަ އަހަރު އިންޑިއާއިން އޮސްކާ އެވޯޑަށް ފޮނުވާ ފިލްމަކީ 'ހޯމްބައުންޑް'

އަންނަ އަހަރު ބާއްވާ 99 ވަނަ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު އިންޓަނޭޝަނަލް ފީޗާ ފިލްމު ކެޓަގަރީއަށް އިންޑިއާއިން ފޮނުވާ ފިލްމަކީ މި އަންނަ ހުކުރު ދުވަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކުރި ފިލްމު "ހޯމްބައުންޑް" ކަމަށް ނިންމައިފިއެވެ. އެކަން ފިލްމު ފެޑަރޭޝަން އޮފް އިންޑިއާ (އެފްއެފްއައި)އިން އިއުލާނުކުރުމާ އެކު "ހޯމްބައުންޑް" އުފެއްދި ދަރުމާ ޕްރޮޑަކްޝަންސް އަށާއި ފިލްމުގައި ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ކަރަން ޖޯހަރަށް ގިނަ ބަޔަކު ވަނީ މަރުހަބާ ކިޔާފައެވެ. އަންނަ އަހަރުގެ އޮސްކާ އެވޯޑަށް ފޮނުވާ ފިލްމަކަށް "ހޯމްބައުންޑު" ހޮވުނުކަން އިއުލާނު ކުރަމުން ކަރަން ސޯޝަލް މީޑިއާގައި ބުނެފައި ވަނީ ފިލްމުގެ ޑައިރެކްޓަރު ނީރަޖު ގައިވާންގެ ފިލްމަށް ހަގީގަތުގައި ވެސް ދުނިޔޭގެ އެތައް މިލިއަން ބައެއްގެ ލޯބި އޮއްސާލަފައިވާ ކަމަށެވެ. ފިލްމު "ހޯމްބައުންޑު"ގެ ކާސްޓުން ފިލްމުގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރާ އެކު މި އަހަރުގެ ކާންސް ފެސްޓިވަލްގައި--ފޮޓޯ/އިންޑިއާފޯރަމް މި ޚަބަރާ ގުޅިގެން ޑައިރެކްޓަރު ނީރަޖު ބުނެފައި ވަނީ އޭނާ ވަރަށް ލޯބިން އުފެއްދި ފިލްމަކަށް އޮސްކާގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. ފިލްމު "ހޯމްބައުންޑް"އަކީ ނީރަޖްއެކޭ އެއްފަދައިން އިންޑިއާއަށް ނިސްބަތްވާ އެތައް ބައެއްގެ ވާހަކަތައް ކިޔައިދޭ ފިލްމެއް ކަމަށާއި ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ މަގުބޫލު ސްޓޭޖަކުން އެ ފިލްމަށް ސަމާލުކަން ލިބުމަކީ ބަޔާން ކުރަން ވެސް ދަތި އުފަލެއް ލިބޭ ކަމެއް ކަމަށް ނީރަޖް ވަނީ ބުނެފައެވެ. ލީޑް ރޯލްއިން އިޝާން ހައްތަރު، ވިޝާލް ޖެތުވާ އަދި ޖާންވީ ކަޕޫރު ފެންނާނެ "ހޯމްބައުންޑް" އަކީ ކަޝްމީރަށް ނިސްބަތްވާ ނޫސްވެރިޔާ/ލިޔުންތެރިޔާ ބަޝާރަތު ޕީރް ލިޔުނު "އަ ފްރެންޑްޝިޕް، އަ ޕެންޑެމިކް އެންޑް އަ ޑެތު ބިސައިޑްސް އަ ހައިވޭ"އަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ