މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ސަރަހައްދަށް މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.
ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެތީ މޫސުމާއި ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. އެސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު މެންދުރުފަހު 13:00 އިން ފެށިގެން 18:30 ގެ ނިޔަލަށެވެ.
މޫސުމާއި ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ވައިޖެހޭނީ ދެކުނާއި ހުޅަނގު ދެކުނުން އުތުރާއި މެދުތެރެއަށް ގަޑިއަކު 7 މޭލާ 15 މޭލާދެމެދުގެ ބާރުމިނުގައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 3 މޭލާއި 10 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާއި ބެހޭ އިދާރައިން ލަފާކުރިނަމަވެސް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ އިދާރާއިން ބުނެއެވެ.
ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް މޫސުމާއި ބެހޭ އިދާރައިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ