ދޮށީ އުމުރުގެ ބޭފުޅުން ދަތި އުދަގުލައި މިއަދުގެ ޒުވާނުންނަށް ހޯދައިދީފައިވާ ފަސޭހަތަކާއި ކުރިއެރުންތައް ނަގާ ނުލައި، ދިވެހި ގައުމަށް ހިދުމަތް ކުރުމުގައި ކުރިއަށް ދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް އިލްތިމާސް ކުރައްވައިފި އެވެ.
ގާސިމް އިބްރާހީމް މިކަމަށް އިލްތިމާސް ކުރެއްވީ ބްލޭޒަން އިންކުން އިންތިޒާމުކޮށްގެން ދެމުންގެންދާ މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ މިއަހަރުގެ ލައިފް ޓައިމް އެޗިވްމެންޓް އެވޯޑް ލިބުމާ ގުޅިގެން މިއެވޯޑް ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ދޮށީ އުމުރުގެ ބޭފުޅުން ވަރަށް އުދަގުލުގައި ވަރަށް ބުރަކޮށް ކުރެއްވި މަސައްކަތްތަކާއި ގުޅިގެން ކޮންމެ ދާއިރާއަކަށް ބެލިނަމަވެސް މިއަދުގެ ޒުވާނުންނަށް މާފަސޭހައިން މާރަނގަޅަށް މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދައިދީފައިވާ ކަމަށެވެ. އެހެންކަމުން އެ ފުރުސަތުތައް ނަގާ ނުލައި، އަންނަން އޮތް ޖީލުތަކަށް މިފަސޭހަތައް ވާސިލްކޮށްދިނުމަށް ގާސިމް އިބްރާހީމް ވަނީ އެދިވަޑައިގެންފަ އެވެ. އަދި ގައުމު ތިމާއަށް ކޮށްދޭ ކަމެއް ބެލުމުގެ ބަދަލުގައި ކޮންމެ ޒުވާނަކުވެސް ގައުމަށް ހިދުމަތް ކުރުމުގައި ދެމިހުންނެވުމަށްވެސް ގާސިމް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
"މިއައި ހޭލުންތެރިކަމާ އަޅުގަނޑުމެންނަށް މީގެތެރެއިން އައި ތައުލީމީ ކުރިއެރުމާއި ނޮލެޖާއި ނޯހައުއާއި އަދި ޓެކްނޮލޮޖީގެ ދާއިރާއިން އަޅުގަނޑުމެން ކުރިއަރަމުންދާ ވަރާ މިކަންކަން އަޅުގަނޑުމެން މާދަމާ ގެއަށް ވަންނައިިރު ތިޔަ ބޭފުޅުންނާ އަޅުގަނޑުމެން މިދަނީ ހަވާލުކޮށްފައޭ. މާފަސޭހައިން މާރަނގަޅަށް ކަންތައްތައް ކުރެވޭނެ ގޮތް މިގައުމަށް މެދުވެރިކޮށްދީފައޭ އަޅުގަނޑުމެން މިދަނީ. މިނަގާ ނުލާށޭ،" ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިސްލާމް ދީނާއި ދިވެހި ގައުމިއްޔަތު ރައްކާތެރިކުރުމާއި، އަދުލު އިންސާފު ގާއިމުކުރުމާ އެކު ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލް ބީވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށާއި އަދި އެފަދަ ފުރުސަތެއް އެއްވެސް ފަރާތަކަށް ނުދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ މިއަދު އެއްވެސް ދާއިރާއަކުން ކުރިއަށް ދެވެން އޮތީ ތައުލީމް ހާސިލްކޮށްގެން ކަމަށެވެ. އެހެންކަމުން ވިސްނުން ތަރައްގީކުރުމަށްޓަކައި ތައުލީމު ހޯދުމަށްވެސް ގާސިމް އިބްރާހީމް ވަނީ އެދިވަޑައިގެންފަ އެވެ.
"އުނގެނުމެއް ނެތި، ތައުލީމެއް ނެތި، ތަޖުރިބާއެއް ނެތި އަޅުގަނޑުމެންނަށް ކުރެވޭނެ ހަމަ އެއްކަމެއްވެސް ނޯންނާނެ. މުޅި ހުރިހާ ކަމެއް ދާނީ ޒީރޯއަށް. އެހެންވީމާ އެކަން ކުރުމަށްޓަކައި އަޅުގަނޑުމެން ގައުމުގެ ހުރިހާ ފަންތިއެއްގެ ހުރިހާ ފަންނެއްގެ ބޭފުޅުން ހިތްވަރުލާފައި އަޅުގަނޑުމެންގެ މައިންބަފައިން ކިޔަވަން ދަރިފުޅު ސުކޫލަށް ފޮނުވައިގެން މިކުރެވޭ ކަންތައްތަކުގެ ރަނގަޅު ނަތީޖާ ހޯދައިދިނުމަށް މެނުވީ އަޅުގަނޑުމެންނަކަށެއް، ރަނގަޅު ނަތީޖާ ހޯދައިގެން ރަނގަޅަށް ކިޔަވައިގެން ރަނގަޅު މޮޅު މީހަކަށް ވެގެން ނޫނީ އަޅުގަނޑުމެންގެ ސިކުނޑިއެއް ތަރައްގީއެއް ނުކުރެވޭނެ. އަޅުގަޑުމެންގެ ސިކުނޑި ތަރައްގީކޮށްގެން ނޫނިއްޔާ އަޅުގަނޑުމެންނަށް ކުރިއަކަށް ނުދެވޭނެ،" ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މޯލްޑިވްސް ބިޒްނަސް އެވޯޑްސް އިންތިޒާމު ކުރާ ބްލޭޒަން އިންކުގެ ޓީމުގައި ހިމެނެނީ ވަރަށް ޒުވާން ބޭފުޅުން ކަން ފާހަގަކުރައްވާ އެބޭފުޅުން ކުރައްވާ މަސައްކަތަށް ހިތްވަރު ދެއްވާ ޝުކުރު އަދާކުރައްވާފަ އެވެ. އަދި ބްލޭޒަން އިންކުގެ ޓީމުގައި ޒުވާން ބޭފުޅުން ތިއްބެވުމަކީ އެމަނިކުފާނު ވަރަށް އުފާވާ ކަމެއް ކަމަށާއި މިއީ މުސްތަގުބަލް އޮތް ޓީމެއް ކަމަށްވެސް ގާސިމް އިބްރާހީމް ވިދާޅުވި އެވެ. މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ އެއްވެސް ބައިވެެރިވުމެއް ނެތުމުން ހިތާމަކުރައްވާ ކަމަށާއި ނަމަވެސް މިއެވޯޑް ކާމިޔާބު އެވޯޑަކަށް ހެދުމަށް ބްލޭޒަން އިންކުގެ ޒުވާން ޓީމުން ކޮށްފައިވަނީ ޝުކުރުވެރިވުން ހައްގު ބުރަ މަސައްކަތްތަކެއް ކަމަށްވެސް ގާސިމް އިބްރާހީމް ވަނީ ވިދާޅުވެފަ އެވެ.
ޒުވާނުންނަށް ލިބިފައިވާ ފަސޭހަތަކާއެކު ގައުމަށް ހިދުމަތް ކުރުމަށް ގާސިމް އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ