ޕުޓިން، މޯދީ އަދި ޝީގެ ތާރީހީ ބައްދަލުވުމަކީ އެމެރިކާއަށް ސީދާ ޗެލެންޖެއް ޕުޓިން، މޯދީ އަދި ޝީގެ ތާރީހީ ބައްދަލުވުމަކީ އެމެރިކާއަށް ސީދާ ޗެލެންޖެއް

ޓިއަންޖިން، ޗައިނާ (ސެޕްޓެމްބަރު 1) - ދުނިޔޭގައި މިވަގުތު އަމަލުކުރަމުން އަންނަ ސަލާމަތީ އިގުތިސޯދީ ހަމަތަކުގެ އައު ތަސައްވުރެއް ހާމަކުރައްވައި އެމެރިކާގެ އޮތް ބާރަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ޗެލެންޖު ކުރައްވައިފި އެވެ.
އެމެރިކާގެ ރައީސް ކަމާ ދެވަނަ ފަހަރަށް ޑޮނާލްޑް ޓްރަމްޕް ހަވާލުވެވަޑައިގަތުމަށް ފަހު ގައުމުތަކާ އޮތް ގުޅުންތައް ހީނަރުވެ ދުނިޔޭގެ ކަންކަން ނިންމުމުގައި އެމެރިކާއަށް އޮތް ބާރު އަންނަނީ ފޭދެމުންނެވެ. ބާރު ބޭނުން ގައުމުތަކުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވުމާ ދެކޮޅަށް ތެދުވާން ޖެހޭ ކަމަށް ޓިއަންޖިންގައި ވާހަކަ ދައްކަވަމުން ޝީ ވިދާޅުވި އެވެ.
ޝަންޙާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ގެ ސަމިޓަށް ދުނިޔޭގެ 20 ގައުމެއްގެ ވެރިން ތިބީ ޓިއަންޖިންގައި ޝީގެ މެހެމާންދާރީކަމުގަ އެވެ. އެގޮތުން، ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ހުންނެވީ ޓިއަންޖިންގަ އެވެ.
ސަމިޓު ހުޅުވި ވަގުތުގައި ޝީ އާއެކު މޯދީ އާއި ޕުޓިން ތިއްބެވި ފޮޓޯއެއް އެ ތިން ވެރިންގެ ސަރުކާރުތަކުން ވެސް އަންނަނީ ދައުރު ކުރަމުންނެވެ. ތަރުޖަމާނުން ވަށައިގެން ތިބިއިރު ތިން ލީޑަރުން ވެސް ތިއްބެވީ ވަރަށް ހިނިތުންވެފަ އެވެ.
ސަމިޓަށްފަހު މޯދީ އާއި ޕުޓިންއާ ދެ ބޭފުޅުން ކާރުގައި ވަޑައިގެންނެވީ އެކުގަ އެވެ. ޕުޓިން އާއެކު ދެކެވޭ ވާހަކަތަކަކީ އަބަދުވެސް ބިނާކުރަނިވި ވާހަކަތަކެއް ކަމަށް މޯދީ އެކްސްގައި ލިޔުއްވި އެވެ.
އެންމެ ގިނައިން ރަޝިއާއިން ތެޔޮ ގަންނަ ދެ ގައުމަކީ ޗައިނާ އާއި އިންޑިއާ އެވެ. އެއީ އިންޑިއާ އާ ދެކޮޅަށް ޓްރަމްޕް ދަތިކުރުމުގެ ފިޔަވަޅު އެޅި މައިގަނޑު ސަބަބެވެ.
"މި ސަމިޓުގެ ސަބަބުން ޔޫރޭޝިއާގައި ހަމަޖެހުމާއި ރައްކާތެރިކަމުގެ އާ ނިޒާމެއް ގާއިމުކުރުމުގެ ސިޔާސީ އަދި އިޖުތިމާއީ އަދި އިގުތިސާދީ ބިންގާ ގާއިމުވެގެންދާނެ،" ޕުޓިން ވިދާޅުވި އެވެ.
އެސްސީއޯގެ ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމަށް ވެސް ޝީ ހުށަހެޅުއްވި އެވެ. މި އަހަރުގެ ތެރޭގައި އެ ޖަމާއަތުގެ މެންބަރުންނަށް 280 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެއް ބިލިއަން ޑޮލަރުގެ ލޯނު އެހީ ޗައިނާއިން ދޭން ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ