ރަށްރަށަށް 24 ގަޑިއިރު ކަރަންޓު ދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ރަށްރަށަށް 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން މިމަސައްކަތް ކުރުމަށް ތިން ފަރާތަކަށް ހަވާލުކޮށް ފެނަކަ ކޯޕަރޭޝަނުން މިފަރާތްތަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ސްޓެލްކޯގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ ފަރާތުން ފެނަކައިގެ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ކަނޑައަޅުއްވާފައިވާ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ މި ޕްރޮޖެކްޓަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިންގޭ މިފަދަ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށެވެ.
މިމަޝްރޫއުގެ ބިޑްތައް ކާމިޔާބް ކުރި ފަރާތްތަކާއި އެކީ މިއަދު ފެނަކައިން އެމްއޯޔޫއެއްގައި ސޮއިކޮށްފަވާއިރު ބިޑްތައް ކާމިޔާބް ކޮށްފައިވާ ފަރާތްތަށް ކަނޑައަޅާފައިވަނީ ހާމަކަން ބޮޑު ގޮތެއްގައި ބިޑްތައް ދިރާސާކުރުމަށްފަހުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ބިޑް ކާމިޔާބުކޮށްފައިވާ ތިން ކުންފުންޏަކީ ޗައިނާގެ ފުޖިއަން ޔަނާން ޕަވާ ކޯޕަރޭޝަން އާއި ސްރީލަންކާގެ ކެލާނީ ކޭބަލްސް ޕަބްލިކް ލިމިޓެޑް ކޯޕަރޭޝަންގެ އިތުރުން ރާއްޖޭގެ ޕަވާ އިންޖީނިއަރިންގް ޕްރައިވެޓް ލިމިޓެޑް އެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ މިސަރުކާރުގެ އަމާޒަކީ ހަމަހަމަ ގޮތެއްގައި ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި އަދި މާލެއާއި އެއްގޮތަށް ހުރިހާ ރަށް ރަށުގައިވެސް 24 ގަނޑިއިރު ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސް އަބްދުﷲ ޔާމީންގެ މެނިފެސްޓޯގައި ވެސް ހިމެނޭ މުހިއްމު ވައުދެއް ކަމަށެވެ.
މިމަޝްރޫއަށް 150 މިލިއަނާއި 200 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ހަރަދުކުރުމަށް ވަނީ ނިންމާފަ އެވެ.
މިމަޝްރޫއު ނިމިގެންދާއިރު 148 ރަށުގެ ކަރަންޓްގެ ހިދުމަތް 24 ގަޑިއިރު ދެވޭނެ ކަމަށާއި މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާތީ ކުރިއަށް އޮތް ދެތިން ދުވަސް ތެރޭ މިފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރެވިގެންދާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ މިހާރުވެސް ރަށް ރަށުގައި އިންޖީނުގެތައް މަރާމާތު ކުރުމާއި އަދި އިންޖީނު ބޭނުންވާ ރަށްތަކަށް އިންޖީނު ފޯރުކޮށްދިނުމުގެ މަސައްކަތް ފެނަކައިގެ ދަށުން ކުރެވެމުންދާ ކަމަށެވެ.
"މިއަންނަ ޖޫންމަހުގެ ނިޔަލަށް މިމަޝްރޫއު ނިމޭނެ ކަމަށް މިބެލެވެނީ. 80 ދުވަހުގެ ތެރޭގައި ޖަނަރޭޓަރުތައް ފޯރުކޮށްދެވޭނެ ހުރިހާ ރަށަކަށް. މިހާރުވެސް މިމަސައްކަތް ކުރެވެމުން ދަނީ. އަދި އިންޖީނުގެތައް މަރާމާތު ކުރުން ކަހަލަ މަސައްކަތް ވެސް ކުރެވެމުން ދަނީ. މިއީ މިފަދަ ބޮޑު ބިޔަ މަޝްރޫއެއް ރާއްޖޭގައި ހިންގޭ ފުރަތަމަ ފަހަރު" މިނިސްޓަރު ވިދާޅުވި އެވެ.
މިމަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރަށްތައް ފަހުން އިއުލާންކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ