ނާޖާއިޒް ގޮތުގައި ހޯދާ ގައުމުން ބޭރުގައި ފޮރުވައިހުރި ފައިސާއާއި މުދާ ހޯދުމުގެ މަސައްކަތް ބޮޑުވަޒީރު ފައްޓަވައިފި

ކޮރަޕްޝަނާއި ނުފޫޒުގެ ބޭނުންކޮށްގެން ހޯދައި ގައުމުން ބޭރުގައި ޕާކިސްތާނުގެ ވިޔަފާރިވެރިންނާއި، ސަރުކާރުތަކުގެ އޮފިޝަލުންނާއި، ސިޔާސީ ފަރާތްތަކުން ފޮރުވައިހުރި ފައިސާއާއި މުދާ ހޯދުމަށް ޕާކިސްތާނުގެ އާ ބޮޑުވަޒީރު އިމްރާން ޚާން ޚާއްސަ މަސައްކަތްތަކެއް ފައްޓަވައިފި އެވެ.
މިމަސައްކަތް ކުރުމަށް ބޮޑުވަޒީރު މިހާރުވަނީ ”އެސެޓް ރިކަވަރީ ޔުނިޓް“ އެއް އުފައްދާ އެޔުނިޓްގެ މަސައްކަތް ފަށައިފިއެވެ. އެ ޔުނިޓްގެ މަސައްކަތް ހިނގާނީ ސީދާ ބޮޑުވަޒީރުގެ ރަސްމީ އޮފީސްކޮޅުގައި އެމަނިކުފާނުގެ ބެލުމުގެދަށުން ކަމަށް ވެއެވެ.
މިޔުނިޓްގައި ހިމަނުއްވާފައިވަނީ، ޕާކިސްތާނުގެ އެކައުންޓެބިލިޓީ ކޯޓާއި، ފެޑެރަލް އިންވެސްޓިގޭޝަން އޭޖެންސީއާއި، ސްޓޭޓް ބޭންކް އޮފް ޕާކިސްތާނާއި އަދި ފެޑެރަލް ބޯޑު އޮފް ރެވެނިއުގެ ފުންނާބުއުސް އޮފިޝަލުންނެވެ. ޔުނިޓްގެ ވެރިޔަކަށް ހަމަޖައްސަވާފައިވަނީ ސްޕެޝަލް އެސިސްޓެންޓް ޓު ޕްރައިމް މިނިސްޓަރ އޮން އެކައުންޓެބިލީގެ މަގާމަށް އައްޔަން ކުރައްވާފައިވާ ޝާހްޒާދު އަކްބަރުއެވެ.
މިޔުނިޓާއި ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި، ޕާކިސްތާނުގެ އެކިއެކި ފަރާތްތަކުން ނާޖާއިޒްގޮތުގައި ހޯދައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބޭންކްތަކުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތަކުގެ މައުލޫމާތު ހޯދައި ތަހްގީގުކޮށް އަދި ބޭރުގެ އެކިއެކި ގައުމުތަކުން ގަނެފައިހުރި އެތައްހާސް ގެދޮރާއި ތަންތަން ތަހްގީގުކޮށް ބޮޑުވަޒީރަށް ރިޕޯޓް ކުރުމަށެވެ.
”އެސެޓް ރިކަވަރީ ޔުނިޓް“ ގެ ވެރިޔާ ޝާހްޒާދު އަކްބަރު ވިދާޅުވީ، އެ ޔުނިޓަށް މިހާރަށްވެސް، ޑުބާއީއާއި، އިނގިރޭސިވިލާތުގައި ހުރި ޕާކިސްތާނު ރައްޔިތުންނަށް ނިސްބަތްވާ 10،000 ގެދޮރުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ތަންތަނުގައި މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބޮޑުވަޒީރު އިމްރާން ޚާން އުފެއްދެވި ”އެސެޓް ރިކަވަރީ ޔުނިޓް“ އަށް، ވަނީ ޕާކިސްތާނު ފެޑެރަލް އަދި ޕްރޮވިންޝަލް ކޮންމެ އޮފީހަކަށްވެސް ވަދެ، ބޭނުން މައުލޫމާތެއް ހޯދައިގަތުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ