ކެއަރ ފޯ ޓައިނީ ހާރޓްސް ކޭމްޕް 2018 ފަށައިފި
ޓައިނީ ހާޓްސް ޖަމިއްޔާއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ކެއަރ ފޯ ޓައިނީ ހާރޓްސް ކޭމްޕް 2018 އާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފިއުނާޒް ވަހީދު ވިދާޅުވީ މި ކޭމްޕް މި މަހުގެ ތޭވީސް ވަނަ ދުވަހާއި ހަމައަަށް ހުޅުމާލެ ހޮސްޕިޓަލުގައި ކުރިއަށްދާނެ ކަމަށެވެ. މި ކޭމްޕްގެ މަގުސަދަކީ އުފެދުމުގައި ހިތުގެ އުނިކަން ހުންނަ ކުދިންނަށް ތަޖުރިބާކާރު ކުޑަކުދިންގެ ހިތުގެ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމަށް މަގުފަހި ކޮށްދީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ބާރުއެޅުން ކަމަށް ފިއުނާޒް ވިދާޅުވިއެވެ.ހިތުގެ ބަލި ހުންނަ ކުދިންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ކުރިއަށްގެންދާ މި ކޭމްޕަކީ ޓައިނީ ހާރޓްސްގައި ރަޖިސްޓަރ ވެފައިވާކުދިންގެ ތެރެއިން، ޤަވައިދުން ޑޮކްޓަރަށް ދެއްކުމަށް ބޭނުންވެފައިވާ ކުދިންނަށް ބޮޑު ހަރަދު ތަކެއް ނުކޮށް، ހިލޭ ފަރުވާ ލިބިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ކޭމްޕެއް ކަމަށް ފިއުނާޒް ވިދާޅުވިއެވެ. އަދި މި ކޭމްޕްގައި ބައިވެރިވާ ކުދިންގެ އަދަދު އެއް އަހަރަށްވުރެ އަނެއް އަހަރު އިތުރުވަމުންދާ ކަން ފާހަގަ ކުރައްވާ ވާހަކަ ދައްކަވަމުން ފިއުނާޒްވިދާޅުވީ އަތޮޅު ތެރެއިން ވަރަށް ބޮޑު ތަރުހީބެއް މި ކޭމްޕްއަށް ލިބޭ ކަމަށެވެ. އެގޮތުން މި ފަހަރުގެ ކޭމްޕަށްވެސް ހީނުކުރާ ފަދަ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ފިއުނާޒް ވިދާޅުވިއެވެ. މިއީ ޓައިނީ ހާޓްސްއިން ބާއްވާ މިފަދަ 10 ވަނަ ކޭމްޕެވެ.ކޭމްޕް ފެށިގެން މި ހާތަނަަށް ސާޅީސް ކުދިން ޑޮކްޓަރަށް ދައްކާފައިވެއެވެ. ފިއުނާޒް ވިދާޅުވީ ކޭމްޕުގެ ތިން ދުވަސް ނިމުމަށްފަހު ރާއްޖޭގެ ކާރޑިއޮލޮޖިސްޓުން އަދި ރޭޑިޔޮލޮޖިސްޓުންނާ އެކީގައި ފީޓަލް އެކޯ ވޯރކް ޝޮޕެއް ބޭއްވުމަށް ނިއްމައިފައިވާކަމަށެވެ. ޓައިނީ ހާޓްސް ގައި މިހާރު ފައްސަތޭކަ ސާދަ ކުދިން ރަޖިސްޓްރީ ވެފައިވާއިރު، މި ކޭމްޕް ކުރިއަށް ގެންދަނީ އާސަންދައާއި ގުޅިގެންނެވެ.މި ކޭމްޕާއި ގުޅޭގޮތުން އާސަންދައިގެ ފަރާތުން ވާހަކަ ދައްކަވަމުން، ޑރ މޫސާ މަނިކް ވިދާޅުވީ އެކުންފުންޏާއެކު ކުރިއަށްއޮތް ފަސް އަހަރުގައި ކޭމްޕް ބާއްވާނީ ހުޅުމާލޭ ހޮސްޕިޓަލުގައި ކަމަށެވެ. އެގޮތުން މި އަހަރުގެ ކޭމްޕް ފެށިގެން ކުރިއަށްދާއިރު މި ކޭމްޕް ނިމުމުން މި މަހުގެ ސައްބީސް ވަނަ ދުވަހުގައި ފީޗަލް ސްކްރީނިންގ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށެވެ.ކޮންމެ އަހަރަކުވެސް މި ކޭމްޕު ކުރިއަށް ގެންދަނީ އަމްރިތާ ހޮސްޕިޓަލުން ފަންނީ ޑޮކޮޓަރުން ގެނެސްގެންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މި އަހަރުވެސް ގާބިލް ޑޮކްޓަރުން ގެނެސްފައިވާ ކަމަށް ޓައިނީ ހާރޓްސް އިން މައުލޫމާތުދެއެވެ. މި ފަހަރުގެ ކޭމްޕްގައި ޖުމްލަ ސަތޭކަ ފަސްދޮޅަސް ކުދިން ރަޖިސްޓްރީ ވެފައިވާ ކަމަށްވެސް ޓައިނީ ހާރޓްސް އިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ