މި ފަހަރު 4،000 އަށްވުރެ ގިނަ ދިވެހީން އުމްރާއަށް ދިޔަ
މިފަހަރު 4،000 އަށް ވުރެ ގިނަ ދިވެހީން އުމްރާގެ އަޅުކަން އަދާކުރުމަށް ދިޔަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި ދުވަސްކޮޅު އެކި އެކި ޖަމާއަތްތަކުގައި އުމްރާއަށް ގޮސްފައިވާ ދިވެހިންގެ އަދަދު 4،000 އަށްވުރެ ގިނަ ކަމަށެވެ. އަދި އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ޝަހީމް ވިދާޅުވިއެވެ. މި އަހަރުގެ ސްކޫލު ފުރަތަމަ ޗުއްޓީ އާއި ދިވެހިރާއްޖޭގެ މިނިވަން ދުވަސް ކަމަށްވާ ޖުލައި 26 ގެ ބަންދާ ދިމާކޮށް، ގިނަ އަދަދެއްގެ ދިވެހީން އުމްރާގެ އަޅުކަމަށް ސައޫދީ އަރަބިއްޔާއަށް ދާން ވަނީ ފަށައިފައެވެ. މި ފަހަކަށް އައިސް ބަންދުތަކާ ދިމާކޮށާއި އަހަރުގެ އެކި ދުވަސްތަކުގައި އުމްރާގެ އަޅުކަމަށް ދިއުމަކީ ދިވެހީންގެ މެދުގައި ވަރަށް އާންމު ކަމެކެވެ. ފާއިތުވި ސްކޫލު ބަންދުގައި ވެސް 7،000 އަށް ވުރެ ގިނަ ދިވެހީން އުމްރާއަށް ގޮސްފައިވާއިރު، މިފަހަރުގެ ދިގު ބަންދުގެ ބޭނުން ހިފައިގެން އެތައް ސަތޭކަ ބަޔަކު ވަނީ މައްކާއަށް ގޮސްފައެވެ. https://sun.mv/224825 މި ބަންދުގައި ދިވެހީން އުމްރާއަށް ގޮސްފައިވަނީ އެކި ގޮތްގޮތުންނެވެ. އޭގެ ތެރޭގައި އަމިއްލަ އެކި ގުރޫޕުތަކާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ މީހުން ހިމެނެއެވެ. ގުރޫޕުތަކުން ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުން އަންނައިރު، އޭގެ ތެރޭގައި މައްކާ އާއި މަދީނާއާ ދެމެދު ހައި ސްޕީޑް ރޭލުގައި ދަތުރުކުރުމާއި، ދިވެހި ރަހަތައް ހިމެނޭ ކެއުމާއި، 24 ގަޑިއިރު ކްލިނިކްގެ ޚިދުމަތް ދިނުން ހިމެނެއެވެ. މީގެ އިތުރުން، އާއިލާތަކާއެކު ދާ ކުޑަކުދިންނަށް ޚާއްސަކޮށްގެން ދީނީ ހަވީރު ފަދަ ހަރަކާތްތައް ވެސް އެ ގުރޫޕްތަކުން އަންނަނީ ހިންގަމުންނެވެ. މީގެ އިތުރުން، މިހާރު ފެންނަމުންދާ އާ އާދައަކީ އަމިއްލައަށް ވިސާ ނަގައިގެން ވެސް ބައެއް ދިވެހީން އުމްރާއަށް ދިއުމެވެ. ސައޫދީ އަރަބިއްޔާއިން އޮންލައިންކޮށް ފަސޭހައިން ޓޫރިސްޓު ވިސާ ދޫކުރަން ފެށުމާއެކު، ގުރޫޕުތަކަށް ބަރޯސާނުވެ އަމިއްލަ އިންތިޒާމުތަކުގެ ދަށުން އާއިލާތައް އުމްރާއަށް ދިއުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިގޮތަށް ދިއުމުން ދަތުރުގެ ޚަރަދު ކުޑަވުމާއި، އަމިއްލަ އިޚުތިޔާރުގައި ދަތުރުގެ ކަންކަން ރޭވުމުގެ މިނިވަންކަން ލިބިގެންދާ ކަމަށް އަމިއްލަ ގޮތުން ދަތުރުކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. ޚާއްސަކޮށް ޒުވާނުންގެ މެދުގައި މިފަދައިން ދަތުރުކުރުން ވަނީ މަގުބޫލުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ