ހެލިފެލިވުމުގެ ފުރުސަތު އިތުރުކޮށް ސްކޫލް ކަރިކިއުލަމް ބައްޓަން ކުރުމަށް ނާޒިމް އެދިވަޑައިގެންފި

ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ބަރުދަން ހުންނަންވާ ވަރަށް ވުރެ ބަރު ދަރިވަރުންނަށް ހެލިފެލިވެ އުޅުމުގެ ފުރުސަތުތައް އިތުރަށް ތަނަވަސް ކޮށްދެވޭނެ ގޮތަކަށް ސްކޫލްތަކުގެ ކަރިކިއުލަމް ބައްޓަން ކޮށްދިނުމަށް ހެލްތް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ) މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
2014 ވަނަ އަހަރު މުޅި ރާއްޖޭގައި ގްރޭޑް އެކެއްގެ ދަރިވަރުންގެ ހެލްތް ސްކްރީނިންގ ހަދައި، އޭގެ ނަތީޖާތައް ޢާންމުކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރ ނާޒިމް ވިދާޅުވީ ދަރިވަރަކު ހުންނަން ޖެހޭ ބަރުދަނަށް ވުރެ ލުއިވެގެން ނުވާނެ ކަމަށާއި، އަދި ބަރުދަން މާ ބޮޑަށް ބަރުވުމަކީ ވެސް މައްސަލައެއް ކަމަށެވެ.
"ބަރުދަން ލުއިކޮށް ހުރެގެން ނުވާނެ. މިކަން އިތުރަށް ބަލައި ދިރާސާކޮށް، މިއީ އާއިލީ ގޮތުން ދިމާވާ ކަމެއްތޯ ނުވަތަ ދިރިއުޅުމުގެ ވައްޓަފާޅި ހުރިގޮތުގެ ސަބަބުން ދިމާވާ ކަމެއްތޯ ބަލަން އެބަޖެހޭ. އަދި ބަރުދަން ބަރުކޮށް ހުރުމަކީވެސް މައްސަލައެއް. ބަރުކޮށް ހުރެގެން ނުވާނެ. އެހެން ނޫނީ އެކުއްޖެއްގެ ސިކުނޑި މަސައްކަތް ކުރަންޖެހޭ ވަރަށް މަސައްކަތް ކުރުމަށް ހުރަސް އެޅޭނެ،" ނާޒިމް ވިދާޅުވިއެވެ.
މިއަހަރު ކުރިޔަށް ގެންދެވުނު ހެލްތް ސްކްރީނިންގގެ ނަތީޖާތައް ދައްކާ ގޮތުން، ބައިވެރިވި ކުދިންގެ %22 އަކީ ބަރުދަން ހުންނަންވާ ވަރަށް ވުރެ ބަރު ކުދިންނެވެ. އަދި %34 ކުދިންނަކީ ބަރުދަން ހުންނަންވާ ވަރަށް ވުރެ ލުއި ކުދިންނެވެ.
މި ރަސްމިއްޔާތުގައި، ހެލްތް މިނިސްޓްރީވެސް ބަލަހައްޓަވަމުން ގެންދަވާ މިނިސްޓަރ ނާޒިމް ވަނީ، ސްކޫލްތަކުގެ ކަރިކިއުލަމް ބައްޓަން ކުރާއިރު، ބަރުދަނުގެ މައްސަލަތައް ހުންނަ ކުދިންނަށް ވެސް އެކަންކަމަށް ހައްލެއް ލިބިދެވޭނެ ފަދަ ގޮތަކަށް ކަރިކިއުލަމްތައް ހެދުމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އާއިޝަތު ޝިހާމުގެ އަރިހުން އެދިވަޑައިގެންފައެވެ.
"ސްކޫލްތަކުން ކަރިއކިއުލަމްގެ ތެރެއިން އެކުއްޖަކަށޤ ބޭނުންވާ، ހަރަކާތްތެރިވާނެ ގޮތްތަކެއް ރާވަން އެބަ ޖެހޭ. އެޑިއުކޭޝަން މިނިސްޓަރވެސް އިންނެވުމާ އެކު ދަންނަވަން، ބަރުދަން ހުންނަންވާ ވަރަށް ވުރެ ބަރު ކުދިންނަށް ތައުލީމީ މާހައުލުގައި އެހީތެރިވެދެވޭނެ، އަދި ހެލިފެލިވެ އުޅެވޭނެ ގޮތްތައް ކަރިކިއުލަމްގައި ބައްޓަން ކޮށްދިނުމަށް. އަދި ބަރުދަން ލުރި ކުދިންގެ ކަންކަން ވެސް ދެނެގަނެ، އެކުދިންނަށް ހައްލެއް ހޯދައިދިނުމަށް،" މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ