ގދ. އަތޮޅުގެ އިތުރު ސްކޫލްތަކަކަށް މިނިސްޓަރު ޒިޔާރަތް ކުރައްވައިފި

އަތޮޅުތަކުގެ ސްކޫލްތަކުގެ ހާލަތު ބައްލަވައިލެއްވުމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ކުރައްވާ ދަތުރުފުޅުގައި މިދިޔަ ބުދަ ދުވަހު ގދ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އިއްޔެ އިތުރު ފަސް ސްކޫލަކަށް ޒިޔާރަތް ކުރައްވައިފި އެވެ.
އިއްޔެ އެކަމަނާ ވަނީ ތިނަދޫގައ ހުންނަ އަތޮޅު ތައުލީމީ މަރުކަޒަށާއި އަބޫބަކުރު ސްކޫލާއި، މަޑަވެލި ސްކޫލާއި، ހޯޑެްދޫ ސްކޫލަށް އަދި ނަޑެއްލާ ސްކޫލަށް ޒިޔާރަތް ކުރައްވާފަ އެވެ. މިނިސްޓަރު ވަނީ އެސްކޫލްތަކުގެ ސީނިއާ މެނޭޖްމެންޓާއި ޓީޗަރުންނާއި، ސްކޫލް ބޯޑާއި، ޕީޓީއޭ ހިންގާ ކޮމެޓީ އަދި ކައުންސިލާ ބައްދަލުކުރައްވާފަ އެވެ.
މިދަތުރުފުޅުގައި މިއަދު މިނިސްޓަރު ފިޔޯރީ ސްކޫލަށާއި، ރަތަފަންދޫ ސްކޫލަށާއި ވާދޫ ޖަމާލުއްދީން މަދަރުސާ އަށް އަދި މާދަމާ ދުވަހު ގައްދޫ ގައި ހުންނަ ގދ. އަތޮޅު މަދަރުސާ އަށާއި، ފަރެސް މާތޮޑާގައި ހުންނަ ހުވަދޫ ސްކޫލަށް މިނިސްޓަރު ޒިޔާރަތްކުރައްވާނެ އެވެ.
މިބައްދަލުވުންތަކުގައި ސްކޫލްތަކުގެ ކިޔެވުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދަރިވަރުން ހުނަރުވެރި ކުރުވައި މުޖުތަމައުއަށް ފައިދާހުރި ބަޔަކަށް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ހިއްސާ ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ސަރުކާރުގެ ތައުލީމީ ސިޔާސަތުތަކާއި ބެހޭގޮތުންވެސް މައުލޫމާތު ހިއްސާކުރައްވާފައިވެ އެވެ.
އަދި ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ދަށުން އެއްވެސް ކުއްޖަކު ބާކީނުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރައްވަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު އެފަރާތްތަކާއި ހިއްސާކުރެއްވި އެވެ.
މިނިސްޓްރީ އާއި އެމްއެންޑީއެފް ގުޅިގެން ސްކޫލްތަކުގައި ކުރިއަށްގެންދާ ތަރުބަވީ ޖީލު ބިނާކުރުމުގެ ޕްރޮގްރާމުގައި ރޭ ވަނީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފަ އެވެ.
ދަސްވާރު ޕްރޮގްރާމާއި، ބީޓެކް ސްޓްރީމާއި ބެހޭ ގޮތުން ސުކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ފޯރުކޮށްދީފައިވާ އިރު، މިނިސްޓްރީގެ ޑިޕާޓްމަންޓްތަކުން ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ސުކޫލްތަކުގައި އެ މަސައްކަތްތަކާއި ހަވާލުވެ ތިބި މުއައްޒިފުންނަށް ދަނީ ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ