ތައިލެންޑުގެ އިންތިހާބު ބާތިލްކުރަން ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި

މިމަހުގެ ދެވަނަ ދުވަހު ތައިލޭންޑުގައި ބޭއްވުނު އާއްމު އިންތިހާބު ބާތިލުކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.
ތައިލޭންޑުގެ އިދިކޮޅު ފަރާތްތަކުން އިންތިހާބު ބާތިލުކޮށްދިނުމަށް އެދި އެގައުމުގެ ދުސްތޫރީ ކޯޓަކަށް މައްސަލަ ވައްދާފައިވަނީ އިންތިހާބު ބޭއްވުމަށް އެކަށީގެންވާ މާހައުލެއް ނެތި ވެސް އިންތިހާބު ބޭއްވުމާއި، އަދި އިންތިހާބުގެ ވޯޓުލުން ހުރިހާ ސަރަހައްދެއްގައި ކުރިއަށް ނުދިއުމުގެ އިތުރުން އިދިކޮޅު ފަރާތްތަކުން ބޮއިކޮޓުކޮށްފައިވަނިކޮށް އިންތިހާބު ބޭއްވުމުން އެއީ ސައްހަ އިންތިހާބަކަށް ނުވާނެ ކަމަށް ބުނެ އެވެ.
އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލަ ކޯޓުން ބޭރުން ކޮށްލުމަށްފަހު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އިންތިހާބު ބާތިލުކޮށް ދިނުމަށް އެދި މައްސަލަ ހުށަހެޅި ނަމަވެސް އެމައްސަލަ ކުރިއަށް ނުގެންގޮސް ބާތިލުކުރުމަށް ނިންމާފައިވަނީ އެކަށީގެންވާ ހެކި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ހުށަހެޅިފައި ނެތުމުން ކަމަށެވެ.
ސަރުކާރާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޑިމޮކްރެޓިކް ޕާޓީއާއި އެ ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އިންތިހާބު ބޮއިކޮޓްކޮށްފަ އެވެ. އަދި އިންތިހާބަށް ހުރަސް އެޅުމުގެ ގޮތުން ވޯޓުލުން ކުރިއަށްދިޔަ ބައެއް ސަރަހައްދުތަކުގައި ވަނީ ހަޅުތާލު ވެސް ކޮށްފަ އެވެ.
އިދިކޮޅު ފަރާތްތަކުގެ ހުރަސް އެޅުންތަކާއި ގުޅިގެން 28 ސަރަހައްދެއްގައި ވޯޓުލުން ކުރިއަށް ގެންދެވިފައި ނުވާތީ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މިހާރު ވޯޓުލުން ބާއްވާފައިވާ ސަރަހައްދުތަކުގެ ނަތީޖާ އިއުލާނުކުރާނީ ހުރިހާ ސަރަހައްދެއްގައި ވޯޓުލުން ބޭއްވުމަށްފަހު ކަމަށެވެ. ވޯޓުލުން ބޭއްވިފައި ނުވާ ސަރަހައްދުތަކުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އަންނަ އޭޕްރީލު މަހުގެ 27 ވަނަ ދުވަހު އެވެ.
ތައިލޭންޑުގައި މިހާރު ކުރިއަށްދާ މުޒާހަރާތަކަކީ އެގައުމުގެ ބޮޑުވަޒީރު ޔިންގްލަކް ޝިނަވަޓްރާގެ ސަރުކާރާއި ދެކޮޅަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ކުރިއަށް ގެންދާ މުޒާހަރާތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ