އަމިއްލައަށް މައްސަލަތައް ބެލުމަށް ސުޕްރީމް ކޯޓުން ސުމޯޓޯ ގަވައިދެއް އެކުލަވާލައިފި

ސުޕްރީމް ކޯޓުން އަމިއްލައަށް އިސްނަގައިގެން މައްސަލަތައް ބެލޭނެ ގޮތުގެ "ސުމޯޓޯ" ގަވައިދެއް އެކުލަވާލާ އެގަވައިދު އާންމުކޮށްފި އެވެ.
ސުޕްރީމް ކޯޓުން ބުނީ މި ގަވައިދަކީ ގާނޫނު އަސާސީގެ ދަށުން ނުވަތަ ކޯޓުތަކުގެ ގާނޫނުގެ ދަށުން އެ ކޯޓަށް ލިބިދޭ ބާރުގެ ދަށުން ނުވަތަ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން ސުޕްރީމް ކޯޓުގެ އަމިއްލަ އިސް ނެގުމަކަށް ހިންގާ ސުމޯޓޯ ޤަޟިއްޔާތައް ހިންގުމުގައި އަމަލުކުރާނެ އިޖްރާއީ އުސޫލުތައް ބަޔާންކުރާ ގަވައިދެއް ކަމަށެވެ.
އަދި ގަވައިދު ހަދާފައިވަނީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާއާއި، 144 ވަނަ މާއްދާއާއި، 156 ވަނަ މާއްދާއާއި އަދި ކޯޓު ތަކުގެ ގާނޫނުގެ 9 ވަނަ މާއްދާގެ (ޅ) އާއި 11 ވަނަ މާއްދާގެ (ހ) އާއި 22 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.
ގަވައިދުގައި ބުނެފައިވަނީ ބަލަންޖެހޭ މައްސަލަތަކުގެ ތެރެއިން މައްސަލައެއް ސުޕްރީމް ކޯޓުން ބެލުމަށް ނިންމާނީ އެ މައްސަލައަކާ ގުޅިގެން ޖަވާބުދާރީ ކުރުވަންޖެހޭ ފަރާތް ނުވަތަ ފަރާތްތައް ފަނޑިޔާރުންގެ މަޖިލީހުން ކަނޑައެޅުމަށްފަހު ކަމަށެވެ.
އަދި މައްސަލަތަކާއި ގުޅިގެން ޖަވާބުދާރީކުރުވަންޖެހޭ އެންމެހައި ފަރާތްތައް އެއީ ފަރުދަކު ކަމުގައިވިޔަސް ނުވަތަ ދައުލަތުގެ ކަމަކާ ހަވާލުވެގެން ހުރި ފަރާތެއް ކަމުގައިވިޔަސް ނުވަތަ ދައުލަތުގެ އިދާރާތަކުގެ ތެރެއިން އިދާރާއެއް ކަމުގައިވިޔަސް ނުވަތަ އެހެން ފަރާތެއް ކަމުގައިވިޔަސް ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭންޖެހޭނެކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.
ގަވައިދުގެ ދަށުން ބަލާ މައްސަލައަކީ މުޅި މުޖުތަމައުއާ ގުޅުންހުރި ނުވަތަ އޭގެ ސަބަބުން މުޅި މުޖުތަމައަށް އަސަރުފޯރާ ފަދަ މައްސަލައަކަށްވާނަމަ އެ މައްސަލައަކަށް ޖަވާބުދާރީވާންޖެހޭ އަސްލު ފަރާތުގެ އިތުރުން ދިވެހި ދައުލަތުގެ ބަންޑާރަނައިބް ނުވަތަ ޕްރޮސިކިއުޓަ ޖެނަރަލް ނުވަތަ އެ ދެ ފަރާތުން ކަނޑައަޅާ ވަކީލުން ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީވުމުގެ ފުރުސަތު ދެވޭނެ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.
ގަވައިދުގައި ބުނާ ގޮތުން ބަލާ މައްސަލައެއްގައި ޖަވާބުދާރީވާންޖެހޭ ފަރާތަކީ ދައުލަތުގެ އިދާރާއެއް ނަމަ އެތަނެއްގެ އެންމެ އިސްވެރިޔާ ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތެވެ. އަދި އެހެން ގާނޫނީ ޝަހުސެއްނަމަ އެފަރާތަކުން ކަނޑައަޅާ ފަރާތެކެވެ.
ގަވައިދުގައި އިތުރަށް ބުނެފައިވަނީ ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމުގެ ދަށުން ބަލާ މައްސަލަތައް ބަލާނީ ފަނޑިޔާރުންގެ މަޖިލީހުން އެހެންގޮތަކަށް ކަނޑަނާޅާހާ ހިނދަކު ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ބައިވެރިވާ ބެންޗަކުން ކަމަށެވެ.
އަދި ގަވައިދުގެ ދަށުން މައްސަލައެއް ބެލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅައިފިނަމަ ޝަރީއަތުގެ މަޖިލީހެއް ބާއްވާ އެއީ ކޮން މައްސަލައެއްކަން މައްސަލަ ރައްދުވާ ފަރާތަށް ޝަރީއަތުގެ ފަރާތުން ސާފުކޮށްދޭންވާނެ ކަމަށްވެސް ގަވައިދުގައި ބުނެ އެވެ.
މިގަވައިދަށް އަމަލުކުރުމުގައި ގާނޫނުއަސާސީއާ ހިލާފުނުވާ ގޮތުގެމަތިން މިނިވަން ދީމިގްރާތީ މުޖުތަމައުތަކުގައި މިބާވަތުގެ މައްސަލަތަކުގައި އަމަލުކުރާ އުސޫލުތަކަށް ރިއާޔަތްކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ