އާ ސަރުކާރުގެ ޒިންމާއަކީ ކަންކަން ހަމަ މަގަށް އެޅުވުން: މައުމޫނު

އަލަން އިންތިހާބުވި ސަރުކާރުގެ އެންމެ މުހިއްމު އެއް މަސައްކަތަކީ ރާއްޖޭގައި އުފެދިފައިވާ މުއައްސަސާތައް ހަމަ މަގަށް އެޅުވުން ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
އިންތިހާބީ ނައިބް ރައީސް ފައިސަލް ނަސީމާއި މިއަދު ބައްދަލު ކުރެއްވުމަށް ފަހު ރައީސް މައުމޫނު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ދިވެހި ސަރުކާރު ހިންގާނީ ވަރަށް ހަމަޖެހޭ ގޮތަށް، ރާއްޖޭގެ ގާނޫނު އަސާސީއަށާއި ގާނޫނަށް ހުރުމަތްތެރިކޮށް ހިތައިގެން ހުރިހާ މުއައްސަސާއެއް މިނިވަންކަމާއެކު ކަމަށެވެ.
ރައީސް މައުމޫނު ވިދާލުވީ ނިމިގެން މިދާ ސަރުކާރުގައި އެއްވެސް ހައްގެއް ނެތި އެތައް ބަޔަކަށް އަނިޔާ ލިބިފައިވީ ނަމަވެސް އަލަށް އުފެދޭ ސަރުކާރުގައި ވަކި ކުލައަކަށް ވަކި ޕާޓީއަކަށް ނުބަލައި ހަމަހަމަކަން ގާއިމްކޮށްދެއްވާނެ ކަމުގެ ޔަގީންުކަން އިންތިހާބީ ރައީސް އިބޫއާއި ނައިބު ރައީސް ފައިސަލްގެ ފަރާތުން ލިބިވަޑައިގެންފައިވާ ކަމަށެވެ.
"އިއްޔެ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަ ފުޅުގައި ވިދާޅުވި، ހުރިހާ ކަމެއްވެސް ގެންދާނީ ރާއްޖޭގެ ރައްޔިތުން ބޭނުންވާ ގޮތަށް، ހަމަހަމަ ކަމާއެކީގައޭ، އަދުލު އިންސާފާއެކީގައޭ، އެއްވެސް ކަމެއް ނުރަނގަޅުކޮށް ނުކުރައްވާނެ ކަމަށް،" ރައީސް މައުމޫނު ވިދާޅުވިއެވެ.
މައުމޫނު ވިދާޅުވީ އުފެދިގެން މި އަންނަނީ ހަތަރު ޕާޓީއެއްގެ ވެރިކަމެއް ކަމަށާއި، ކޯލިޝަން ސަރުކާރުގެ އެންމެ މުހިއްމު އެއް ޒިއްމާއަކީ ކޯލިޝަނަށް ތާއީދުކުރި ހުރިހާ ރައްޔިތުންނަށް އަމާންވެއްޓެއް ގާއިމްކޮށް ސަރުކާރު ދެމެހެއްޓުން ކަމަށެވެ.
ރައީސް މައުމޫނު ވިދާޅުވީ އާ ސަރުކާރުގައި ނުކުރާ ކުށަކަށް ދިވެހި އެއްވެސް ރައްޔިތަކަށް އަދަބެއް ނުލިބޭނެ ކަމަށެވެ. ނަމަވެސް އެމީހަކު ކޮސްފައިވާ ކުށަކަށް އަދަބު ލިބި ރާއްޖޭގެ އަދުލުގެ ނިޒާމްވެސް ފުރިހަމަވެ ރައްޔިތުންގެ އިތުބާރު ހޯދަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ