ރާއްޖޭގެ މަޝްހޫރު މީޑިއާ ގްރޫޕެއް ކަމަށްވާ \"ހަވީރު\"ގެ މިލްކުވެރިކަމާ މެދު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ކޯޓުން ހުކުމެއް ކުރަންދެން ނުވަތަ ޝަރީއަތުން ވަކި ގޮތަކަށް ކަނޑައަޅަންދެން، ހަވީރުގެ މިލްކިއްޔާތު ވިއްކާލުމުގެ އެއްވެސް ކަމެއް ނުކުރުމަށް ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެމައްސަލައިގެ އަޑުއެހުންތައް ނިންމާލައި ދެފަރާތުގެ ހުލާސާ ބަޔާން އިއްވައިފިއެވެ.
ހައިކޯޓުގައި މިއަދު ހެނދުނު ބޭއްވި އަޑުއެހުން ނިންމާލައްވައި ކޯޓުން ބޭރަށް ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ދައުވާ ރައްދުވާ ފަރާތުގެ ގާނޫނީ ވަކީލު އިބްރާހިމް ރިޒާ ވިދާޅުވީ ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރާމެދު ހައިކޯޓުން ގޮތެއް ނިންމުން އެމައްސަލާގައި ދެންއޮންނަ އަޑުއެހުމުގައި އޮންނާނެ ކަމަށް ގާޒީ ވިދާޅުވެފައިވާ ކަމަށެވެ.
"ހަވީރު ނޫސް އެޖެންސީ"ގެ މިލްކިއްޔާތު ވިއްކާލުމުގެ އެއްވެސް ކަމެއް ނުކުރުމަށް ސިވިލް ކޯޓުން ކުރި ވަގުތީ އަމުރަކީ ހަވީރުގެ މިލްކުވެރިކަމާ ގުޅޭ ގޮތުން ހަވީރު ނޫސް އެޖެންސީގެ ކުރީގެ ދެ މުއައްސިސުން ކަމަށްވާ އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަން ކުރާ ދައުވާއާ ގުޅިގެން، އަދި އެބޭފުޅުން އެދިގެން ނެރެފައިވާ ވަގުތީ އަމުރެކެވެ.
އެ ދެ ބޭފުޅުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދައުވާގައި ބުނެފައި ވަނީ ހަވީރު ނޫހާއި ޗާޕްހާނާ އާއި އެންމެހާ ވިޔަފާރި ހިންގަމުން އަންނަނީ ހަވީރުގެ ޗެއާމަން ޑރ.މުހައްމަދު ޒާހިރު ހުސެއިން އާއި އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު އަދި މުހައްމަދު ނައީމް ނަމަކަށް ކިޔާ މީހަކު އެއްވަރަށް ހިއްސާވާ ގޮތަށް 1 އޭޕްރީލް 1983 ވަނަ އަހަރު ގާއިމުކުރި އެއްބަސްވުމެއްގެ ދަށުން އުފެއްދި ހަވީރު ނޫސް އެޖެންސީގެ ދަށުން ކަމަށެވެ.
އަދި އެ އެއްބަސްވުމުގައިވާ ގޮތުން ހަވީރުގެ މުދަލާއި ލިބޭ ފައިދާ ބަހަން ޖެހެނީ ހަތަރު މުއައްސިސުންގެ މެދުގައި އެއް ހަމައެއްގެ ދަށުން ކަމަށްވާ އިރު މިހާތަނާ ޖެހެންދެންވެސް ހަވީރުގެ ވިޔަފާރި ކުރިއަށް ގެންގޮސްފައި ވަނީ އަނެއް ތިން މުއައްސިސުންނަށް އެއްވެސް އެންގުމަކާ ނުލައި އަދި އެއްވެސް ފައިދާއެއް ވެސް ނުލިބޭ ގޮތަށް ޒާހިރު ހުސައިން އަމިއްލަ އަށް ކަމަށެވެ.
ހަވީރު ވިއްކާލުން ހުއްޓުވި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ