ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އިތުރު ވޯޓު ފޮށިތަކެއް ބަހައްޓަނީ
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ސައުދީ އަރަބިއްޔާގައާއި އަދި ރާއްޖޭގެ އިތުރު ތިން ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އެ ކޮމިޝަނުން ބުނީ މިގޮތަށް ނިންމީ، އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބާއްވާދުވަސް ހައްޖު މޫސުމާއި ދިމާވާތީ، ދިވެހި ހައްޖާޖީންނަށް ވޯޓުލުމުގެ ފުރުސަތު ދިނުމުގެ ގޮތުންކަމަށެވެ.
ސައުދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ދިވެހި އެމްބަސީގައި ބަހައްޓާ މި ފޮއްޓަށް ވޯޓުލުމަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހުގެ ރޭގެ ދިހައެއްޖެހުމާއި ހަމައަށް އިލެކްޝަންސް ކޮމިޝަނުންވަނީ ހުޅުވާލާފައެވެ.
އެ ކޮމިޝަނުން މައުލޫމާތުދިން ގޮތުގައި ސައުދީ އަރަބިއްޔާގެ ރިޔާޟްގައި ވޯޓުފޮއްޓެއް ބެހެއްޓުމަށް ނިންމި ނަމަވެސް، މި ފޮށި ބެހެއްޓޭނީ ސަތޭކައަށްވުރެ ގިނަ މީހުން އެ ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުން ކަމަށެވެ.
އަދި އަލަށް ވޯޓުފޮށި ބެހެއްޓުމަށް ނިންމި ތިން ރިޒޯޓް ކަމަށްވާ ޅ. އަތޮޅު ޕާމް ބީޗް އައިލެންޑް ރިސޯޓާއި،
ހއ.ބީޗް ހައުސް އިރުވެލި އަދި ކ. އަނަންތަރާ ރިސޯޓްގައި ވޯޓްފޮށި ބެހެއްޓޭނީ މަދުވެގެން ފަންސާސް މީހުން ކޮންމެ ފޮށްޓަކަށް ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުންކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ ހަތަރުސަތޭކަ ހަތްދިހަ ވޯޓުފޮށި ބަހައްޓާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ