ދަބަސްތަކުގައި ރައީސް ޔާމީނަށް ފައިސާ ގެންގޮސްދިނީ އަޅުގަނޑު - ޖާބިރު

ދަބަސްތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފައިސާ ގެންގޮސްދިނީ މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުކަމަށް އޭނާ ވިދާޅުވާކަމަށް ބެލެވޭ އޯޑިޔޯ ރިކޯޑިންގ އެއް އާއްމުވެއްޖެއެވެ.
ޖާބިރާއި ރައީސް ޔާމީނާ ދެމެދު ކުރިއަށް ދިޔަކަމަށް ބެލެވޭ މި ފޯން ކޯލުގައި ޖާބިރު ވިދާޅުވެފައިވަނީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް އޭނާ ވަރަށް ބޮޑު ޤުރުބާނީއެއްވިކަމަށާއި މަނިކުފާނު ގުޅާވަރުން އޮބި ނޯންނަކަމަށެވެ. އަދި ދަބަސް ދަބަހުގައި ފައިސާ ގެންގޮސްދިނީ އޭނާކަމަށްވެސް ވިދާޅުވެއެވެ.
"މަނިކުފާނަށް ހަމަ ރަނގަޅަށް އެނގިވަޑައިގަންނަވާނެ މަނިކުފާނަށް އަޅުގަނޑު ކުރި ހޭދައާއި މަނިކުފާނު ވެރިކަމަށް ގެނައުމަށްޓަކައި އަޅުގަނޑުވީ ޤުރުބާނީ. މަނިކުފާނު ގުޅާވަރުން އަޅުގަނޑަށް އޮބި ނޯވޭ. ބާރަވަރަކަށް ދަބަސް ދަބަހަށް އަޅައިން ރުފިޔާ ގެންގޮސްދިނީ އަޅުގަނޑު." ފޯން ކޯލުގައި ވިދާޅުވެއެވެ.
ހަމައެހެންމެ، ޖާބިރަށް ނުހަނު ގެއްލުން ދީފައި، މިއަދު ރައީސް ޔާމީންވެސް ހުންނެވީ ވަރަށް ބޮޑު ވޭނެއްކަމަށްވެސް ޖާބިރުކަމަށް ބެލެވޭ މީހާގެ ފޯނު ކޯލުގައި ވިދާޅުވެއެވެ.
"އަޅުގަނޑަށްވެސް ނުހަނު ބޮޑު ގެއްލުން ދީފައި މަނިކުފާނުވެސް މިއަދު ތިހުރީ ވަރަށް ބޮޑު ވޭނާއި ކެކުޅުމުގައި. މިއަދު މަނިކުފާނު ތިޔަ ވިދާޅުވަނީ ތިމަން މަނިކުފާނުގެ އަތްޕުޅުގައި ލާރިއެއް ނެތޭ ވިދާޅުވެ ތިޔަ ވިދާޅުވަނީ ތިމަންމަނިކުފާނުގެ އަތްޕުޅުގައި 100 މިލިއަން އެބަހުއްޓޭ، ފުލުހުންނާއި ސިފައިން އެވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއް ނޫނޭ." ޖާބިރު ވިދާޅުވިއެވެ.
މީގެއިތުރުން، ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގެންނެވުމަށްފަހު، ރާއްޖޭގެ ސިޔާސީ ކަންކަމާ ދުރުވެވަޑައިގަތުމަށްވެސް ޖާބިރު ލަފާ ދެއްވައެވެ. އަދި، ޖާބިރުގެ އަތުން ނެގި ދަރަނި އަދާކުރުމަށްވެސް އޭނާ އެދިލައްވައެވެ.
"މި މީހާއާމެދު އިހުސާންތެރިކަން ކުޑަކުރުމުގެ ނަތީޖާ މިއަދު ތި އިހުސާސް ކުރެވެނީ. އަޅުގަނޑު ޤަބޫލު ކުރަން. ބާކީ އޮތް ތާނގާވެސް ރަނގަޅުވާނީ ރައްޔިތުންގެ ކިބައިން މައާފަށް އެދިފައި ރާއްޖޭގެ ސިޔާސީ ކަންކަމުން މަނިކުފާނު ދުރުވެވަޑައިގެން މަނިކުފާނުގެ އަތްޕުޅުގައި ހުރި ދިވެހި ރައްޔިތުންގެ ހަޤީޤީ ފައިސާ އަނބުރާ އިޔާދަކޮށް އަޅުގަނޑު އަތުން ނެގި ދަރަނި އިޔާދަކޮށް" ފޯނު ކޯލުގައި ވިދާޅުވެއެވެ.
ލީކުވެފައިވާ މި ފޯން ކޯލުގައި އިތުރަށް ވިދާޅުވަނީ ޖަލު ގޮޅިއަށް ވަޑައިގެންވުމަށް ޔާމީން ބޭންފުޅުވަނީ ކީއްވެގެންތޯއެވެ. އަދި، ޖާބިރުގެ ހީފުޅުކުރެއްވި ގޮތުގައި ޔާމީނަކީ ވަރަށް ސްމާޓް ބޭފުޅެއްކަމަށްވެސް ވިދާޅުވެއެވެ.
އަޅުގަނޑުގެ ރައްޓެއްސެއްގެ ހައިސިއްޔަތުން މި ދަންނަވަނީ ބާކީ އޮތްތަނުގައިވެސް ރަނގަޅު ދިރިއުޅުމެއް އުޅުމަށްޓަކައި ރައީސް ޔާމީން އެބަ ޖެހޭ ދަރަނި އަދާކުރަން. ރައީސް ޔާމީން އިންނާނީ ގޮޅީގައޭ، އެގޮޅީގައި އިންނަ ޔާމީން ބޭންފުޅުވެގެން ތިއުޅުއްވަނީ ކީއްވެގެންތޯއޭ. ރައްޔިތުންގެ ގާތުގައި ތިމަންނައަކީ ވައްކަންކޮށްފައިވާ މީހެކޭ ވިދާޅުވެއްޖެޔައިމު، ތިމަން އަތުގައި 100 މިލިޔަން ރުފިޔާ އެބަ ހުއްޓޭ ވިދާޅުވެއްޖެ. އަޅުގަނޑު އުންމީދު ކުރައްވަނީ އެއަށްވުރެ މާ ސްމާޓް މީހެއްގެ ގޮތުގައި މަނިކުފާނު އޮޕަރޭޓް ކުރައްވާނެކަމަށް." އޯޑިޔޯ އިން އިވެއެވެ.
މިއީ ޖާބިރާއި ޔާމީނާ ދެމެދު ކޮށްފައިވާ ފޯން ކޯލެއްކަމަށް ބެލެވުނުކަމުގައިވިޔަސް، ޔާމީންގެ އެއްވެސް އަޑެއް އޯޑިޔޯ އިން ނީވެއެވެ.
މީގެކުރިން ޖާބިރުވަނީ، ވަރަށް ގިނަ ފަރާތްތަކުން އޭނާގެ އަތްޕުޅުން ފައިސާ ނަންގަވާފައިވާކަމަށް ވިދާޅުވެފައެވެ. އޭގެތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްވެސް ހިމެނިވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ