ބޭސްފަރުވާ ނުލިބުމުގެ ހިތި ފެނިއްޖެ، އަދީބަށް އެހެން ނަހަދާ: ގާސިމް

ބޭސްފަރުވާ އިން މަހުރޫމްވުމުގެ ހިތި ތަޖުރިބާ ކުރެވުނު ކަމަށާއި އެހެން މީހަކަށް އެހެން ވުން ނޭދޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ތިން އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ގާސިމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބޭސްފަރުވާ ލިބުން ލަސްވުމުން އެ ލިބޭ ހިތްދަތިކަން އޭނާ ތަޖުރިބާ ކުރެއްވި ކަމަށާއި އެހެން ގައިދީންނެކޭ އެއްފަދައިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށްވެސް ބޭސްފަރުވާ ކުރުމުގެ ހައްގު ދިނުން އެދޭ ކަމަށެވެ. ޖަލު ހުކުމުގައި ހުންނަވަނިކޮށް ބޭސްފަރުވާއަށް ފުރުވާލުމުން ގާސިމް މިހާރު ހުންނެވީ ޖަރުމަނުވިލާތުގަ އެވެ. އެމަނިކުފާނުގެ ސިއްހީ ހާލަތު އަދިވެސް ގޯސް ކަމަށް އެމަނިކުފާނުގެ ގާތް ބޭފުޅުން ވިދާޅުވެ އެވެ. ގާސިމްއަށް އެކަށީގެންވާ ފަރުވާ ނުލިބި ގިނަ ދުވަސްތަކެއް ފާއިތުވި ފަހުން ބޭސްފަރުވާގެ ހުއްދަ ލިބުނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެމަނިކުފާނަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވަމުން މައްސަލަ ބެއްލެވި ގާޒީ ވަނީ ބޭސްފަރުވާ ކުރުމަށް އެމަނިކުފާނު ބޭރަށް ފޮނުވުމަށް ދައުލަތަށް އަންގައިފަ އެވެ. ގާސިމްގެ އެ ތަޖުރިބާ އިން އެމަނިކުފާނު ވިދާޅުވީ، "އެއްވެސް ރައްޔިތެއްގެ ބޭސްފަރުވާއަށް ހުރަސް އެޅުމަށް ގާނޫނު އަސާސީ ހުއްދައެއް ނުކުރޭ،" ކަމަށެވެ. އަދި އަދީބަށްވެސް އެ ފުރުސަތު އިންސާފުވެރިކަމާ އެކު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ފޮނުވައިދިނުމުގެ އަމުރަކަށް އެދި އެމަނިކުފާނު ހުށަހަޅާފައިވާ މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅައިދޭން ދައުލަތުން އިއްޔެ ވަނީ ސިވިލް ކޯޓުގައި އެދިފަ އެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރިން ވިދާޅުވެފައި ވަނީ އަދީބަށް ރާއްޖެ އިން ބޭރަށް ބޭސްފަރުވާއަށް ދެވޭނީ އެމްއެމްޕީއާރްސީގެ ތެރެއިން އޭނާ ނެންގެވި ފައިސާތައް އަނބުރާ ދައުލަތަށް ދެއްކުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ