ވަޒީފާގެ ނުތަނަވަސްކަން މިއަދުވެސް އިންތިހާއަށް އެބައޮތް: ޑރ. އަބްދުﷲ މައުސޫމް

މަސައްކަތްތެރިންގެ ދުވަހާ ދިމާކޮށް މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއްވުމަށް މިއަދު ތިންއަހަރު ފުރުނުއިރު، އޭރުއޮތް ވަޒީފާގެ ނުތަނަވަސްކަން މިއަދުވެސް އެބައޮތްކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ސަރުކާރުން ހިތްހަމަ ނުޖެހުނީމާ މުވައްޒަފުން އެއްތަނުން އަނެއްތަނަށް ބަދަލުކުރުން ފަދަ ކުދި އަނިޔާތައް މިހާރުވެސް ދެމުންގެންދާ ކަމަށެވެ.
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ސަރުކާރަށް ތާއީދުކުރަން މަޖުބޫރުކުރަމުން ގެންދާ ކަމަށާއި، މިއަދު އަނެއްކާވެސް މޭޑޭ ފާހަގަކުރާއިރު މުވައްޒަފުންނަށް ހަމަހަމަކަމެއް ނެތްކަމަށް މައުސޫމް ވިދާޅުވިއެވެ.
ޑރ. މައުސޫމް ވިދާޅުވީ، ރާއްޖޭގެ ހާލަތު މިހާރު މިއޮތްގޮތުން ކުރިމަގަކީ ސަރުކާރު ބަދަލުކޮށް، ރައްޔިތުންގެ ވެރިކަމެއް ރާއްޖޭގައި ގާއިމްކުރުން ކަމަށެވެ.
މިދިޔަ ދުވަސްތަކުގެ ތެރޭގައި ސަރުކާރުން ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި، މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައިވާ ކަމަށާއި، އެހެންކަމުން، މިވެރިކަން ބަދަލުކޮށް ދެން އަންނަ ސަރުކާރަކުން ގާނޫނުއަސާސީގެ ބާރުތައް ރުޖޫއަކޮށް، މުއައްސަސާތަކަށް އަލުން ބާރުތައްދީ، ރައްޔިތުންގެ އިތުބާރު އެ މުއައްސަސާތަކަށް އަލުން ހޯދައިދޭންޖެހޭ ކަމަށް ޑރ. އަބްދުﷲ މައުސޫމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެލާދާއިރާގެ މެމްބަރުކަންވެސް ކުރިން ކުރައްވާފައިވާ ޑރ. އަބްދުﷲ މައުސޫމްގެ ވާހަކަފުޅުގައި، މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރާއިރު ރައީސް ޔާމީންގެ ވެރިކަން ފެށިގެން މިއަދާހަމައަށް އައިއިރު ގައުމު އޮތް ހާލަތުގެ މައްޗަށް ބައްލަވާލެއްވިއެވެ.
ޑރ. މައުސޫމް ވިދާޅުވީ، 2015 ވަނަ އަހަރުގެ މެއިމަހުގެ 1 ވަނަ ދުވަހު ރައްޔިތުން މާލޭގެ މަގުމައްޗަށް ނުކުތީ ހައްގުތައް ގެއްލި، ގައުމު އޮޔާދާން ފެށުމުން ކަމަށެވެ. ރައްޔިތުން ގޮވާލަމުންދިޔައީ ޑިމޮކްރަސީއަށް މަސައްކަތް ކުރުމަށާއި، އަނިޔާ ހުއްޓުވުމަށާއި، ވިޔަފާރިއަށް ޖެއްސުންކުރުން ހުއްޓާލުމަށް ކަމަށްވެސް ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އިސްވެ ހުންނަވައި މީގެ ތިންއަހަރު ކުރިން މޭޑޭއަށް މާލޭގެ މަގުތަކަށް އެތައްހާސް ރައްޔިތުން ނުކުތުމަކީ ގައިން ހީބިހި ނަގައިގެންދިޔަ ދުވަހެއް ކަމަށާއި، އެއީ ނުލާހިކު ސުލްހަވެރި މުޒާހަރާއެއް ކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް، ސަރުކާރުން އެ މުޒާހަރާ ރުޅާލީ އަނިޔާވެރި ގޮތެއްގައި ކަމަށާއި، މުޒާހަރާ ރުޅާލުމަށް ހުއްޖަތެއް ހޯދުމަށް ކެހިވެރިކަމާއެކު ރޭވުންތައް ރާވައި، މުޒާހަރާ ގަޑުބަޑުކޮށްލައި ވައިލެންޓް މުޒާހަރާއަކަށް ބަދަލުކޮށްލީ ކަމަށްވެސް ޑރ. އަބްދުﷲ މައުސޫމް ވިދާޅުވިއެވެ.
އެދުވަހުގެ މޭޑޭގައި އޭރު ރާއްޖެއިން ބޭރުގައި ހުންނެވި ގާސިމް އިބްރާހިމްވެސް ދެއްވީ ސުލްހަވެރި މެސެޖެއް ކަމަށާއި، ޝައިޚް އިމްރާންވެސް ދެއްވީ ސުލްހަވެރި ތަގްރީރެއް ކަމަށާއި، ނަމަވެސް ލީޑަރުންގެ ގޮވެލިފަތި ސަރުކާރުން ނެގީ ޓެރަރިޒަމްގެ ވާހަކަތަކެއްގެ ގޮތުގައި ކަމަށް މައުސޫމް ވިދާޅުވިއެވެ.
މިއަދުވެސް އެތައްބަޔަކު ޖަލަށް ލާފައިވާކަން ޑރ. މައުސޫމް ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭރަށްވެސް ބައެއް ބޭފުޅުންނަށް ވަޑައިގަންނަވަން މަޖުބޫރުވި ކަމަށް ވިދާޅުވިއެވެ. ޖަލުތައްވަނީ ތޮށްޖެހިފައި ކަމަށާއި، ހައްގުބަސް ބުނާ ޑިމޮކްރަސީއަށް މަސައްކަތްކުރާ އެންމެން މިއަދު ތިބީ ޖަލުތަކުގައި ކަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ