އިބޫގެ ޒައާމަތުގައި ރައްޔިތުން މާޔޫސްވާނެ ކަމެއް ނުކުރައްވާނެ: ގާސިމް

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެވަޑައިގެންފައިވާ އިބްރާހީމް މުހައްމަދު ސޯލިހްގެ ޒައާމަތުގައި ދިވެހި ރައްޔިތުން މާޔޫސްވާން ޖެހޭ އެއްވެސް ކަމެއް އެމަނިކުފާނު ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހީމް މިހެން ވިދާޅުވީ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޑރ. ޖަމީލަށް މަރުހަބާ ދެންނެވުމަށްފަހު މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ގުޅިފައިވާ ކޯލިޝަންގެ ތެރޭގައި ބައިބައިވުން އުފައްދާ، ހަމަނުޖެހުން އުފައްދަން ސަރުކާރު ހިންގާ ފަރާތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެކަމަކު ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް ކޯލިޝަން އޮންނާނީ ބަދަހިކޮށް ކަމަށް ރައްޔިތުންނަށް ޔަގީންކޮށްދެއްވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި ގާނޫނު އަސާސީގެ ހަމަތަކާ އިންތަކުގައި ތިބެ، ނޮވެމްބަރު 11 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ އިބްރާހީމް މުހައްމަދު ސޯލިހް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ކަށަވަރު ދިވެހި ރައްޔިތުން ޑިސެޕޮއިންޓް ވާކަށް ނުޖެހޭނެ އެމަނިކުފާނުގެ ރިޔާސަތުގައި ހަމަކަށަވަރު. އަޅުގަނޑުމެންގެ ކޯލިޝަންވެސް ދެމިގެން ދާނެ ﷲ އިރާދަކުރެއްވިއްޔާ ހަމަ ވަރުގަދަކަމާއެކުގައި ބިޔަކަމާ އެކީގައި ހަރުދަނާ ކަމާ އެކީގައި. ރައީސް ޔާމީން ވިދާޅުވި އެއްގޮތަކަށްވެސް މި ކޯލިޝަނެއް ނޯންނާނެއޭ. މިއީ ކޮކްޓެއިލްއޭ. އެމަނިކުފާނު ދެނެވަޑައިގަންނަވާ ވަރަށް އަތްމަތީ ބަސްފުޅެއް ކަންނޭނގޭ ކޮކްޓެއިލް އަކީ. ބަލަ ކޮކްޓެއިލް ވެސް ވަރަށް މޮޅު އެއްޗަކަށް ވެސް ވެއޭ. އެހެންވީމާ އެކަން އެމަނިކުފާނަށް މިހާރުވެސް މިއޮތީ ސާބިތުވެފަ. އެމަނިކުފާނު ވިދާޅުވި އަޅުގަނޑުމެން ތަޅައިގެންފައި އެއް ކެންޑިޑޭޓަކު ނުރެވޭނެއޭ. އެނގިވަޑައިގެންފި ދެއްތޯ ކަލްކިއުލޭޝަން ހިސާބުވެސް ނުބައިކަން،" ރައީސް ޔާމީނަށް ފާޑު ވިދާޅުވަމުން އެމަނިކުފާނު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންެނެވި ނާކާމިޔާބީ ގަބޫލުފުޅުކުރެއްވުމަށްފަހު ރައީސް އަބްދުﷲ ޔާމީން މިހާރު ނާކާމިޔާބީ ގަބޫފުޅުކުރެއްވުމަށް ދެކޮޅު ހައްދަވާ ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށާއި ކުރައްވަމުން ގެންދަވާ ކަންކަމަށްވެސް ގާސިމް ވަނީ ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުފުޅުނުކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް އެނަތީޖާ ބަލައިގަތުން ނޫން ގޮތެއް ރައީސް ޔާމީނަށް ނެތް ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ވޯޓާއި އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ވޯޓުގައި ބޮޑެތި ތަފާތުތަކެއް ހުރުމާއި، އިންތިހާބު ކުރިއަށް ދިޔައީ ރަނގަޅަށް ކަމަށް އިންތިހާބުގެ ކަންކަން ބަލަމުން ފަރާތްތަކުން ބުނެފައިވާތީ އިންތިހާބު ބާތިލް ކުރެވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ. އިންތިހާބު ބާތިލްކުރުން ކަހަލަ ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ ބޭރު ދުނިޔެއިން ރާއްޖެއަށް އެކި ސިފަސިފައިގައި ދަތިކުރާނެ ކަމަށާއި އެކަމުގެ ހުރިހާ ގެއްލުމެއް އޮތީ ދިވެހި ރައްޔިތުންނަށް ކަމަށްވެސް ވިދާޅުވި އެވެ.
"ހައިކޯޓަށް ވައްދާނަމޭ ސުޕްރީމް ކޯޓަށް ވައްދާނަމޭ ދެން މިވާހަކަތައް މިހެން އަޑުއެރުވުމަކުން ވާނެ އެއްވެސް ކަމެއް ނޯންނާނެ. އިންތިހާބުގެ ނަތީޖާ އިރާދަކުރެއްވިއްޔާ ބަދަލެއް ނުވާނެ. އެއީ ދިވެހިރާއްޖެ އައި ހުރިހާ އޮބްޒާވަރުން، މޮނީޓަރުން އެއްބަސްވޭ އިއްތިފާގުވޭ މިއަށް ވުރެ ރީތި އަމާން ސުލްހަވެރިކަމާއެކު ދިޔަ އިންތިހާބެއް ނެތް ކަން. ދިވެހިރާއްޖޭގެ ރައްޔިތުން ބަލައިގެންފި. ދުވަހަކުވެސް ސަރުކާރުގެ ވެރިޔަކަށް ހުންނަ ފަރާތުން މައްސަލަ ކޯޓަށް ވައްދައިގެން ވާހަކަދައްކާ ތަނެއް އަޅުގަނޑުމެން އަޑެއްވެސް ނާހަން. މިއީ ހަމަ ފުރަތަމަ ފަހަރު. އެހެން ނޫނިއްޔާ އޮޕޮޒިޝަނުން އެމައްސަލަ ލަނީ. މިއީ ވަަރަށް ލަދުވެތި ކަމެއް. ލަދުވެތި ކަމެއް،" ރައީސް ޔާމީނަށް ފާޑު ވިދާޅުވަމުން ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީނަށް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވީ އެމަނިކުފާނުގެ ވެރިކަމުގައި ކޮރަޕްޝަނާއި ފަސާދައިގެ ތެރެއިން ދައުލަތުގެ އެތައް ފައިސާއެއް ގެއްލުވާލާ، އެތައް ބަޔަކަށް ދިން އަނިޔާ ދިވެހި ރައްޔިތުން ބަލައިނުގަތުމުން ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ ވާދަވެރިންނާއި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެހެން ހީވި އެންމެން ޖަލަށްލީ އިއްތިފާގަކުން ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ޑރ. ޖަމީލް ރާއްޖެ ވަޑައިގަތުމާ ގުޅިގެން ގާސިމް އިބްރާހީމް ވިދާޅުވީ ޑރ. ޖަމީލަކީ އެމަނިކުފާނުގެ ޕޮލިޓިކަލް އެޑްވައިޒަރު ކަމަށްވާތީ ޑރ. ޖަމީލް ރާއްޖޭގައި ހުންނެވުމަކީ އެމަނިކުފާނުގެ އަމިއްލަ ނަފްސަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. ޑރ. ޖަމީލް ރާއްޖެއިން ބޭރުގައި ހުންނަވައިގެން ރާއްޖޭގައި ޑިމޮކްރަސީގެ އުސޫލުތައް ނެގެހެއްޓުމަށް މުހިއްމު މަސައްކަތްތަކެއް ކުރެއްވި ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން ޑރ. ޖަމީލް ރާއްޖޭގައި ހުންނެވުމަކީ ޖުމްހޫރީ ޕާޓީއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށްވެސް ގާސިމް އިބްރާހީމް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ