އެލްޖީއޭގެ ބޯޑު މެމްބަރު ޝުޖާއުގެ ސުލޫކީ މައްސަލަތަކެއް ބަލައިފި

ލޯކަލް ގަވަރމަންޓު އޮތޯރިޓީ (އެލްޖީއޭގެ) ބޯޑު މެމްބަރު ޝުޖާއު ހުސައިންގެ ސުލޫކީ މައްސަލަތައް އުޅޭކަމަށް އެ ބޯޑުގެ ބައެއް އެހެން މެމްބަރުންނަށް ފާހަގަކުރެވިފައި ވާތީ އެކަން އެލްޖީއޭ އިން ބަލައިފި އެވެ.
ޝުޖާއުގެ މައްސަލަ ބެލުމަށް އެލްޖީއޭއިން ކަނޑައެޅި ކޮމިޓީގައި ތިއްބެވި މެމްބަރުންނަކީ ބޯޑު މެމްބަރު މޫސާ ނަސީރު އަހުމަދާއި ބޯޑު މެމްބަރު އަންވަރު އިބްރާހިމްގެ އިތުރުން ބޯޑު މެމްބަރު ހުސައިން ނަސީރު އެވެ. މި ކޮމިޓީގެ މުގައްރިރަކަށް ހުންނެވީ އެލްޖީއޭގެ ނައިބު ރައީސް މޫސާ ނަސީރު އެވެ.
ޝުޖާއުއާ ގުޅޭގޮތުން އެލްޖީއޭ ބޯޑުގެ އެހެން މެމްބަރުންނަށް ފާހަގަކުރެވިފައިވާ ކަންކަމުގެ ތެރޭގައި، އެލްޖީއޭގެ ކަންކަމުގައި މީޑިއާ އަށް މައުލޫމާތު ދެއްވާނީ އެލްޖީއޭގެ ރައީސްކަމަށް ބޯޑުން ފާސްކުރައްވާފައި ވަނިކޮށް އެލްޖީއޭގެ ހިންގާ ގަވާއިދާއި އެލްޖީއޭ އިން މީޑިއާއަށް މައުލޫމާތު ދިނުމާބެހޭ އުސޫލުތަކާ ހިލާފަށް އެލްޖީއޭގެ ނަމުގައި މީޑިއާގައި ވާހަކަ ދެއްކުން ހިމެނެ އެވެ.
އަދި ހަމައެއާއެކު އެލްޖީއޭއަކީ ބަލިކަށި އަދި ބޭކާރު އިދާރާއެއްކަމަށް ދައްކައި ޝޯޝަލް މީޑިއާގައި ވާހަކަ ދެއްކުން ހިމެނެ އެވެ. ލޯކަލް ގަވަރމަންޓު އޮތޯރިޓީގެ ރައީސްގެ އަބުރަށް ހުތުރުވާފަދަ ވާހަކައާއި މަންޒަރު ޝޯޝަލް މީޑިއާގައި ހިއްސާކުރުމަކީވެސް ޝުޖާއުއާ ގުޅޭގޮތުން އެލްޖީއޭ ބޯޑުގެ އެހެން މެމްބަރުންނަށް ފާހަގަކުރެވިފައިވާ ކަމެކެވެ. މީގެއިތުރުން ޝުޖާއު ވަނީ ކ. ކާށިދޫން އެލްޖީއޭއަށް ފޮނުއްވި ސިޓީ އަކަށް އަމިއްލައަށް ޖަވާބު ދެއްވައިފައެވެ.
އެ ސިޓީއަކީ ކާށިދޫގައި ގެސްޓު ހައުސްއެއް ތަރައްގީކުރާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ބިޑު ހުށަހެޅި ޖޭ ހޮޓެލް އެންޑް ރިސޯޓްސްއާއި ކާށިދޫ ކައުންސިލާއި ދެމެދު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ކުލި ދައްކަމުން ގެންގޮސްފައި ނުވާތީ ކާށިދޫ ކައުންސިލުން 2013ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24ވަނަ ދުވަހު އެލްޖީއޭއަށް ފޮނުއްވި ސިޓީ އެކެވެ. އަދި އެސިޓީ އެލްޖީއޭގެ އިދާރީ މުވައްޒަފުން ލައްވައި ވަކި ގޮތަކަށް ލިޔުއްވުމަށްފަހު ޝުޖާއު ސޮއިކޮށްފައިވެ އެވެ.
ޝުޖާއު ގުޅޭގޮތުން އެލްޖީއޭގެ މުވައްޒަފުން ވެސް ވަނީ ކޮމިޓީއާ މައުލޫމާތު ހިއްސާކުރައްވައިފައެވެ. އެގޮތުން ޝުޖާއުގެ ސަބަބުން އޮފީހުގެ މަސައްކަތު މާހައުލުގައި އޭރުވެސް އަދި މިހާރުވެސް ބިރުވެރިކަން އޮތްކަން މުވައްޒަފުން ފާހަގަކުރައްވާފައިވެ އެވެ. އަދި ޝުޖާއުއާ އެކު މަސައްކަތް ކުރެއްވި އިރު ވަޒީފާއަށް ބިރު ދެއްކުމާއި އަޑު ހަރުކޮށް މުވައްޒަފުންނާ މުހާތަބު ކުރުން ވެސް ހިމެނެ އެވެ. އަދި އެގޮތަށް މުވައްޒަފުންނާ މުއާމަލާތް ކޮށްފައިވާކަން 65 ޕަސެންޓު މުވައްޒަފުން ވަނީ މައުލޫމާތު ދީފައި އެވެ.
މިކަމާއި ގުޅޭގޮތުން އަދި ޝުޖާއުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
ޝުޖާއުގެ ސުލޫކީ މައްސަލަތަކެއް ބަލާފައިވާއިރު، އެލްޖީއޭގެ ރައީސްކަމުގައި ހުންނެވި، ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފަސް މެމްބަރަކު ވޯޓު ދެއްވައި އޭނާ މަގާމުން ވަކިވެއްޖެ ކަމަށް އެ ފަސް މެމްބަރުން ވަނީ ނިންމަވައިފައެވެ. އެހެންނަމަވެސް ނާޒިމް ވަނީ، އެލްޖީއޭގެ ރައީސް ކަމުން ވަކިކުރި ވާހަކައަކީ ދޮގެއް ކަމަށް މިއަދު ވިދާޅުވެފައެވެ.
ނާޒިމް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ، އިތުބާރު ނެތްކަމުގެ ވޯޓަކީ އެލްޖީއޭ ބޯޑުގެ ފަސް މެމްބަރަކު އަމިއްލަފުޅަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށެވެ. އަދި ވިދާޅުވީ، އިތުބާރު ނެތްކަމުގެ ވޯޓު އެގޮތަށް ނުނެގޭނެ ކަމަށާއި އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރީ އެލްޖީއޭގެ ބޯޑުގެ މެމްބަރުންނަށް އެނގުމަކާ ނުލައި ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ