ރާއްޖޭގެ މީޑިއާއާ މެދު ރައްޔިތުން ހިތްހަމައެއް ނުޖެހޭ: ކްއީންސްލޭންޑް ޔުނިވަސިޓީގެ ޕްރޮފެސަރު

ރާއްޖޭގެ މީޑިއާއާ މެދު ރައްޔިތުން ހިތްހަމަނުޖެހޭ ކަމަށް މިހާރު ރާއްޖެވަޑައިގެން އުޅުއްވާ އޮސްޓްރޭލިއާގެ ކްއީންސްލޭންޑް ޔުނިވަސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ރޮންޑާ ބްރެއިޓް ވިދާޅުވެއްޖެ އެވެ.
"ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމް" (އަމިއްލަ އަށް ހަމަތަކާއި އުސޫލުތައް ހިފެހެއްޓުމުގެ ނިޒާމް) އެ ނަމުގައި ރޭ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް މެނޭޖްމެންޓް އެންޑް ކޮމްޕިއުޓިންގެ އޮޑިޓޯރިއަމްގައި ދެއްވި ތަގުރީރުގައި ރޮންޑާ ވިދާޅުވީ ރާއްޖޭގެ ބައެއް ރަށް ރަށަށް ދަތުރުކުރައްވައި ރައްޔިތުންނާ ވާހަކަ ދެއްކެވުމުން އެނގިވަޑައިގެންނެވީ މީޑިއާ މަސައްކަތް ކުރާ ގޮތާ މެދު ގިނަ ބަޔަކު ހިތްހަމަނު ޖެހޭ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ރާއްޖޭގެ މީޑިއާއާ ދެތެރޭ އޭނާ އެގޮތަށް ނުނިންމަވާ ކަމަށެވެ.
"ތިޔަ ބޭފުޅުންގެ ރީތި ރަށްތަކަށް އަޅުގަނޑު ދަތުރުކުރި އިރު، މީހުންނާ ވާހަކަ ދެއްކުމުން، ތިޔަ ބޭފުޅުންގެ މީޑިއާއާ މެދު ވަރަށް ހިތްދަތި ވާހަކަތަކެއް އިވުނު. ކޮންމެ ދުވަހަކު މަސައްކަތްތަކަށް ގޮސް އުޅޭ އާއްމު ގިނަ މީހުން ތިޔަ ބޭފުޅުންގެ މީޑިއާ މަސައްކަތް ކުރާ ގޮތާ މެދު ހިތްހަމައެއް ނުޖެހޭ،" ރޮންޑާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ އިތުބާރު މީޑިއާ މެދު ނެތުމާއި އެ މީހުންގެ ފާޑުކިއުންތައް މީޑިއާ އަށް އަމާޒުވުމަކީ އިންޒާރެއް ކަމަށާއި އޭގެ މާނައަކީ ޕްރޮފެޝަނަލް މީޑިއާއެއް ބިނާކުރުމަށް ކުރާ މަސައްކަތް މަގުން ކައްސާލައިގެންދާ ފަދަ ޝައްކުތަކެއް މީޑިއާއާ މެދު އުފެދުމަށް މަގުފަހިވެދާނެ ކަމެއް ކަމަށެވެ.
އަދި ވިދާޅުވީ ރައްޔިތުންގެ އިތުބާރު ނެތުމަކީ މީޑިއާގެ ކަންތައްތައް މީޑިއާ އިން އަމިއްލަ އަށް ރެގިއުލޭޓް ކުރުމުގެ ހައިސިއްޔަތު ގެއްލިގެން ހިނގައިދާނެ ވެސް ކަމެއް ކަމަށެވެ.
ރާއްޖޭގެ މީޑިއާ އަށް ފާޑެއް ވިދާޅުވާ ނަމަ ވިދާޅުވާން އޮތީ މީޑިއާ ވަރަށް ބޮޑަށް ސިޔާސީ ވެފައިވާ ވާހަކަ ކަމަށާއި ރަނގަޅު ގޮތުގައި މީޑިއާ ތަރައްގީ ކުރުމަށް ސިޔާސީ ނުފޫޒުން މީޑިއާގައި މަސައްކަތް ކުރާ ފަރާތްތައް ސަލާމަތްވެ ތިބެގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ރޮންޑާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައްޔިތުންގެ އިތުބާރު އުފެއްދުމަށް ޓަކައި ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތްކޮށް، މީޑިއާތައް މަސައްކަތް ކުރާ ގޮތް ރައްޔިތުންނަށް ކިޔައިދިނުން މުހިއްމު ކަމަށެވެ.
ރައްޖޭގެ މީޑިއާ ތަރައްގީ ވަމުން އަންނަ ގޮތް ބެލުމަށް އާޓިކަލް ނައިންޓީންގެ ސީނިއަ ލީގަލް ކައުންސިލް ޓޯބީ މެންޑާލް 2009 ވަނަ އަހަރު ދިރާސާއެއް ކުރެއްވި ކަމާއި މީޑިއާ އަމިއްލަ އަށް މީޑިއާގެ ކަންތައްތައް ބެލެހެއްޓޭ ވަރަށް ރާއްޖޭގެ މީޑިއާ މީހުންގެ މެދުގައި ގުޅުމެއް ނެތް ކަން އެ ދިރާސާ އިން ހާމަވި ކަން ރޮންޑާ ފާހަގަ ކުރެއްވި އެވެ.
އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ކްއީންސްލޭންޑްގެ ސްކޫލް އޮފް ޖާނަލިޒަމް އެންޑް ކޮމިއުނިކޭޝަންގެ ވެރިއާގެ ގޮތުގައި މަސައްކަތް ކުރައްވާ ޑރ. ރޮންޑާ ބެއިތު އަކީ އެ ސްކޫލްގެ އަންޑަ ގްރެޖުއޭޓް އަދި ޕޯސްޓް ގްރެޖުއޭޓް ކޯސްތަކުގައި މީޑިއާއާ ބެހޭ ގާނޫނުތަކާއި އެތިކްސް ކިޔަވައިދެއްވާ ލެކްޗަރާއެކެވެ. މިހާރު ހުންނެވި މަގާމަށް ވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިއެއްގެ ގޮތުގަ އާއި ގާނޫނީ ވަކީލެއްގެ ގޮތުގައި އޭނާ މަސައްކަތްކުރައްވާފައިވެ އެވެ. ނޫސްވެރިކަމުގެ ގާނޫނުތަކާއި ހަމަތަކާ ގުޅޭ ގޮތުން ދިރާސާތައް ކުރައްވައި ބައެއް ފޮތްތައް އޭނާ ލިއުއްވާފައިވެ އެވެ.
އެ ފޯރަމް އިންތިޒާމްކޮށްފައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ފަރާތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ