ރައީސް ނަޝީދު ބޭރު ގައުމެއްގެ "ހިމާޔަތަށް" ދިއުމަކީ ވަރަށް ލަދުވެތި ކަމެއް: މައުމޫން

ރައީސް ކަން ކުރައްވާފައި ހުންނެވި ބޭފުޅެއް ވިޔަސް އަދި ދިވެހި އެއްވެސް ރައްޔިތަކު ވިޔަސް ބޭރު ގައުމެއްގެ "ހިމާޔަތަށް" ދާން ޖެހުމަކީ ވަރަށް ލަދުވެތިވާ ކަމެއް ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ތިން އަތޮޅަކަށް ނިސްބަތްވާ ފަސް ކައުންސިލަރަކު ޕީޕީއެމް އަށް ސޮއި ކުރުމަށް އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ނޫސްވެރިޔަކު ދެންނެވި ސުވާލެއްގެ ޖަވާބުގައި މައުމޫން ވިދާޅުވީ ގައުމުގެ އެތެރޭގައި ދިމާވާ މައްސަލަތައް އަޅުގަނޑުމެން އަމިއްލަ އަށް ހައްލު ކުރެވެން ޖެހޭނެ ކަމަށާއި ރާއްޖޭގެ ޝަރުއީ ނިޒާމަކީ އެންމެންގެ މައްޗަށް ހިނގާނެ ނިޒާމެއް ކަމަށެވެ. އަދި ވިދާޅުވީ ޝަރުއީ ނިޒާމުން ބޭރުގައި ކަމެއް ކުރުމުގެ ހައްގެއް އެއްވެސް މީހަކަށް ނޯންނާނެ ކަމަށެވެ.
"އަޅުގަނޑު ކުރީގެ ރައީސެއްގެ ހައިސިއްޔަތުން ވެސް އަދި ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ވެސް އެއީ އަޅުގަނޑު ވަރަށް ބޮޑަށް ލަދު ގަންނަ ކަމެކޭ. އަދި ކީއްކުރަންތޯ ރައީސް ނޫނަސް އެއްވެސް ރައްޔިތަކު ބޭރު ގައުމެއްގެ ހިމާޔަތަށް ދާން ޖެހުމަކީ ވަރަށް ލަދުވެތި ވާން ޖެހޭ ކަމެއް. އަޅުގަނޑުމެންގެ ރާއްޖޭގެ މައްސަލަތައް އަޅުގަނޑުމެންނަށް ހައްލު ކުރެވޭނެ. އަދި ޝަރުއީ ނިޒާމަކީ އެންމެންގެ މައްޗަށް ހިނގާ ނިޒާމެއް. އެއްވެސް މީހަކަށް ހައްގެއް ނޯންނާނެ ޝަރުއީ ނިޒާމުން ބޭރުގައި ކަމެއް ކުރާކަށް،" މައުމޫން ވިދާޅުވި އެވެ.
ރައީސް ނަޝީދު ޝަރީއަތަށް ވަޑައިގަންނަވަން ދެކޮޅު ހައްދަވާ މައްސަލައާ ބެހޭ ގޮތުން މައުމޫން ވިދާޅުވީ ޝަރީއަތަށް މީހަކު ދާން ޖެހިއްޖެ ނަމަ ކިޔަމަންތެރިކަމާ އެކު ދިއުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އަދި ޝަރީއަތަށް ހާޒިރުވުމަށް ފަހު އެމީހެއްގެ މައްޗަށް ކުރާ ދައުވާ އަކުން ބަރީއަވުމަކީ އެމީހެއްގެ އަމިއްލަ ކަމެއް ކަމަށެވެ.
"ޝަރީއަތަށް ދާން ޖެހިއްޖެއްޔާ ދާން ޖެހޭނެ. އެކަން ހިނަގަން ޖެހޭނެ އަޅުގަނޑު ވިޔަސް އަދި ކުރީގެ ރައީސް ނަޝީދު ވިޔަސް. ނަޝީދު މީގެ ކުރިން ވެސް ވަނީ ޝަރީއަތަށް ވަޑައިގެންފައި. ދެން ކުއްލި އަކަށް މިހާރު ޚިޔާލުފުޅު ބަދަލުވެގެން ކޮންމެވެސްތާކަށް ވަޑައިގެން އެހެން ހުންނެވުމުގެ މާނައެއް އަޅުގަނޑަކަށް ނުވިސްނެ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ރައީސް ނަޝީދު އެގޮތަށް ހުންނެވުމުގެ ސަބަބުން ނުރަނގަޅު އެތައް މައްސަލަތަކެއް އުފެދެމުން އަންނަ ކަމަށާއި އިންޑިއާ އާއި ރާއްޖެ އަކީ ޒަމާނުއްސުރެ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ގައުމު ކަމަށެވެ. އަދި ރާއްޖެ އާއި އިންޑިއާ އާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށް ބުރު އަރާ ފަދަ ކަމެއް އެއްވެސް މީހަކު ކޮށްގެން ނުވާނެ ކަމަށެވެ.
"އިންޑިއާ ރާއްޖެ އަކީ ވަރަށް ގާތް ދެ ގައުމު. އެ ގުޅުމަށް ބުރޫ އަރާ ފަދަ ކަމެއް އެއްވެސް މީހަކު ކޮށްގެން ނުވާނެ. މިހާރު އޭނާ އެ ހުންނެވީ އެތަނުގެ ހިމާޔަތުގައެއް ނޫން. އެތަނަށް ވަޑައިގަތީމާ ސަފީރަކަށް ވެސް ނުކެރޭނެ ދެއްތޯ މި ތަނުން ނިކުމެ ވަޑައިގަންނަވާށޭ ވިދާޅުވާކަށް. އެހެން ވީމާ އިންޑިއާގެ ދައުވަތަކަށް ވަޑައިގަތީކީ ނޫން. އަދި އިންޑިއާ އިން ހިމާޔަތް ދޭނެ ކަމަށް ދަންނަވައިގެން ވަޑައިގަތީކީ ވެސް ނޫން. ދެން އެތަނަށް ވަޑައިގެން އިންނަވަނީ،" މައުމޫން ވިދާޅުވި އެވެ.
މިއަދު ބޭއްވި ކައުންސިލަރުން ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެ ޕާޓީ އަށް ސޮއި ކުރެއްވި ބޭފުޅުންނަކީ ހދ. ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އިބްރާހިމް އަލީ އާއި އެ ރަށު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ހަސަންގެ އިތުރުން އެ ކައުންސިލްގެ މެމްބަރު މުހައްމަދު ސަލީމް އެވެ. އޭގެ އިތުރުން ނ. ލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ފަޔާޒު އާއި ތ. އަތޮޅު ކައުންސިލްގެ މެމްބަރު ހަސަން ޒަރީރުވެސް މިއަދު ޕީޕީއެމް އަށް ސޮއި ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ