އަންހެން ކަނބަލުންނަށް ދޭން ޖެހޭ ލޯތްބާއި ކުލުނާއި އޯގާތެރިކަންދީީ ކަނބަލުންނަށް އިތުރު ފުރުސަތުތައް ހުޅުވާލަދިނުމަށް މަސައްކަތް ކޮށްދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެދިވަޑައިގެންފި އެވެ.
ގާސިމް އިބްރާހީމް މިކަމަށް އެދިވަޑައިގެންނެވީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ހާއްސަ މެސެޖެއްގަ އެވެ.
ގާސިމް އިބްރާހީމްގެ މެސެޖުގައި ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ހުރިހާ ކަނބަލުންނަށް ދުވަހުގެ ތަހުނިޔާ ވަނީ ފޮނުއްވާފަ އެވެ. ގާސިމް އިބްރާހީމްގެ ތަހުނިޔާގައި ކަނބަލުންނާ ކަނބަލުންގެ ޝައުގުތަކާ ގުޅޭ ހާއްސަ ދާއިރާތަކުގެ ތަރައްގީއަށްޓަކައި މަސައްކަތް ކުރާ އެކިއެކި ޖަމިއްޔާ ޖަމާއަތްތަކާއި މުއައްސަސާތަކާއި ކަނބަލުންގެ ފަހަތްޕުޅުގައި ސާބިތުކަމާއެކު ދެމިތިބި އެންމެހާ ފިރިހެން ބޭފުޅުންވެސް ޝާމިލްކުރައްވާފައިވެ އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ބައިނަލްއަގްވާމީ ފެންވަރުގައި އަންހެނުންގެ ދުވަހެއް ފާހަގަކުރެވެނީ ވަރަށް މުހިއްމު ސަބަބުތަކަކާ ގުޅިގެން ކަމަށެވެ. މީގެ ތެރޭގައި ކަނބަލުންނަށް މުޖުތަމައުގައި ލިބެންޖެހޭ ހައްގު ދަރަޖައާއި މަގާމު ކަނބަލުންނަށް ހޯދައިދީ، ސިޔާސީ އިގްތިސޯދީ އިޖުތިމާއި އަދި މިނޫންވެސް ރޮނގުތަކުން އަންހެނުން ކުރިއަރުވާ ބާރުވެރިކުރުވުން ހިމެނޭ ކަން ވަނީ ފާހަގަކުރައްވާފަ އެވެ. އާއިލީ އަދި އިޖުތިމާއީ ދުޅަހެޔޮކަމުގައި ކަނބަލުން އަދާކުރާ މުހިއްމު ދައުރު ފާހަގަކޮށް އެކަންކަމުގެ އަގުވަޒަން ކުރުމަކީ ވެސް މިފަދަ ދުވަހެއް ފާހަގަކުރާ ސަބަބެއް ކަމަށް ވިދާޅުވެފައިވެ އެވެ.
ގާސިމް އިބްރާހީމްގެ މެސެޖުގައި ވިދާޅުވީ ދިވެހި ކަނބަލުންނަކީ މުރާލި ހީވާގި ބައެއް ކަމަށް ޝައްކެއް ނެތް މިންވަރަށް ޔަގީންކުރައްވާ ކަމަށެވެ. ދިވެހި ކަނބަލުންނަކީ ހުނަރާ ފާޑުވެރިކަމުން ފުރިފައިވާ ބައެއް ކަމަށާއި މިއަދުގެ މުޖުތަމައުގައި ދިވެހި ކަނބަލުންނަކީ ތައުލީމީ ހޭލުންތެރި ބައެއް ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
މިހުރިހާ ކަމަކަށް ވުރެ ބޮޑަށް އާއިލާ ހެޔޮގޮތުގައި ބައްޓަންކުރުމާއި، ރަނގަޅު މުޖުތަމައެއް ބިނާކުރުމުގައި އެންމެ އިސް ދައުރު އަދާކުރާ ފަރާތަކީ ކަނބަލުން ކަމަށްވެސް ގާސިމް އިބްރާހީމްގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފަ އެވެ. އެހެންކަމުން ރާއްޖޭގެ ކަނބަލުންގެ ކާމިޔާބީއަށް ގާސިމް އިބްރާހީމް މެސެޖުގައި ވަނީ އެދިވަޑައިގެންފަ އެވެ.
ގާސިމް އިބްރާހީމް ވަނީ ދިވެހި ކަނބަލުންނަކީ ގައުމީ ތަރައްގީގެ ހުރިހާ ދާއިރާއެއްގައިވެސް އަދި ހާއްސަކޮށް ސިޔާސީ ދާއިރާގައިވެސް އެންމެ ކުރީ ސަފުގައި ކާމިޔާބުކަމާއެކު މަތީ މަގާމުތައް ހާސިލްކުރާ އަދި އެ މަގާމުތަކުގައި ދެމިތިބޭ ބަޔަކަށް ވުމަށް ހުޅުވިފައި ހުރި ދޮރުތަކުން އުފަލާއެކު ވެންނެވުމަށްވެސް ގާސިމް އިބްރާހީމްގެ މެސެޖުގައި ވަނީ އެދިވަޑައިގެންފަ އެވެ.
"އަދި ކޮންމެ ބައްޕައަކާއި ކޮންމެ ބޭބެއަކާއި ކޮންމެ ކޮއްކޮއަކާއި ކޮންމެ ފިރިއަކާއި ފިރިހެން ދަރިއަކާއި ކޮންމެ ފިރިހެނަކުވެސް އަޅުގަނޑުމެންގެ އަންހެން ބޭފުޅުންނަށް ދޭންޖެހޭ ލޯތްބާއި ކުލުނާއި އޯގާތެރިކަންދީ އެބޭފުޅުންނަށް އިތުރު ފުރުސަތުތައް ހުޅުވާލަދިނުމަށް މަސައްކަތްކޮށްދެއްވުމެވެ،" ގާސިމް އިބްރާހީމްގެ މެސެޖުގައި ވަނީ އެދިވަޑައިގެންފަ އެވެ.
ދިވެހި ކަނބަލުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ގާސިމް އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ