ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި މަރުގެ ހުކުމް އިއްވާފައިވާ ހ.ލޮބީ ހުސެއިން ހުމާމްގެ މައްޗަށް މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒުކުރާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޓީވީއެމް ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލިކަމުގެ ކުށް ހުމާމްގެ މައްޗަށް ސާބިތުވެފައިވާއިރު އަފްރާޝީމް އަވަހާރަކޮށްލި ހުމާމް އާއި ދެން ވެސް ރާއްޖޭގައި މީހުން މަރަމުންދާ މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރައްވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ގާނޫނެއް އަންނަންދެން މަރުގެ ހުކުމް ތަންފީޒުނުކޮށް ސަރުކާރުން ނުތިބޭނެ ކަމަށާއި މަރުގެ ހުކުމް ތަންފީޒުކުރެވޭނީ މިހާރު ހަދާފައިވާ ގަވައިދުގެ ތެރެއިން ކަމަށެވެ. އަދި މަރުގެ ހުކުމް ތަންފީޒުކުރަން ބޭނުންވާ ވަސީލަތްތަކުގެ ތެރެއިން އެއްބައި މިހާރު މާފުށީ ޖަލުގައި ގާއިމުކުރެވިފައިވާ ކަމަށެވެ.
"މަރުގެ އަދަބު ތަންފީޒުކުރުމަށް އަޅުގަނޑުމެންނާއި ހަމައަށް ސުޕްރީމް ކޯޓުގެ އެންމެ ފަހުގެ މަރުހަލާ ނިމޭ ހިސާބުގައި ހުންނާނެ މަރުގެ ހުކުމް ތަންފީޒުކުރަން ބޭނުންވާ ހުރިހާ ވަސީލަތެއް ގާއިމުކުރެވިފައި. އަޅުގަނޑުމެން ވަސީލަތްތައް ހޯދަނީ ކިހިނެއްތޯ ކޮން ގައުމަކުންތޯ އެއީ ސިއްރު މައުލޫމާތު، އެކަމަކު އެކަމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ސީދާ އަޅުގަނޑުގެ ބެލުމުގެ ދަށުން ކުރިއަށް އެބަދޭ." ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ދޭ ޔަގީންކަމަކީ ރާއްޖޭގައި އަފްރާޝީމްގެ ގާތިލުންގެ މައްޗަށް ވެސް މަރުގެ ހުކުމް އަޅުގަނޑުމެން ތަންފީޒުކުރާނަން، އަދި ރާއްޖޭގައި މީހުން މަރާ އެންމެންގެ މައްޗަށް ހުކުމް ތަންފީޒުކުރާނެ، މި ސަރުކާރު ފަހަތަކަށް ނުޖެހޭނެ ހުކުމް ތަންފީޒުކުރުމާއި ހަމައަށް އައީމަ." މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުނުކުރުމަށް ބޭރު ދުނިޔޭގެ ބައެއް ގައުމުތަކުން ގޮވާލަމުންދާތީ އެކަމަށް ރައްދު ދެއްވައި ހޯމް މިނިސްޓަރު ވިދާޅުވީ ހުކުމް ތަންފީޒުނުކުރުމަށް ގޮވާލަމުންދަނީ ޔޫރަޕްގެ ގައުމުތަކުން ކަމަށާއި އޭގެތެރޭގައި އިނގިރޭސިވިލާތާއި ފްރާންސް ހިމެނޭއިރު އެގައުމުތަކުގައި ވެސް މަރުގެ ހުކުމް ތަންފީޒުކުރަން ދެކޮޅު ހަދާ ކަމަށެވެ.
ނަމަވެސް އެމެރިކާ، ޗައިނާ، ރަޝިއާ، އިންޑިއާ ފަދަ ބޮޑެތި އާބާދީތައް ހިމެނޭ ގައުމުތަކުން މަރުގެ ހުކުމް ތަންފީޒުކުރަން ދެކޮޅު ހަދަމުން ނުދާ ކަމަށާއި އެގައުމުތަކުގައި މަރުގެ ހުކުމް ތަންފީޒުކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރަންވީ ސަބަބެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިސަރުކާރުން ހުމާމްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް އުމަރު ނަސީރު ވިދާޅުވިއިރު ހުމާމުގެ މައްޗަށް އުފުލި ދައުވާ ސާބިތުވެ ހުމާމް މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހުމާމްގެ ފަރާތުން އިސްތިއުނާފްކޮށްފައިވާތީ އެމައްސަލައިގެ އަޑުއެހުން ހައި ކޯޓުގައި މާދަމާ އޮންނާނެއެވެ.
ހުމާމްގެ ފަރާތުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފްކޮށްފައިވަނީ އިސްތިއުނާފް ކުރުމުގެ މުއްދަތު ހަމަވާން އެންމެ ދުވަހަކަށް ވެފައިވަނިކޮށެވެ.
މިސަރުކާރުން ހުމާމްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރާނަން - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ